ކ. މާލެ
|
10 އޭޕްރިލް 2025 | ބުރާސްފަތި 19:21
މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް
މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް
ރާއްޖެއެމްވީ
ރާއްޖެއަށް ބޭސް އެތެރެކުރުން
ބޭސް ލިބުމުގެ ދަތިކަން އެއްކޮށް ހައްލެއް ނުވޭ: މިނިސްޓަރ
މިމައްސަލަ ދިމާވެފައިވަނީ ބޭސް ސަޕްލައިގެ ޝޯޓޭޖް ލިބުމުގައި ދަތިތަކެއް ހުރުމުން
މިފަދަ ކަންކަމަކީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ވަރަށް ގިނަ ބައެއްގެ މަސައްކަތުން ހައްލުކުރެވޭނެ ކަންތައްތައް

ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވީ ނަމަވެސް އަދިވެސް އެއްކޮށް މިމައްސަލައަށް ހައްލު ނުލިބޭ ކަމަށް ހެލްތް މިނިސްޓަރ އަބުދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޢުލޫމާތުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ އެސްޓީއޯގެ ފާރމަސީތަކުން ބައެއް ބޭސްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި މިމައްސަލަ ދިމާވެފައިވަނީ ބޭސް ސަޕްލައިގެ ޝޯޓޭޖް ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެކު މިމައްސަލަ ހައްލު ކުރުމަށް ކުރި މަސައްކަތުން ރަނގަޅު ނަތީޖާއެއް ފެނިފައިވާ ކަމަށާއި އަދިވެސް އެއްކޮށް މައްސަލަ ހައްލު ނުވާ ކަމަށެވެ.

އަދި މިފަދަ ކަންކަމަކީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ވަރަށް ގިނަ ބައެއްގެ މަސައްކަތުން ހައްލުކުރެވޭނެ ކަންތައްތައް ކަމަށާއި މިހާރު މިމައްސަލަ ހައްލުކުރުމަށް މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތް ނިމުމުން ބޭސް ލިބުމުގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ބޭސް ލިބުމުގެ މައްސަލަ ހައްލު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން އެސްޓީއޯއަށް ބޭސް ސަޕްލައި ކުރުމަށްޓަކައި އެސްޓީއޯގެ ނިޒާމް ވަރުގަދަ ކުރުން. ބޭހުގެ ކަންކަން ބެލެހެއްޓުމަށް ގަވަނަންސް ހަރުދަނާ ކުރުން، މުވައްޒަފުން އިތުރުކުރުމާއި، އަދި އާސަންދަ ޕޯޓަލްއަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމުގެ މަސައްކަތްތައް ހިމެނޭ.

ހެލްތް މިނިސްޓަރ އަބުދުﷲ ނާޡިމް އިބްރާހިމް

މީގެ ކުރިން ރައްޔިތުންނަށް ދަތިނުވާ މިންވަރަށް ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، މިދާއިރާގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކުން ބުނެފައިވަނީ މި ސަރުކާރުގެ ކުރިން އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ބޭސްތައް އެތެރެ ކޮށްފައިވަނީ ވަރަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ކަމަށާއި، ރައްޔިތުންނަށް ބޭސް ލިބުމުގައި ދަތިކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

ރާއްޖޭއަށް ބޭނުންވާ ހުރިހާ ބޭހެއް އެންމެ ކުންފުންޏަކުން ގެނައުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ކުރިން ވެސް ހުރިހާ ބަލިތަކަށް ބޭނުންވާ ބޭސް އެތެރެ ކުރަމުންދަނީ ހަމަ އެކަނި އެސްޓީއޯއިން ނޫން ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދިޔައީ ޕްރައިވެޓް ކުންފުނިތަކާ ގުޅިގެން އެއްބަސްވުމެއްގެ ދަށުންނެއެވެ.

މަޝްވަރާއެއް ކުރުމެއްނެތި ސަރުކާރުން ބޭހުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ޕްރައިވެޓް ސެކްޓަރގެ ފާމަސީތައް ހިންގަން ޖެހުނީ ގެއްލުމުގައެވެ. އާއްމު ރައްޔިތުންނަށް ޕްރައިވެޓް ފާމަސީތަކުން އާސަންދައިގެ ޚިދުމަތުން ބޭސް ދިން ނަމަވެސް އެ ފާމަސީތަކަށް އާސަންދައިން ދޫކުރަންޖެހޭ ފައިސާ މިހާތަނަށް ދޫކޮށްފައިނުވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

- ކޮމެންޓް