ދިވެހި އެތަކެއް ރައްޔިތުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ ހައްގުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވާ ނިގުޅައިގަނެފައި ވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
އަޙްމަދު ސަލީމް (މާޒް ސަލީމް) 10 އޭޕްރިލް 2025 ގައި ފުލުހަށް ހުށަހެޅި މަައްސަލައިގެ ޖަވާބުގައި ބުނެފައިވަނީ ފްލެޓް ދިނުމުގައި ދައުލަތުގެ ކަމާއިބެހޭ ވުޒާރާއިން އަމަލުކޮށްފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެވުޒާރާއަށް ޝަކުވާ ހުށަހެޅުއްވުން އެދޭ ކަމަށެވެ. އަދި ސިޓީގައި ބަޔާންކުރައްވާފައިވާ ކަންކަމަށް ބަލާއިރު އެކަމުގައި މިޚިދުމަތުން ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަމެއް އޮތް ކަމަށް ނުފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މާޒް ވިދާޅުވީ ޕޮލިހަށް ހުށަހެޅުއްވި މައްސަލައަކީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކެމްޕޭންކުރުމަށް ވަޑައިގެންނެވިއިރުގައި އެންމެ ބޮޑު ވަޢުދުފުޅަކަށް، ރައްޔިތުންނަށް ވެފައި އޮތް ވަޢުދަކީ ކުރީ ސަރުކާރުން ދީފައި ހުރި ފްލެޓުތަކާއި ގޯތިތައް އެހުރިގޮތަކަށް، ލިބިދީފައި ހުރި ފަރާތްތަކަށް އެހުރިގޮތަކަށް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ވައުދުފުޅުކަމަށެވެ.
އެހެންނަމަވެސް، ވެރިކަމަށް ވަޑައިގެން މަކަރާއި ހީލަތް އެކަމުގައި ހައްދަވާފައި އޮތް ކަމަށް ލިޔެކިޔުންތަކާއި އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރު ފެންނަން އެބައޮތް ކަމަށް މާޒް ވިދާޅުވެފައިވެ އެވެ.
މާޒް ވިދާޅުވީ ގިނަ ރައްޔިތުންނަށް ޕޮއިންޓު ލިބި ފުރިހަމަވި ޝަރުތަކީ އަދި ގޯތި ލިބުމަށް އެލެޖިބަލްވާ ސަބަބަކީ ސްކޫލުތަކާއި ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގައި ދަރިވަރުން ކިޔެވިކަމުގެ މަޢުލޫމާތު ކަމަށެވެ. އަދި އެއާއެކީގައި ސުޕްރީމް ކޯޓުން ނިންމާފައި އޮތް ނިންމުމެއް އޮންނާނެ ކަމަށާއި، އެ ނިންމުމުގައި އޮންނަނީ ގޯޗަކުން ބައެއް ނުވަތަ ފްލެޓެއް ނުވަތަ ފްލެޓަކުން ބައެއް އެ މީހަކަށް ލިބުނުކަމަށް އެ މުޖުތަމަޢުގައި އެކަން ޤަބޫލުކުރެވޭ ގޮތަކީ ކުއްޔަށް ހިފައިގެން އުޅޭ ފްލެޓެއް ނުވަތަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއްގައި އުޅުމަކީ އެއީކީ އޭނާގެ ތަނެއް ނޫން ކަމަށެވެ. އަދި ދައުލަތަކުން ވަކި ތަނެއް ކަނޑައަޅާފައި އެ މީހެއްގެ މައްޗަށް އެއީ މިވެނި މީހެއްގެ ތަނެއްކަމަށް ދައުލަތަކުން ބުނެފައި އޮތްކަމަށް ވާނަމަ އޭނާގެ މައްޗަށް ޙައްޤުތަކެއް އުފެދޭނެކަމަށާއި، އެއީ އޭނަގެ ތަނެއްކަމަށް ސާބިތުވާކަމަށް އޮންނަ ކަމަށެވެ.
މާޒް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާފައި އޮތް ރަޢުޔު އެގޮތަށް އޮތްއިރުގައި ކުރީ ސަރުކާރުން ލިސްޓުގައި ނަންޖަހާފައި، އެގްރީމެންޓް ހަދާފައި، ރަޖިސްޓްރީ ހަދާފައި، ސިއްކަ ޖަހާފައި ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ހައްގު ނިގުޅައިގަނެވޭނެ އެއްވެސް އުސޫލެއް ނެތް ކަމަށް މާޒ ވިދާޅުވިއެވެ.
ފުލެޓް އަދި ގޯތީގެ މައްސަލާގައި ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވަމުންނެއެވެ. އަދި މިކަމާއި ގުޅިގެން އެތައް ބަޔަކު ވަނީ މުޒާހަރާކޮށް އަޑުއުފުލާފައެވެ.