ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 2 އަހަރު ވެގެންދާއިރުވެސް ބ. ކިހާދޫއަށް ކޮށްދެއްވަން ވެވަޑައިގެންނެވި އެއްވެސް މަސައްކަތެއްގެ އަމަލީ މަސައްކަތް ނުފެށޭކަން ހާމަވެއްޖެއެވެ.
ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ކިހާދޫއަށް ވަޑައިގެން ރައީސް މުއިއްޒު އިފްތިތާހުކޮށްދެއްވި ހަމައެކަނި މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އެރަށުގައި ކުރިއަށްގެންދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ. އަދި މިވީ ދޮޅު އަހަރަށްވުރެ ގިނަ ދުވަހު މި ސަރުކާރުން އެރަށުގައި އެއްވެސް މަސައްކަތެއް ފަށާފައި ނުވާއިރު، ރައީސްގެ މި ދަތުރުފުޅުގައި ކިހާދޫ ސްކޫލުގެ މަލްޓި-ޕަރޕަސް ހޯލާއި، އަދި ކުލާސްރޫމްތައް ހިމެނޭ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ޕްރޮޖެކްޓުގެ އިތުރުން ދެންހުރި މަޝްރޫޢުތައްވެސް އިންތިޚާބުގައި ވަޢުދުވެޑައިގެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އިފްތިތާޙުކުރި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމިގެން މިއަދު ފާހަގަކުރި ނަމަވެސް، އަދި މުޅި މައްސަލަ ހައްލެއް ނުވާ ކަމަށާއި، މިހާރުވެސް އިތުރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާ މަޝްރޫޢެއް އަނެއްކާ އެކަމަށްވެސް ހިންގަން ނިންމާފައިވާ ކަމަށާއި، އެ މަޝްރޫޢު މި އަންނަ އަހަރަށް ބަޖެޓް ކުރައްވާނެ ކަމަށެވެ. އަދި ބަޖެޓުކޮށް، މި އަންނަ އަހަރު ތެރޭގައި، ކިހާދޫގައި ދެން ހިމާޔަތްކުރަން އޮތް ސަރަޙައްދުވެސް އިރާދަކުރެއްވިއްޔާ ހިމާޔަތްކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން އިންޖީނުގެ އެހެންތަނަކަށް ބަދަލު ނުކުރެވޭކަމަށްވެސް ރައީސް މުއިއްޒުވަނީ އެއްބަސްވެވަޑައިގެންފައެވެ.
އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވެފައި އޮތް ވަޢުދެއް، މި ރަށުގައި ހުރި އިންޖީނުގެ ހުރިތަން ބަދަލުކުރަން. ފެނަކައިން އަދި އެ މަޝްރޫޢެއް ފެށޭގޮތެއް ނުއެއްވޭ. އަޅުގަނޑުމެން މި ގެންދަނީ ތަރުތީބުކޮށްގެން، ވީހާވެސް އަވަހަކަށް މި މަސައްކަތް ފެށޭނެގޮތް ހަދަން މަސައްކަތް ކުރަމުން. އެހެންވީމާ، މި މުހިންމު މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި އަހަރުގެ ތެރޭގައި، މި ދެންނެވިހެން އިންޖީނުގެ ބަދަލުކުރުން، އަދި އޮފީސް، ފެނަކައިގެ ހުރިހާ ކަމެއް ހިމެނޭގޮތަށް، އާ ޢިމާރާތެއް އެޅުން. ކައުންސިލުން ދައްކައިދީފައިވާ، ހަމަޖައްސާފައިވާ ބިމުގައި، އާ ޢިމާރާތެއް އެޅުމުގެ މަސައްކަތް ޢަމަލީގޮތުން މި ރަށުގައި އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން. އޭރުން އިރާދަކުރެއްވިއްޔާ، އެކަން ހައްލުވީމާ ތިޔަބޭފުޅުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ފަސޭހަތައް ލިބިގެންދާނެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު![]()
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ކިހާދޫއަށް ވެވަޑައިގެންނެވި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ޖާގަ އިތުރުކުރުމުގެ މަސައްކަތާއި، އެމްބިއުލާންސް ހޯދުމުގެ ވައުދުފުޅުވެސް ނުފުއްދިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރަށް ދޮޅުއަހަރުވި އިރު މިއިން އެއްވެސް ކަމެއް ނުވެ ހުރިކަން ގަބޫލުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މަސައްކަތް ތަރުތީބުކޮށްގެން، މި އަހަރުގެ ތެރޭގައި އެމްބިއުލެންސް ހޯދައިދީ، އަދި މި އަންނަ އަހަރަށް ބަޖެޓު ހަދާއިރުގައި ޖާގަ އިތުރުކުރުމަށް ހިމަނުއްވާނެ ކަމަށެވެ.
މީގެ އިތުރުން ޒުވާނުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން ފުޓްބޯޅަ ދަނޑުގެ ޓާފުގެ މަސައްކަތް ރަނގަޅަށް ނުގެންދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ޔޫތް ސެންޓަރުގެ މަސައްކަތުގެ އަމަލީ މަސައްކަތް އަދި ނުފެށޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު އެކަންވެސް ފެށޭނެ ކަމަށާއި، އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތާއި، އަދި ކުޑަކުދިންގެ ޕާކެއް އަޅައިދިނުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ކަންތައްތަކަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެރަށަށް ވަޑައިގެން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކެވެ. ނަމަވެސް މިހާތަނަށް އައި އިރު ސްކޫލުގެ މަސައްކަތް ހަވާލުކުރުން ފިޔަވައި އިތުރު އެއްވެސްކަމެއް ކިހާދުއަށް ސަރުކާރުން ކޮށްދީފައި ނުވެއެވެ.