ލޭނު އަޅައިގެން މަސްވަރިކަން ކުރަން އަލުން ހުއްދަދޭން ޑރ މުއިއްޒުގެ ސަރުކާރުން ނިންމާފައިވާ ސަބަބު ދައްކަމުން 15 އޮގަސްޓް 2024 ގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސް އިން އާންމު ކުރި ނޫސް ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެ އިން ބާނާ ކަނޑުމަހުގެ ބާވަތްތަކަކީ ދުރު ރާސްތާއަށް ހިޖުރަ ކުރާ، އަދި މުޅި އިންޑިއާ ކަނޑަށް ފެތުރިފައިވާ، އެއް އާބާދީއަކުން ގިނަ ގައުމުތަކަކުން މަސްވެރިކަން ކުރާ ބާވަތެއް ކަމަށެވެ. އެހެންކަމުން މިބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަން ރާވައި، ހިންގައި، އިންޑިއާ ކަނޑުގެ ކަނޑުމަސްވެރިކަން ބަލަހައްޓާ ސަރަޙައްދީ ޖަމްޢިއްޔާ ކަމުގައިވާ އިންޑިއަން އޯޕަން ޓޫނާ ކޮމިޝަން (އައިއޯ.ޓީ.ސީ) އިން ކަމަށާއި އިންޑިއާ ކަނޑުގެ ބޮޑު ކަންނެލި އަދި ރީނދޫ އުރަހަ ކަންނެލި ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، މި ސްޓޮން ކޮންމެ ޤައުމަށް ވެސް ނެގޭނެ އެންމެ މަތީ މިންވަރެއް ވަނީ އައިއޯ.ޓީ.ސީގެ ގަރާރަކުން ފާސްކޮށްފައިވާ ކަމަށެވެ. މިގޮތުން ލޯބޮޑު ކަންނެލި ބޭނޭ އެންމެ މަތީ މިންވަރު ނުވަތަ ކޯޓާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އުޅަނދުފަހަރު ތަކުން ބޭނުމަށް ލިބިފައވަނީ އަހަރަކަށް 2000 ޓަނު ކަމަށް ބުނެފައިވެއެވެ. އަދި ރީނދޫއުރަހަ ކަންނެލި ބޭނޭނެ މިންވަރު ނުވަތަ ކޯޓާއެއްގެ ގޮތުގައި ލިބިފައިވަނީ އަހަރަކަށް 47000 (ސާޅީސް ހަތްހާސް) ޓަނު ކަމަށް އެ ބަޔާނުގައި ވެއެވެ.
އެހެން ނަމަވެސް ވޭތުވެ ދިޔަ ދެއަހަރުވެސް ވެސް ދިވެހިރާއްޖޭގެ އުޅަނދުތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވަނީ ގާތްގަނޑަކަށް 30،000 ޓަނު ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން، މުސްތަގުބަލުގައި ކޯޓާ އަލުން ކަނޑައަޅާއިރު، ޤައުމުތަކުން މަސްބާނާ މިންވަރަށް ބަލައި، ދިވެހިރާއްޖެއަށް މިހާރު ލިބިފައިވާ ކޯޓާ ކުޑަވުމަކީ އެކަށީގެންވާ ކަމަށް ވާތީ، ރާއްޖެއަށް ލިބިފައިވާ ކޯޓާ އެންމެ ފުރިހަމައަށް ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމުގައި މިނިސްޓްރީން ދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ މަގްސަދުގައި ލޭނުމަސްވެރިކަން ދިވެހިރާއްޖޭގައި އަލުން ހުޅުވައިލުމަށް ވަޒީރުންގެ މަޖްލީހުން ނިންމުމާ ގުޅިގެން، ލޭނު މަސްވެރިކަން ކުރުމާބެހޭ ގަވާއިދެއް އެ ވުޒާރާއިން އެކުލަވާލާފައިވާ ކަމަށް ބުނެފައިވެއެވެ.
ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުމުގެ ބޭނުމަކީ ކޮބާ؟
މިނިސްޓްރީގެ ނޫސްބަޔާނުން ސާފުކޮށް އެނގެން އޮތް ކަމަކީ ލޭނު މަސްވެރިކަމަށް މި ހުޅުވާލަނީ ރާއްޖެއަށް އައި.އޯ.ޓީ.ސީ އިން ދީފައިވާ ކޯޓާ ގައި ކަނޑައަޅާފައިވާ އެންމެ މަތީ މިންވަރަށް ދިވެހި މަސްވެރިންނަށް މަސް ނުބޭނޭތީ، ކޯޓާ ހުސްކޮށްލުމެވެ. އެކަން ކުރުމަށް ކޮމާޝަލް މަސްވެރިކަން ކުރާ ކުންފުނިތަކަށް ލައިސަންސް ދިނުމެވެ. އެއާ އެކު ލައިސަންސް ފީގެ ގޮތުގައި ސަރުކާރަށް އިތުރު އާމްދަނީ ހޯދުމެވެ. ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުއްދަ ދެނީ ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރަން ކަމަށް ބަޔާނުގައި ބުނެފައިވިޔަސް ލޭނު އަޅައިގެން މަސްވެރިކަން ތަރައްގީވާ ގޮތެއް ބަޔާނުގައި ބުނެފައެއް ނުވެއެވެ.
ލޭނު އަޅަން ހުއްދަ ދީގެން ރާއްޖޭގެ މަސްވެރިންނަށް ފައިދާ ވާނެތަ؟
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުއްދަދެނީ ކަންނެލި މަސްވެރިކަމަކީ ދިވެހިންނަށް ފައިދާ ހުރި މަސްވެރިކަމަކަށް ހެދުމުގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި އަތުނަނު ބޭނުން ކޮށްގެން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް މިކަމުން ވާނީ ކޮން ފައިދާއެއް ކަމެއް އެ މިނިސްޓްރީއަކަށް ބުނެއެއް ނުދެވެއެވެ. ލައިސަންސް ފީގެ ގޮތުގައި ސަރުކާރަށް އާމްދަނީ ލިބިދާނެއެވެ. އަދި ލައިސަންސް ދޭން މަގު ކޮށައިދޭތީ އެކަމަށް މަސައްކަތް ކޮށްދޭ ފަރާތްތަކަށް ބޮޑެތި ކުންފުނިތަކުން "ހަދިޔާ" ވެސް ދީފާނެއެވެ. އެހެން ނަމަވެސް މަސްވެރިންނާ މަސްވެރިންގެ އާއިލާތަކަށް މިކަމުން އޮތީ ކޮން މޮޅެއް ހެއްޔެވެ؟
ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުން ލޭނު އަޅައިގެން މަސްވެރިކަން ކުރާ ފަރާތްތަކަށް ހުއްދަދެނީ އެ މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތާއި ތަފާސް ހިސާބުތަކަށް ރިއާޔަތްކޮށް، ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާންމު ކޮށް ހަރަކާތްތެރިވާ ސަރަހައްދުން ބޭރުން ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ލައިން އިން ފެށިގެން 100 މޭލު ބޭރުން އޮންނަ ސަރަހައްދުން ކަމަށެވެ.
މިނިސްޓްރީން މަސްވެރިންނަށް ވިސްނައިދޭން އުޅެނީ، "އެމީހުން" ބާނާ މަހާއި "ކަލޭމެން" ބަނާ މަހާ ގުޅުމެއް ނެތެވެ. އެކަމަކު ހަމަ އެ ބަޔާނުގައި ކަންނެލީގެ އުޅުމާ ގުޅުން ކިޔައިދީފައިވާ ގޮތުން ލޭނު މަސްވެރިންނަށް ކަންނެލީގެ ވަކި ކޮމިއުނިޓީއެއް އަދި އަތުނަނުން މަސްބާނާ ރާއްޖޭގެ މަސްވެރިންނަށް ވަކި ކޮމިއުނިޓީއެއް އޮންނާނެ ކަމަކަށް ބުއްދި ގަބޫލެއް ނުކުރެއެވެ. އާޚިރުގައި ކަން ވެގެންދާނެ ގޮތް ކަމަށް ފެންނަނީ ލޭނު މަސްވެރިން ބާނާފައި ބާކީވާ އެއްޗެއް ނޫނީ އަތުނަނާ ހަމައަށް ނުފޯރުމެވެ.
ލައިންސަސް ލިބިގެން ބޮޑެތި އުޅަނދުތަކުން ކުރާ ލޭނު މަސްވެރިކަމާއެކު އައްސޭރިފަށާ ގާތުން ކުރާ ކަނޑުމަހާއި ކަންނެލީގެ މަސްވެރިކަން ހީނަރުވާކަން އެއީ ދިރާސާތަކުން ފެންނަން އޮތް ހަގީގަތެކެވެ. ޖަޒީރާ ގައުމުތަކުގައި ކުރާ ކުދި ފަންތީގެ މަސްވެރިކަމަކީ، ލޭނުމަސްވެރިކަން ކުރާ އުޅަނދުފަހަރާ ވާދަ ކުރެވޭނެ މަސްވެރިކަމެއް ނޫނެވެ. އިސާހިތަކު ބޮޑެތި އުޅަނދުފަހަރުގައި ލޭނު މަސްވެރިކަން ފެށުމާއެކު ކުދި ފަންތީގެ މަސްވެރިކަމަށް އަންނަ ހީނަރުކަން ފޫބައްދަން ހެދޭނެ މާ ބޮޑު ގޮތެއް ނޯވެއެވެ. މީގައި ދެމޮޅެއް ނުހޯދޭނެއެވެ. ޕެސިފިކް ސަރަޙައްދުގައި އެއްގަމާ ކައިރިން ކުރެވޭ އާދައިގެ މަސްވެރިކަން ދަށްވަމުން ދާކަމުގެ ރިޕޯޓުތައް އެހުރީ ފެންނާށެވެ. ފިޖީ، ކިރިބާސް އަދި ސަމޯއާ ފަދަ ޕެސިފިކްގެ ކުދި ޖަޒީރާ ޤައުމުތަކުގެ ތަޖުރިބާ މިކަމުގައި ފެންނަނީ މާ ބޮޑަށް ވެސް ގޯސްކޮށްނެވެ. ވަގުތީ ފައިދާ އެއް ލިބޭ އެކްސެސް އެގްރީމަންޓްތަކާ އެކު ކުރިއަށް ދާނަމަ، ކުދި ފަންތީގެ މަސްވެރިކަން ނެތިދާނެ ކަން ގަބޫލު ކުރަންވާނެއެވެ. އެކްސެސް ފީގެ ގޮތުގައި ފައިސާ ބޭނުން ނަމަ އެ ފައިސާ ހޯދާށެވެ. އެހެން ނަމަވެސް ކުދި ފަންތީގެ މަސްވެރިނަށް ލޭނު މަސްވެރިކަމާއެކު ލިބޭގެއްލުން އެއާ އެކު ބޮލުގައި އަޅަން ވެސް ވާނެއެވެ.
ސަރުކާރަށް ލިބެނީ ކޮން މޮޅެއް؟
ސުވާލު އުފެދިފައިވާ މަސްވެރިކަމަށް ސަރުކާރުން އަލުން ހުޅުވާލާއިރު އެކަމުން ދައުލަތަށާއި، ސަރުކާރަށް އަދި އާންމު ރައްޔިތުންނަށް ލިބޭނީ ކިހާވަރެއްގެ ފައިދާ އެއް ކަމެއް ބުނެއް ނުދެވެއެވެ.
ޕެސިފިކް ސަރަހައްދުގެ 2 ބިލިއަން ޑޮލަރުގެ މަސްވެރިކަމުގެ ސިނާއަތައް ބަލާއިރު ސަރަހައްދުގައި ހިމެނޭ ޖަޒީރާ ޤައުމުތަކަށް ލޭނު މަސްވެރިކަމަށް ކަނޑުގެ ބޮޑު ބައެއް ދޫކޮށްލައިގެން ލިބޭ އެކްސެސް ފީ އަކީ ނިސްބަތުން ބޮޑު އެއްޗެއް ނޫންކަން ރިޕޯޓްތަކުން ފެންނާން އެބަހުއްޓެވެ. އަނެއް ކޮޅުން، ގޮނޑުދޮށާ ކައިރި ސަރަޙައްދުގެ މަސްވެރިކަން އިންތިހާ އަށް ދަށްވެ، ބައިކެޗް ގެ ގޮތުގައި ހިފާ މަރާލެވޭ މަހާއި، ކަހަނބާއި ދޫނި ސޫފާސޫތްޕާއި އެހެން ދިރުންތަކަށް ވާ ގެއްލުމަށް ބަލާއިރު، ލޭނުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުމުގެ އިތުރުން ތިމާވެއްޓަށް އިންތިހާ އަށް ގެއްލުން ވަމުންދާކަން ޕެސިފިކް ގައުމުތަކުގެ ތަޖްރިބާއިން ފެނެއެވެ.
ޕެސިފިކް ސަރަޙައްދުގެ ޖަޒީރާ ޤައުމުތަކަށް ބަލާއިރު، 2 ބިލިއަން ޑޮލަރުގެ ކަނޑުމަހުގެ ސިނާއަތެއް އެ ސަރަހައްދުގައި އޮތް އިރު އެކްސެސް ފީގެ ގޮތުގައި ޖަޒީރާ ގައުމުތަކަށް ލިބިފައިވަނީ އޭގެ 2-5.5 ދެމެދުގެ އިންސައްތައިގެ ކުޑަކުޑަ މިންވަރެކެވެ.
މި ލިބޭ އެއްޗަކީ އެ ޤައުމުތަކުގެ ދައުލަތުގެ ބަޖެޓަށް މުހިންމު އެއްޗެއް ކަމުގައި ވިޔަސް ހަގީގަތުގައި ލޭނުމަސްވެރިކަމުން ކުންފުނިތަކުން ނަގާ އެއްޗެއްގެ ވަރަށް ކުޑަ މިންވަރެއް ނޫނީ ގައުމުތަކަކަށް ނުލިބެއެވެ.
ތަފާސް ހިސާބުން ދައްކާ ގޮތުގައި 1999 އަހަރު، އޮފްޝޯ މަސްވެރިކަމުން އެކްސެސް ފީގެ ގޮތުގައި ޕެސިފިކްގައި ހިމެނޭ 14 ގައުމަށް ޖުމްލަ ލިބިފައިވަނީ 79.3 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ އެ ގައުމުތަކުގެ ޖުމްލަ ޖީޑީޕީގެ 4 އިން އިންސައްތައަށްވުރެ މަދު މިންވަރެކެވެ.
ލޭނުއަޅައިގެން މަސްވެރިކަން ކުރަން ޝައުގުވެރިވަނީ ކީއްވެ؟
ލޯންގްލައިން މަސްވެރިކަމަށް ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން ހުޅުވާލުމުން 1997 އާއި 2002 އާ ދެމެދު ލައިސަންސް ހޯދި އުޅަނދުފަހަރުގެ އަދަދު ގާތްގަނޑަކަށް 50 އިންސައްތަ އިތުރުވެގެން ދިޔައެވެ. އެ ދިމާލަށް އުޅަނދުފަހަރު މިސްރާބު ޖެހި ސަބަބު ވަރަށް ސާފެވެ. ޕެސިފިކް ސަރަހައްދުގެ ތަޖުރިބާ އަށް ބަލާއިރު ލޭނު މަސްވެރިކަން ކުރަމުންދާ ގިނަ އުޅަނދުފަހަރަކީ އެ އުޅަނދުފަހަރުގެ އަމިއްލަ ގައުމުތަކުގައި ލޭނު އަޅައިގެން މަސްވެރިކަން ކުރަމުން ގޮސް މަސްވެރިކަން ހަލާކު ކޮށްލުމަށް ފަހު ދެން އޭގެ ފަހުން އެފްރިކާގައި ލޭނު އަޅާ އެ ސަހައްދުގެ މަސްވެރިކަން ހަލާކުކޮށްލުމަށްފަހު ޕެސިފިކް އާ ދިމާލަށް މިސްރާބު ޖެހި އުޅަނދުފަހެވެ.
ޕެސިފިކް ގައި އެކްސެސް އެއްބަސްވުންތަކުގެ އަދަދު އިތުރުވެފައިވާ އެއް ސަބަބަކީ ލޭނު މަސްވެރިކަމަށް ކުރިއަރާފައިވާ ކުންފުނިތައް ނިސްބަތްވާ ގައުމުތަކުން އެތަންތާނގެ މަސްވެރިކަން ރަނގަޅު ކުރުމުގެ ގޮތުން ކަނޑުފަޅުގެ ހިމާޔަތައް އަޅާ ފިޔަވަޅުތައް ހަރުކަށި ކުރުމެވެ. އެއީ މި ބާވަތުގެ މަސްވެރިކަން ކުރުމުގެ ސަބަބުން މަދުވެފައިވާ ނުވަތަ ނެތިދިޔުމުގެ ހިސާބަށް ގޮސްފައިވާ ބާވަތްތައް އަލުން އާލާވުމަށް މަގުފަހިކުރުމަށްޓަކައި، ބޮޑެތި ސަރަޙައްދުތަކެއް ހިމާޔަތް ކުރީއެވެ. ކުރިން ކުރަމުން ދިޔަ ގެއްލުންދެނިވި މަސްވެރިކަން މަނާކުރީއެވެ. އޭގެ ސަބަބުން އަމިއްލަ ގައުމުގައި އެ ފަދަ މަސްވެރިކަމަށް ޖާގައެއް ނެތެވެ. ދެން އެ ބޯޓުފަހަރު މިސްރާބު ޖަހަން މަޖުބޫރު ވަނީ ފައިސާ އަށް ފެންބޮވައިގެންފައިވާ ފަޤީރު ނުވަތަ ތަރައްޤީވަމުންދާ ޤައުމުތަކުގެ ކަނޑުތަކަށެވެ. މިފަދަ ކުންފުނިތަކުން އެ ފަދަ ގައުމުތަކުގެ ސަރުކާރުތަކުގެ އޮފިޝަލުންނަށް ކޮށްދޭން ޖެހޭ ކޮންމެ ކަމެއް ކޮށްދީގެން އެމީހުން ލައްވާ މި ބާވަތުގެ މަސްވެރިކަމަށް ފުރުސަތު ތަނަވަސް ކުރުވަނީއެވެ.
ލޯމަތިން ގެއްލުން، ކޮންޓްރޯލުން ގެއްލުން
ފިޝަރީޒް މިނިސްޓްރީން ބުނަނީ ލޭނު މަސްވެރިކަމުގެ ގަވައިދު އޮންނާނީ ވަރަށް ހަރުދާނާ އުސޫލްތައް އޭގައި ހިމަނާފައި ކަމަށެވެ. ކިތަންމެ ހަރުދަނާ އުސޫލެއް ހެދިޔަސް މިރާއްޖޭގައި ލޯމަތީގައި ހިނގާ ކަންކަން ރެގިއުލޭޓް ނުވެގެން އުޅޭ އިރު އަދި އައްސޭރިފަށާ 100 އެތައް މޭލު ބޭރުގައި ހިނގާ ކަމެއް ރެގިއުލޭޓް ކުރާނީ ކިހިނެއް ހެއްޔެވެ؟
ލޭނު މަސްވެރިކަމަކީ ރާއްޖެއަށް އައު ކަމެއް ނޫނެވެ. ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ފަހު އެހާ ފައިދާ ބޮޑު ކަމެއް ނަމަ އެކަން ހުއްޓާލީ ކީއްވެހެއްޔެވެ؟ ހައްތާ ވެސް ސުވާލެވެ.
ބޭރުގެ ފަރާތްތަކަށް ހުއްދަ ދޫކޮށްގެން ދިވެހިރާއްޖޭގައި ލޭނުމަސްވެރިކަން 2010 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ދެމިއޮތެވެ. ނަމަވެސް ލޭނު މަސްވެރިކަމަކީ ދިވެހި ކުންފުނިތަކަކުން ކުރާ މަސްވެރިކަމަކަށް ހެދުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ލައިސަންސް ދޫކުރުން ހުއްޓާލައި، 2011 ވަނަ އަހަރު އަލުން ލައިސަންސް ދޫކުރަން ފެށުނެވެ. އޭރުވެސް މިކަން ކުރީ ގަވައިދެއް ހަދައިގެންނެވެ. ކުރިން 75 މޭލު ބޭރުން ދޫކޮށްފައި އޮތް ހުއްދަ ފަހުން ހުއްދަ ދޫކުރި އިރު 100 މޭލުން ބޭރަށް ފެޔަށް ޖައްސާ ހައިސީސް ގައި ރީނދޫ އުރަހަ ކަންނެއްޔާ ރީނދޫއުރަހަ ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަ ދިނެވެ.
އޭރު އޮތް ގަވައިދުގައިވެސް މިހާރު މިހަދާފައި އޮތް ގަވައިދުގައި ވެސް ހުރި ހުރިހާ މޮޅު ވާހަކަތަކެއް ހުއްޓެވެ. ވެސަލް މާކިން އާއި ލޮގު ފޮތާއި ހުރިހާ ވާހަކަތަކެއް ހުއްޓެވެ. އެހެން ނަމަވެސް އާޚިރުގައި 2019 ވަނަ އަހަރު ޖެހުނީ ހުއްދަ ދިނުން ހުއްޓާލާށެވެ. ސަބަބަކީ ގަވައިދުން މަސްވެރިކަމުގެ މައުލޫމާތު ރިޕޯޓް ކުރަމުން ނުދިޔުމާއި، އެ އުޅަނދުފަހަރުން ގާނޫނާއި ގަވައިދާ ޚިލާފް ހަރަކާތްތައް ހިންގަން ފެށުމެވެ. ކުރު ގޮތަކަށް ދަންނަވާ ނަމަ ލޯމަތިން ގެއްލުމާއެކު، ކޮންޓްރޯލުން ގެއްލުނީއެވެ. ގަވައިދު އޮތީ އޮތްތާގައެވެ.
ދުނިޔޭގެ ފެންވަރުގައި ކުރެވިފައިވާ ދިރާސާތަކުން ވެސް ހާމަވަނީ ހަމަ މި ހަގީގަތެވެ. ލޭނުއެޅުމުގެ މަސްވެރިކަމުގައި އެންމެ ކުރިއަރާފައިވާ ގައުމުތައް ކަމަށްވާ އެމެރިކާ، ޗައިނާ، ތައިވާން އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުގެ ކުންފުނިތަކަށް ވަރަށް ރަނގަޅަށް އެނގޭ އެކައްޗަކީ ޖަޒީރާ ޤައުމުތަކުގެ ސަރުކާރުތަކާ އެކީ ހެދޭ މަސްވެރިކަން ކުރުމުގެ އެއްބަސްވުންތަކަކީ އެ ގައުމުތަކަށް ރަނގަޅަށް ރެގިއުލޭޓް ކުރެވި ބެލެހެއްޓޭނެ ވަސީލަތްތައް ނެތް ގައުމުތަކެއް ކަމެވެ. ލޭނުމަސްވެރިކަމަށް އަންނަ އުޅަނދުފަހަރުގައި ސަރުކާރުގެ ފަރާތުން އޮބްޒާވަރުން ނުތިބުމާ ނުވަތަ ތިބޭ އޮބްޒާވަރުން ވަރަށް މަދުވުމާއި، ވެސެލް މޮނިޓަރިންގ ސިސްޓަމްތައް ފުރިހަމަނުވުމާއި، ރިޕޯޓުކުރެވޭ ބޭނި މަހުގެ މިންވަރު ޔަޤީންކުރުވޭނެ ގޮތެއް ނުއޮތުމާއި، ގަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއްނެތި އަދި ރިޕޯޓުނުކޮށް (އައި.ޔޫ.ޔޫ) މަސްބޭނުން ހުއްޓުވުމުގެ ގާބިލްކަން ނެތްކަން ކުންފުނިތަކަށް އެނެގެއެވެ.
ގްރީންޕީސް ގެ ދިރާސާ އިން ހާމަވާ ގޮތުގައި ރިޕޯޓް ކުރާ މަހުގެ 5-15 އިންސައްތައިގެ މިންވަރަކަށް ލައިސަންސް ލިބޭ ފަރާތްތަކުން އިތުރަށް (ވަގަށް) މަސްބާނައެވެ. ލައިސަންސް ފީގެ ގޮތުގައި ލިބޭ އެއްޗަކަށް ވުރެ އިތުރަށް ވަގަށް ކުރާ މަސްވެރިކަމުގެ މައްސަލަ ބޮޑުވެ، ޕެސިފިކް ސަރަހައްދުގައި ލޭނުމަސްވެރިކަން ރެގިއުލޭޓް ކުރުން ހަރުދަނާ ކުރުމުގެ ގޮތުން ވެސްޓާން އެންޑް ސެންޓްރަލް ޕެސިފިކް ކޮމިޝަނުން 2004 ވަނަ އަހަރު އުފެއްދިއެވެ. އެހެން ނަމަވެސް ލޭނު މަސްވެރިކަމުގައި ކުރިއަރާފައިވާ ގައުމުތަކުން މި ކޮމިޝަންގައި ބައިވެރިވުމަށް ވަނީ އިންކާރު ކޮށްފައެވެ.
ބޮޑު ކަންނެލީގެ މަސްވެރިންނަށް ވީ ވައުދު ކޮބާ؟
ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގެ ބޮޑު ކަންނެލީގެ މަސްވެރިންނަށް ފޮނި ހުވަފެންތައް ދައްކަވަމުންނެވެ. ކަންނެލި ކިލޯއެއްގެ އަގު 80ރ އާއި 100ރ އާ ދެމެދުގެ އަގެއް ސަރުކާރުން ދެއްވާނޭ ކަމަށް ވިދާޅުވިއެވެ. މިފްކޯ އަކީ ބޮޑުކަންނެލި ކިރާ މަރުކަޒަކަށް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. ތެޔޮ ލިބޭ އަގު ރަނގަޅު ކޮށްދެއްވާ ތެޔޮ ލިބުން ފަސޭހަ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މިއިން އެއް ކަމެއްވެސް ސަރުކާރުގެ ހަނދާން ނެތްތާ މިހާރު ކުރާން ސަރުކާރުން މި ނުކުތީ ބޮޑު ކަންނެލީގެ މަސްވެރިންނަށް ހުރިހާ ގޮތަކުން ވެސް ނުރައްކާ ބޮޑު ގެއްލުން ބޮޑު ވައުދެއްގައި މިކަން މިހެން ކުރާނެ ކަމަށް ބުނެފައިނެތް ކަމެއް ކުރުމަށެވެ.
މިޔަރުމަސްވެރިކަމުގެ ވިޔަފާރިއަށް ހުޅުވާލުން
ލޭނުއަޅައިގެން މަސްވެރިކަމަށް ހުއްދަދޭން އަލުން ފަށާއިރު އޭގައި ފޮރުވިފައިވާ އެހެން މަސްވެރިކަމެއް އެބައޮތެވެ. އެއީ މިޔަރުގެ މަސްވެރިކަމެވެ. ފިޝަރީޒް މިނިސްޓްރީން ކިތަންމެ ރީތި ކޮށް އެކަމުގައި މަތިޖަހަން މިއީ މިޔަރުގެ މަސްވެރިކަމަށް ހުޅުވާލަނީ ނޫން ކަމަށް ބުންޏަސް، ފޮރުވިފައި އޮތީ ނުސީދާ ކޮށް މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ދިނުމެވެ. ތިމާވެށީގެ ތަޖުރިބާކާރަކު މިކަމާ ބެހޭ ގޮތުން ބުނެފައިވަނީ "ދެން އެއްގަމަށް ގެންނާނީ މުޅިންވެސް ބައިކެޗް ގެ ގޮތުގައި ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު،" ކަމަށެވެ. 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަނާކޮށްފައި އޮތް މިޔަރުގެ ވިޔަފާރިއަށް ހުޅުވާލުމަކީ ތިމާވެށީގެ ނަޒަރުން ބެލުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އެކަމުން ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ނިންމުން
ޑރ.މުއިއްޒުގެ ސަރުކާރުން މަސްވެރިކަން ތަރައްގީ ކުރުމުގެ ނަމުގައި ލޭނު އަޅައިގެން ރާއްޖޭގެ ސަރަހައްދުން ބޮޑު ކަންނެލީގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުމާއެކު އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސިނާޢީ ފެންވަރުގައި ލޭނު އަޅައިގެން ކުރާ މަސްވެރިކަމުން ރާއްޖޭގެ ކަނޑުތަކަށާއި، ކަނޑުތަކުގައިވާ ދިރުންތަކަށާއި، ސަގާފީ މަސްވެރިކަމަށާއި، ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތްތަކަށް ކުރާ ގެއްލުންދެނިވި އަސަރު މިކަމުން ލިބޭ ވަގުތީ ފައިދާ އާ އަޅާ ބަލާއިރު ބޮޑުކަމާއެކު މިއީ ޖަސްޓިފައި ކުރެވޭނެ ކަމެއް ނޫނެވެ. ކަން ބޮޑުވަނީ އެހެންވެގެންނެވެ. ދުނިޔޭގެ ގައުމުތަކުން ކޮށްފައިވާ ތަޖުރިބާ އަކީ ލޭނުއަޅައިގެން މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށްފަހު އެކަމުން ލިބޭ ގެއްލުން ބޮޑު ކަމުން އެކަން ފަހުން މަނާ ކުރަނީއެވެ. ދުނިޔޭން ފެންނަ ހަގީގަތަކީ ލޭނު މަސްވެރިކަމަކީ ލިބޭ ކުރު މުއްދަތެއްގެ ފައިދާއެކެވެ. އެކަމަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަ ހުރި ހަގީގަތަތްކަށާއި، ލިބެން ހުރި ދިރާސާތަކުގެ ނަތީޖާ އަށް ބަލާއިރު، ލައިސަންސް ފީގެ ގޮތުގައި ކުރުމުއްދަތެއްގައި ސަރުކާރަށް ފައިސާ ކޮޅެއް ހޯދަން، ގެއްލުން ބޮޑު މަސްވެރިކަމުގެ ގޮތްތަކަށް ދީލާލުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ދެމެހެއްޓެނިވި ތަރައްގީ މިކިޔަނީ މިހާރުގެ ޖީލުން އަހަރެމެންގެ ވެށިން ހޯދެން އޮތް ހުރިހާ ފައިދާ އެއް ހޯދާ އަންނަން އޮތް ޖީލުގެ މަތިން ހަނދާން ނައްތާލުމަކަށް ނޫނެވެ.