Advertisement
ކ. މާލެ
|
6 ޖުލައި 2025 | އާދީއްތަ 13:04
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ބޭސް ނުލިބޭ މައްސަލަ
ބޭސް ނުލިބޭ މައްސަލަ ހައްލު ކުރުމަށް އައު ކުންފުނިތައް ހެދި ނަމަވެސް މައްސަލަ ހައްލެއް ނުވާނެ: އަމްރު
ވިއްކާ ބޭސް ސިޓީއަށް އާސަންދައިން ފައިސާ ދޫނުކުރޭ
އާސަންދަ ޕޯޓަލްގައި އަޅާފައިހުރި ބޭހުގެ އަގުތަކަކީ ވަރަށް ދަށް އަގުތަކެއް، ދެކޮޅު ނުޖެހޭ
ކޮވިޑް-19ގައި ގައުމުތައް ބަންދުކޮށްފައި އޮތްއިރު ވެސް ރާއްޖެއަށް ބޭސް އެތެރެކޮށްފައިވޭ
f

ދިިވެހިރާއްޖެއިން ބޭސް ނުލިބޭ މައްސަލަ ހައްލު ކުރުމަށް އައު ކުންފުނިތައް ހެދި ނަމަވެސް މައްސަލަ ހައްލުނުވާނެ ކަމަށާއި، މި ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރަން ޖެހޭ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަމްރު ވިދާޅުވީ މި ސަރުކާރުގައި ރާއްޖެއަށް ބޭސް ނުލިބޭ ކަމަށާއި، އެކަމުގެ ޝަކުވާ ވަރަށް ބޮޑު ކަމަށެވެ. ބޭސް ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާއިރު، މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ އައު ކުންފުނިތައް އުފެއްދި ނަމަވެސް އަސްލު މައްސަލަ ހައްލުނުވާނެ ކަމަށް އަމްރު ވިދާޅުވިއެވެ. މިއީ އަމިއްލަ ކުންފުނިތަކާއި، އެސްޓީއޯގެ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭސް ލިބުން ދަތިވި ސަބަބުތަކަށް އިޝާރާތް ކުރައްވައި އަމްރު ވިދާޅުވީ ބޭސް ވިއްކަމުން އައި ކުންފުނިތަކަށް ސަރުކާރުން ފައިސާ ނުދޭ ކަމަށާއި، ވިއްކާ ބޭސް ސިޓީއަށް އާސަންދައިން ފައިސާ ދޫނުކުރާ ކަމަށެވެ. އަދި ވިދާޅުވީ އާސަންދަ ޕޯޓަލްގައި އަޅާފައިހުރި ބޭހުގެ އަގުތަކަކީ ވަރަށް ދަށް އަގުތަކެއް ކަމަށާއި، ދެކޮޅު ނުޖެހޭ ކަމަށެވެ.

ތިން ވަނަ ކަމަކީ އެމްއެފްޑީއޭއިން ވަރަށް ބައިވަރު އުދަނގޫތަކެއް ކުރޭ ބޭސް އެތެރެ ކުރާ ފަރާތްތަކަށް. އަދި ބޭސް އެތެރެ ކޮށްކޮށް ހުއްޓާ ވެސް ޓަސްލާފައި އެބަބުނޭ މިހާރު ތި ބޭހެއް ނުގެނެވޭނެއޭ. ތި ބޭސް ގެންނަންޏާ އަދި ޖެހޭނެއޭ މިވެނި ޑޮކިއުމަންޓްތަކެއް ގެންނަން. އެ ޑޮކިއުމަންޓްތަކަކީ ފަސޭހައިން ލިބޭނެ އެއްޗެއް ވެސް ނޫން. ދެން އަނެއްކާ ވެސް ލިބިލިބި ހުރި ބޭސް ޓަސްލާފައި އެ ހުއްޓުނީ. އެއްކަލަ ޑޮކިއުމަންޓައް ހޯދައިގެން އެއްޗެހި ގެނަން. ދަންނަވަންތޯ ޑޮކިއުމަންޓްތައް ހޯދާ ވާހަކަ ދެއްކީމަ ރާއްޖެއަށް މިގެންނަ ބޭހުގެ އަދަދަކީ އެނގޭތޯ އަޅުގަނޑު ދިޔައިން ބޭސް އުފައްދާ ފެކްޓްރީއަކަށް. އެފެކްޓްރީން ޕެނަޑޯލް އުފައްދާއިރުގައި އެމީހުންގެ މެޝިން ޖައްސާލީމަ ދެ ގަޑިއިރުގެ ތެރޭގައި އެ އަންނަ ޕެނަޑޯލްއަކީ މިރާއްޖޭގެ މުޅި އަހަރު ދުވަހުގެ ކުއަންޓިޓީ އެނގޭތޯ. އެހެންވީމަ މި ދައްކަނީ އެންމެ ބޮޑެތި އަދަދުތައް މިރާއްޖެއަށް އެތެރެކުރާ ބޭސް. އަދި އެބަހުރި ރާއްޖެއަށް އެތެރެކުރާ 200 ގުޅަ އެތެރެކުރަންޖެހޭ. 2000 ގުޅަ އެތެރެކުރަންޖެހޭ ބޭސް އަހަރަކު. އެކަމަކު ދާއިމީ ގޮތެއްގައި ބޭސް ކާ މީހުންވީމަ އެމީހުންނަށް ބޭނުންވޭ މި އެއްޗެހި. ކިހިނެތްތޯ އެޑޮކިއުމަންޓްތައް ހޯދަން އެމަސައްކަތް ކުރަނީ. ކާކުތޯ ދެނީ އެޑޮކިއުމަންޓް. ކިހައި އުދަނގޫކަމެއްތޯ އެއީ ކުރަން. އެހެންވީމަ މިހުރިހާ ކަމަކަށް ބަލަންޖެހޭނުންތޯ.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އަމްރު ވިދާޅުވީ މިސަރުކާރުގެ ކުރިން ރާއްޖޭއަށް ބޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާ ކަމަށެވެ.

ކޮވިޑް-19ގެ ދަތިހާލުގައި ގައުމުތައް ބަންދުކޮށްފައި އޮތްއިރު ވެސް އިންޑިއާ ހިމެނޭ ގޮތަށް އެހެން ގައުމުތަކުން ވެސް ރާއްޖެއަށް ބޭސް އެތެރެ ކޮށްފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ ބޭސް ނުލިބޭ މައްސަލަ ހައްލުވާނީ ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްގެން ކަމަށާއި، މައްސަލަ ކުރިމަތިވީ ވެސް އެސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި އެކަންކަން ރަނގަޅު ނުކޮށް ގިނަ ކުންފުނިތަކެއް އުފެއްދި ނަމަވެސް މައްސަލައަށް ހައްލު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ރާއްޖެއަށް ބޭސް އެތެރެ ކުރަން ޚާއްސަ ކުންފުންޏެއް ހަދަން ނިންމާފައެވެ. މި މަސައްކަތާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ކުންފުންޏެއް އުފައްދަން ވަޒީރުންގެ މަޖިލީހުން ޖޫން މަހު ނިންމާފައިވާ ކަމަށެވެ. އަދި އެސްޓީއޯ އިން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް އެ ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް މި ކުންފުނި އުފައްދާ ތާރީހެއް އަދި ކުންފުންޏަށް ކިޔާ ނަމެއް ވެސް މިނިސްޓަރު ނާޒިމް ހާމަކުރައްވާފައެއް ނުވެ އެވެ.

- ކޮމެންޓް