ކ. މާލެ
|
18 އޭޕްރިލް 2025 | ހުކުރު 19:03
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
މުހައްމަދު ޝަރުހާން
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު
"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން މަސައްކަތް ކުރާ ނަމަ އެއީ އަޒުލު ކުރާ ވަރު ކަމެއް"
ރައްޔިތުން އެގޮތަށް ދެކޭ ނަމަ އިންތިޚާބު ބާއްވާނީ އެއްބުރު އޮންނަ ގޮތަށް ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފަ
ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެކަން އާއްމުކޮށް އިޢުލާންކުރައްވާފަ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ނުބޭއްވުމާއި، ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިއްޖެ ނަމަ ވެރިކަމަށް އާދެވޭނެ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރުމަކީ އެއީ ރައީސް މުހައްމަދު މުއިއްޒު އަޒުލް ކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ނުބޭއްވުމާއި، ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިއްޖެ ނަމަ ވެރިކަމަށް އާދެވޭނެ ގޮތަށް ހަމަޖައްސާދިނުމަށް މަޖިލީހުގެ މެމްބަރުންގެ އަރިހުން ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އަޑު ފެތުރިފައިވާ ގޮތުގައި މި ގޮތަށް ރައީސް އެދިވަޑައިގެންފައި ވަނީ މުލިއާގޭގައި މެމްބަރުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.

އެކްސްގައި ހިއްސާކުރެއްވި މެސެޖެއްްގައި، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ އެއީ ޤާނޫނުއަސާސީ އާއި ޚިލާފު މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. އާދައިގެ މެޖޯރިޓީ އަކުން ވެރިކަމަށް އާދެވޭނެ މަގު ފަހި ކުރުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީގައި ސްތިގުރާރުވެފައިވާ އަސާސީ މަބްދައަކާއި ޚިލާފުވުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އެއީ ޑިމޮކްރެޓިކް ނިޒާމާއި ވެސް ޚިލާފު ކަމެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޑިމޮކްރެޓިކް ނިޒާމު ފުނޑާލަން މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހުވަޔާ ހިލާފުވާނެ ކަމެއް ކަމަށާއި އެއީ އަޒުލުކުރަން ޖެހޭ ވަރުގެ ކަމެއެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެކަން އާއްމުކޮށް އިޢުލާންކުރައްވާފައެވެ. އެކަން އެ މަނިކުފާނު ހާމަކުރެއްވީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުން އެގޮތަށް ދެކޭ ނަމަ އިންތިޚާބު ބާއްވާނީ އެއްބުރު އޮންނަ ގޮތަށް ކަމަށް ރައީސް ވަނީ އޭރު ވިދާޅުވެފަ އެވެ.

- ކޮމެންޓް