ކ. މާލެ
|
23 އޭޕްރިލް 2025 | ބުދަ 05:57
ޕޮއިންޓް ޓޫ ފާރމަސީ: ފާރމަސީތަކުން ބޭސް ނުލިބޭ މައްސަލަ އަދިވެސް ހައްލުނުކުރެވޭ
ޕޮއިންޓް ޓޫ ފާރމަސީ: ފާރމަސީތަކުން ބޭސް ނުލިބޭ މައްސަލަ އަދިވެސް ހައްލުނުކުރެވޭ
ރާއްޖެއެމްވީ
ފާމަސީތަކުން ބޭސް ނުލިބޭ މައްސަލަ
ދާއިމީ ބަލިތަކަށް ބޭސް ކާ ފަރާތްތަކަށް ބޭނުންވާ ބޭސް ނުލިބޭ ކަމަށް ބުނެ އާންމުންގެެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި
އާންމުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސް ކާ ފަރާތްތަކުން އެސްޓީއޯ ބޭސްފިހާރަތަކުން ބޭސް ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ވަނީ ފަށާފަ
ފާރމަސީތަކުން ބައެއް ބޭސް އެއްގޮތަކަށް ވެސް ނުލިބޭ ކަމަށް ބައެއް ބަލިމީހުން ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވޭ

ދާއިމީ ބަލިތަކަށް ބޭސް ކާ ފަރާތްތަކަށް ބޭނުންވާ ބޭސް ފާރމަސީތަކުން ނުލިބޭ ކަމަށް ބުނެ، އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މި މައްސަލަ ބޮޑުވެފައިވަނީ، މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިވާ ލިސްޓުގައި ހިމެނޭ ހުރިހާ ބާވަތެއްގެ ބޭހެއް ވެސް، އޭޕްރީލް 15އިން ފެށިގެން އެސްޓީއޯ ބޭސްފިހާރަތަކުން ދަތިކަމެއް ނެތި ލިބޭނެ ކަމަށް މިދިޔަ ފެބްރުއަރީ 24 ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

އެ މުއްދަތު ހަމަވެ، އެތަކެއް ދުވަހެއް ފާއިތުވެގެން ދިއައިރުގައި ވެސް މާލޭގެ ގިނަ ފާރމަސީތަކުންނާއި އަތޮޅުތެރޭގެ ރަށްރަށުގެ ފާރމަސީތަކުން ބޭސް ނުލިބޭ ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ ދާއިމީކޮށް ބޭސް ބޭނުންކުރަން ޖެހޭ ބަލިމީހަކަށް ބޭނުންވާ ބޭސް ހޯދުމަށް އެތައް ފާރމަސީއަކަށް ގޮސްގެން ވެސް ހަމައަށް ބޭސް ނުލިބޭ ކަމަށެވެ.

އަދި ބައެއް ބޭސް އެއްގޮތަކަށް ވެސް ނުލިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ގައުމީ ލޯބި އާލާ ކުރުމުގެ ގޮތުން ދާއިމަށް ބޭސް ކާން ޖެހޭ މީހުންގެ ބޭސް ކޮޅު ލިބޭނެގޮތް ހަދައިދިނުމަށް އެދި އާދޭސް ކުރާ ކަމަށެވެ.

އަދި މީގެ އިތުރުން ލޭ އަޅާ ކުދިންގެ ލޭ ފޮދު ލިބޭނެ ފަސޭހަ ގޮތެއްގެ މަގު ފަހި ކޮށްދީ، ގައުމުގެ ދަރިންނަށް ޓަކައި ކިޔަވާ ކުދިންގެ ލާރި ކޮޅު ތަންކޮޅެއް ފަސޭހައިން ލިބޭނެގޮތް ހަދައި ދިނުމަށް ގޮވާލާ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށްގެން ނަމަވެސް ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަން ވެސް އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.

"އޭޕްރީލް 15،މާޗް 15، މެއި 15، މިއީ ސަރުކާރުން ބޭސް ހަމަޔައް ލިބޭނެ ކަމަށް ބުނި ދުވަސްތައް. އެ ދުވަސްތައް ފަހަނައަޅައި ހިނގައްޖެ. އަދިވެސް ބޭހެއް ނުލިބޭ. ބޭސް ފިހާރަތަކުން ބޭސް ހަމަނުވެގެން ކަންބޮޑުވެފައި ތިބި ކިތަންމެ ބަޔަކު އެބަތިބި

ބޭސް ނުލިބިގެން ކަންބޮޑުވުން ފާޅުކުރި އާންމު ފަރާތެއް

ބޭސް ނުލިބިގެން ކަންބޮޑުވުން ފާޅުކުރަމުން އިތުރު މީހަކު ބުނެފައިވަނީ، ހުން އައިސްގެން ގައިގައި ރިއްސާތީ ޑޮކްޓަރަށް ދައްކައިގެން ބޭސް ސިޓީއަށް ލިބުނީ އެންމެ ބޭހެއްގެ ތިން ގުޅަ ކަމަށާއި ބޭސް ސިޓީގައިވާ، ޕެނަޑިންނާއި އެލެގްރާ ފަދަ ބޭސްތައް ހުރީ ހުސްވެފައި ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އޭޕްރީލް މަހުގެ ދިހަވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ގެނައުމަށް ކުރާ މަސައްކަތުގެ ނަތީޖާ މިހާރު ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ.

ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް އެސްޓީއޯގެ ބޭސް ސަޕްލައި އިތުރު ކުރުމަށް އެސްޓީއޯގެ ނިޒާމު ވަރުގަދަކޮށް، ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވަރނަންސް ހަރުދަނާ ކުރާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވެފައި ވެއެވެ.

އޭޕްރީލް މަހުގެ 15 އާއި ހަމައަށް ބޭސް ނުލިބޭ މައްސަލަ ހައްލުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ޒަރޫރީ ބޭސްތައް ނުލިބޭ މައްސަލައާ ގުޅޭގޮތުން އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދަށް ގުޅައި، މެސެޖް ކުރި ނަމަވެސް ޖަވާބު ދެއްވާފައިނުވެ އެވެ.

- ކޮމެންޓް