Advertisement
ކ. މާލެ
|
17 އޯގަސްޓް 2025 | އާދީއްތަ 20:24
ކިހާދޫގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރަން ގެންދިޔަ ސަމާނު ސައިޓުގައި
ކިހާދޫގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރަން ގެންދިޔަ ސަމާނު ސައިޓުގައި
ރާއްޖެއެމްވީ
ބ، ކިހާދޫ
ކިހާދޫގެ ފެނާ ނަރުދަމާ މަޝްރޫޢު މުޅިން ހުއްޓި، މަސައްކަތައް ގެނައި ތަކެތި ހަލާކު ވަނީ
ބ. ކިހާދޫގެ 34.3 މިލިއަން ރުފިޔާގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު ވަނީ މުޅިން ހުއްޓިފަ
ރައީސް މުޢިއްޒުގެ ސަރުކާރުން ފެނަކައަކީ ފެނާއި ނަރުދަމާ އެޅުމުގެ ޤާބިލުކަން ހުރި ފަރާތެއް ނޫން ކަމަށް ބުނެ މަޝްރޫޢު ހުއްޓާލި
މަޝްރޫޢުގެ މަސައްކަތް ލަސްވަމުން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް އިތުރުވަމުންދޭ

ބ. ކިހާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު މުޅިން ހުއްޓިފައިވާ ކަމަށާއި، މިއީ ރަަށު ރައްޔިތުންގެ ހުރި ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ސަރުކާރުން މިކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ކިހާދޫ ކައުންސިލްގެ ރައީސް ހުސެން ޝާފިއު ވިދާޅުވެއްޖެއެވެ.

ކިހާދޫގެ ފެނާ ނަރުދަމާގެ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި 34.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި ފެށި މަޝްރޫޢެކެވެ.

2021 ވަނަ އަހަރުގެ ޑިސެންބަރު 21 ވަނަ ދުވަހު ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެވުނު މި މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ހުރިހާ ސާމާނެއް ފެނަކައިން ވަނީ ރަށަށް ގެނެސްފައެވެ. ނަމަވެސް، ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރު އައުމާއެކު، މި މަޝްރޫޢު އަމިއްލަ ފަރާތަކާ ހަވާލުކޮށް، އިތުރު ސާމާނު ގެނައުމަށްފަހު މަސައްކަތް ފެށިއެވެ. ނަމަވެސް ފަހުން މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލިއެވެ.

ކިހާދޫ ކައުންސިލްގެ ރައީސް ހުސެން ޝާފިއު ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރު ފެށުނީއްސުރެ މިއަދާ ހަމައަށްވެސް މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެއެވެ. މި މަސައްކަތް ހުއްޓިފައިވަނީ ރައީސް މުޢިއްޒުގެ ސަރުކާރުން ފެނަކަ އަކީ ފެނާއި ނަރުދަމާ އެޅުމުގެ ޤާބިލުކަން ހުރި ފަރާތެއް ނޫން ކަމަށް ބުނެއެވެ.

އެހެންނަމަވެސް، މިހާރުގެ ސަރުކާރުން މި މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުން، އެ ކުންފުނިން ވަނީ އަނެއްކާވެސް މި މަސައްކަތް ފެނަކައާ ހަވާލުކޮށްފައެވެ. މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުން ވަނީ ބޮޑު ކަންބޮޑުވުމެއްގައެވެ.

ރަށު ކައުންސިލުން ފާހަގަކުރާ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް ލަސްވަމުން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް އިތުރުވަމުންދެއެވެ. އަދި ކުރިން ގެނެވިފައިވާ ސާމާނުތައް ވެސް ހަލާކުވަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.

- ކޮމެންޓް