އޭޕްރީލް 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ މަތިން ގެ އެއްގެ ފުރާޅަށް، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން އާއްމުކުރި ސީސީޓީވީ ފުޓޭޖުން ދެކޮޅު ނުޖެހޭ ގިނަ ކަންކަން ހާމަވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ފުލުހުންގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާދިސާގެ ސީސީޓީވީ ފުޓޭޖް ލައިވްޓީވީގައި ދައްކާފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަމުންނެ އެވެ.
އެގޮތުން ފުލުހުން ސީސީޓީވީ ފުޓޭޖް ދެއްކި އިރު ވަރަށް ބޮޑަށް އެޑިޓްކޮށްފައިވާ ކަމަށާއި ބައެއް މަންޒަރު ދެއްކިއިރު ގަޑި ނުފެންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެއެވެ.
ވީޑިއޯއިން ފާހަގަކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި ފިރިހެން ކުއްޖާ ޓީޝާޓް ލައިގެން އައިސް އަންހެންކުއްޖާ ސިޑިމަތީ ހުރެ ދެމީހުން ވާހަކަ ދެއްކުމަށްފަހު ފިރިހެންކުއްޖާގެ އަތުގެ ހަރަކާތުން މައްޗައް ދާށޭ ބުނާތަން ފެނެއެވެ.
އަދި އަންހެން ކުއްޖާގެ ހަރަކާތުން "ދާންވީތޯ" ސުވާލު އުފައްދާފަދަ ގޮތަކަށް އިޝާރާތްކުރުމަށްފަހު، އަންހެންކުއްޖާ މައްޗަށްދިޔައިރު، ފަހަތުން ފިރިހެން ކުއްޖާ މައްޗަށް އަރާ މަންޒަރުވެސް ފެނެއެވެ.
ދެން ފެނިގެންދަނީ އަންހެން ކުއްޖާ މައްޗައް ދިއުމުން ފިރިހެން ކުއްޖާ 7ވަނަ ފްލޯގައި މަޑުކޮށްގެން ހުރިތަނެއެވެ. މިމަންޒަރު ފެންނަ އިރު އެއްވެސް ގަޑިއެއް ފުޓޭޖުން ނުފެނެއެވެ. މިއީ ކޮންއިރެއްގެ މަންޒަރެއް ކަމެއް ސާފެއް ނުވެއެވެ. ފުލުހުން ބުނާ ގޮތުގައި އެތަނުގައި އެކުއްޖާ މަޑުކޮށްގެން ހުރީ ދޮރުގައި ޓަކި ޖެހުމަށްފަހުގައެވެ. އެތަނުގައި މަޑުކޮށްގެން ހުރި ވަގުތުކޮޅުގައި ފިރިހެންކުއްޖާގެ ފޯން ޗެކްކުރިތަން ފެނެއެވެ.
ފުލުހުން ދެއްކި މިފުޓޭޖުން ދެން ފެނިގެންދިޔައީ ފިރިހެން ކުއްޖާ ފުރަތަމަ ފަހަރަށް ޓެރަސް އަށް އަރަން މަސައްކަތް ކޮށް ދޮރު ނުހުޅުވުމުން، ދެވަނަ ފަހަރަށް އަރާ އެފަހަރު މަސައްކަތް ކުރުމަށްފަހު ކުޑައިރުކޮޅަކަށް ގެއްލުތަނެއެވެ. ދެން ފެންނަނީ ހަމައެދޮރުން ގޭތެރެއަށް ވަދެގެން ބެލްޓް ރަނގަޅު ކުރަމުންދާ މަންޒަރެއެވެ. އެއަށްފަހު ފެންލައިޓުން ބޭރު ބަލަން ފެށިތަން ފެނެއެވެ.
4:51 މިނިޓްގައި ފިރިހެން ކުއްޖާ ލިފްޓަށް އަރަން މަސައްކަތްކޮށްފައި 4:52ގެ މައްޗަށް ގޮސް އަނެއްކާވެސް 4:53 ވަނަ މިނިޓްގައި ތިރިއަށް އައިސް، އަނެއްކާވެސް ލިފްޓްއަށް އަރާ މަންޒަރު ފެންނައިރު، ފައިވާނަށް އަރައިގެން ހުންނަތަން ފެނެއެވެ. އެނބުރި 5:05 ގައި ލިފްޓްއިން ފައިބާއިރު ފެންނަނީ ފައިވާނުގެ އެއް ކިބައަށް އަރައިގެން ހުންނަ ތަނެއެވެ. އަދި ބެލްޓް ރަނގަޅު ކޮށްލުމަށްފަހު ތިރިއަށް ދަމުން ފެން ލައިޓުން ބަލާތަން ފެނެއެވެ. އަދި އެއަންހެން ކުއްޖާއަށް ގޮވާލާ އަޑުވެސް އިވެއެވެ.
އެއަށްފަހު މަގުމައްޗަށް ނިކުމެ ދެކޮޅަށް ހިނގާތަންވެސް ފެނެއެވެ. އަދި ޖެހިގެން ހުރި ގޭގެ ކައިރިއަށްގޮސް މައްޗަށްވެސް ބަލާ މަންޒަރު ފެނެއެވެ.
ފުލުހުން ބުނެފައިވަނީ އެގެ އަކީ އެއީ އެ ދެމީހުންނާއި ގުޅުމެއްނެތް ގެއެއް ކަމަށެވެ. ނަމަވެސް މިދެމީހުންގެ އަމަލުތައް ހުރިގޮތުން އިތުރު ބަޔަކު އުޅޭކަން ފާހަގަކުރެވެއެވެ.
އަދި ދެމީހުން ތިބީ މަސްތުވެގެން ވާނުވާ ނޭގޭ ހާލަތުގަ ނޫންކަންވެސް ސީސީޓީވީ ފުޓޭޖުން ފެންނަ މަންޒަރުތަކަށް ބެލުމުން ފާހަގަކުރެވެއެވެ.
އެހެންކަމުން އަންހެންކުއްޖާ އަމިއްލައަށް ކުޑަދޮރުން ފުންމާލަންޖެހޭ ވަރުގެ ހާލަތެއް އެތަނުގައި މެދުވެރިނުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެއެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މަންޒަރުތަކަކީ އެރޭގައި ކަންހިގައި ދިއަ ގޮތުގެ މަންޒަރުތައް ކަމަށާއި މި މައްސަލައިގައި އަދިވެސް ބަލަން ޖެހޭ ކަންކަން ހުރުމުން އެކަންކަން ބަލައި ތަހުގީގުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. ނަމަވެސް މިކަމުގައި އަދިވެސް ފޮރުވިފައިވާ ގިނަ ސިއްރުތަކެއްވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެއެވެ.