ށ.މިލަންދޫގައި އެއަރޕޯޓު އެޅުމަށް އެރަަށުގައި ސަރވޭ ނުކުރާތަނެއް މިހާރު ނެތް ކަމަށް އެރަށު ކައުންސިލް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ކައުންސިލަރު މެންބަރު ޝިޔާމް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިވެރިކަމުގައި މިލަންދޫގައި އެއަރޕޯޓު އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރވޭ ކުރުމުގެ މަސައްކަތް ދޭތެރެ ދޭތެއިން ކުރިއަށް ގެންދާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ އެއަރޕޯޓު އެޅުމަށް އެރަށުގައި ސަރވޭ ނުކުރާތަނެއް ނެތް ކަމަށެވެ. އަދި ރަށުގެ ރައްޔިތުން އެއަރޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދަން ވަރަށް ބޭނުންވާ ކަމަށާއި، ރަށުގެ ކޮންމެ ދިމާލަކުން ބިން ބޭނުންވެގެން އެދުނު ނަމަވެސް އެފުރުސަތު ފަހިކޮށްދޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
އެއަރޕޯޓު އަޅާށޭ ކިޔާފައި މިރަށުގައި ނޯންނާނެ ސަރވޭ ނުކުރާ އެއްވެސް ތަނެއް. އަޅުގަނޑުމެން ކައުންސިލުން މިތިބީ ރަށުގެ މެދުފަޅާފައި ދޭން ބުންޏަސް ދޭގޮތަށް. އެއަރޕޯޓު އަޅަންވެއްޖެއްޔާ. އަޅުގަނޑުމެންނަށް ހެޔޮ މިރަށުން ފައިބަންޖެހުނު.
އަހުމަދު ޝިޔާމް![]()
މިލަންދޫ ކައުންސިލްގެެ ނައިބު ރައީސް ސައިފުއްﷲ އުސްމާނު ވިދާޅުވީ އެއަރޕޯޓުގެ ސަރވޭގެ މަސައްކަތް ކުރަނީ އެއަރޕޯޓު އެޅުމަށް ނިންމާފައިވާ ސަރަހައްދުގައި ނޫން ކަމަށެވެ. އަދި މިހާރު އެއަރޕޯޓުގެ ކުރެހުމަށް ވެސް ބަދަލުތަކެއް އަންނަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތް އަޅުގަނޑުމެންނަށް ރަސްމީ ހައިސިއްޔަތުން ލިޔެކިއުމުން އައި ވަރަށް ފަހަކުން. އެކަމަކު ހިތުގައި އޮތް ގޮތަކަށް ނޫން އައި. އަޅުގަނޑުމެންނަށް ކުރެހުމުގައި އޮންނަނީ ފުއްޓަރު ފަޅީގައި. އެބޭފުޅުން މިބުނަނީ ނޫނެކޭ ތިއެއް ނޫނޭ . ފަޅުމަތީގައޭ އިންނާނީ. އެހެންވީމަ މިހާރު އެކުރެހުމަށް ބަދަލެއް ގެންނަ ވާހަކަ ބުނެފައި އޮންނަނީ. ސަރވޭ ވެސް ކުރޭ. އެކަމަކު މާ އިތުބާރު ކުރެވޭ ގޮތަކަށް ނޫން އެ ވާހަކަތައް ދަނީއެއް.
އަހުމަދު ޝިޔާމް![]()
މިލަންދޫ އެއަރޕޯޓްގެ ސަރވޭއާއި ޑިޒައިން މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވަނީ 19 އޭޕްރީލް 2024 ގައެވެ.
މިލަންދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޕްރޮޖެކްޓް ސަރވޭ ކުރުމާއި ޑިޒައިންކުރުމާއި ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓް ތައްޔާރުކުރުމަށެވެ.
588600 (ފަސް ލައްކަ އައްޑިހަ އަށް ހާސް ހަސަތޭކަ ރުފިޔާ)އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 4 މަސް ދުވަހުން ނިންމާގޮތަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި މުޅިން އަލަށް 15 އެއަރޕޯޓެއް ތަރައްގީކުރުން ކަމަށްވެސް އަމާޒު ހިފާފައިވާ ކަމަށް މީގެ ކުރިން ހާމަކޮށްފައިވެއެވެ. ނަމަވެސް މިސަރުކާރުގައި މިހާތަނަށް މުޅިން އަލަށް އެއްވެސް އެއަރޕޯޓެއްގެ އަމަލީ މަސައްކަތް ފެށިފައިނުވެއެވެ.