ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ތަރައްގީ ކުރި މުލީ އެއަރޕޯޓްގައި ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ މުލި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމާއެކު ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ހުކުރު ދުވަހު ޖައްސާފައިވާ ކަމަށެވެ.
ޓެސްޓު ފްލައިޓްގެ ގޮތުގައި ޖައްސާފައި ވަނީ ގައުމީ އެއަލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ޓެސްޓް ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައްް ހެދުމަށް ކުރާ ދަތުރެކެވެ.
މުލީ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިފެށޭ ހަފްތާ އެއަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގަ އެވެ.
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި މުލީގައި އެއަރޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2021 ގަ އެވެ.
މި މަޝްރޫއުގެ ދަށުން 17 ހެކްޓަރުގެ ބިން ހިއްކައި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމްކޮށްފައިވާއިރު، ޓެކްސީވޭއަކާއި އޭޕްރަންއެއް އަޅާފައިވެ އެވެ.
މި މަޝްރޫއަށް 212 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.