މެދުވެރިއެއްގެ ފަރާތުން ހަމާސް އަށް ލިބުނު ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސް އިން އެއްބަސްވެއްޖެއެވެ.
ހަމާސްގެ ވެރިޔާ ޚަލީލް އަލް ހައިޔާ ހޮނިހިރު ދުވަހު ވިދާޅުވީ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތަށް މީގެ ދެ ދުވަސް ކުރިން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި އެންމެ އިސް މެދުވެރިއެއް ކަމަށްވާ މިސްރާއި ގަތަރުން ލިބުނު ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން މިސްރާއި ގަތަރުގެ މެދުވެރި އަޚުންގެ ފަރާތުން އަޅުގަނޑުމެންނަށް ޕްރޮޕޯސަލް އެއް ލިބުނީ. އަޅުގަނޑުމެން އެކަމާ މެދު ވަރަށް ޕޮޒިޓިވްކޮށް ކަންތައްކޮށް އެޕްރޫވް ކުރީ. އަޅުގަނޑުމެން އުއްމީދު ކުރަނީ [އިސްރާއީލުން] އެކަމަށް ހުރަސް ނާޅާނެ ކަމަށް.
ހަމާސްގެ ވެރިޔާ ޚަލީލް އަލް ހަޔާ![]()
މީގެ އެއް ދުވަސް ކުރިން ހަމާސްގެ އިސް އޮފިޝަލް ބާސިމް ނާއިމް ވިދާޅުވެފައި ވަނީ އިސްރާއީލުން ޣައްޒާގައި ވަރުގަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، ފަލަސްތީނުގެ އިސްލާމީ ހަރަކާތާއި މެދުވެރިއެއްގެ މެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ހަލުވިވަމުން އަންނަ ކަމަށެވެ.
ހަމާސް ޖަމާއަތާއި ފަލަސްތީނުގެ މަސްދަރުތަކުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހަނގުރާމަވެރި ޖަމާއަތާއި މިސްރާއި ގަތަރުގެ މެދުވެރިންނާ ދެމެދު ބުރާސްފަތި ދުވަހުގެ ރޭ މަޝްވަރާތައް ފަށާފައިވަނީ ހަނގުރާމަ ހުއްޓާލުމާއި ބަނގުރޫޓުކޮށް ދޫކޮށްލުމުގެ އެއްބަސްވުން އަލުން އިއާދަކުރުމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ މެދުވެރިއެއްގެ ހުށަހެޅުން ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.
ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވަންދެން އިސްރާއިލުން ދެމުން އައި ލާއިންސާނީ އުދުވާންތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުމަކަށް އައި ނަމަވަެސް މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އިޒްރޭލުން އެ ސަރަހައްދުގައި ބޮން އަޅާ ހަނގުރާމަ އަލުން ފަށާފައިވެއެވެ.
ދޯހާގައި މަޝްވަރާތައް ފަށާފައި މިވަނީ ހަމާސް އިން ރަހީނުކުރި މީހުން ދޫކޮށްނުލައިފިނަމަ ޣައްޒާގެ ބައެއް ސަރަހައްދުތައް ހިފާނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދިންތާ އެއް ދުވަސް ފަހުންނެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިމަށް ބޮން އެޅުން ހުއްޓާނުލައިފި ނަމަ ގައިދީން އެނބުރި އަންނާނީ "ސަންދޯއްތަކުގައި" ކަމަށް ހަމާސް އިން އިންޒާރު ދީފައި ވަނިކޮށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނީ ޣައްޒާގެ ދެކުނުގެ ސެކިއުރިޓީ ޒޯންގެ ގޮތުގައި އިޒްރޭލު ސިފައިން ސިފަކުރާ ސަރަހައްދު ފުޅާކުރުމަށް ޓަކައި ޖެނެއިނާ އަވަށެއް ކަމަށްވާ ރަފާގައި "ގްރައުންޑް އެކްޓިވިޓީ" ފަށާފައިވާ ކަމަށެވެ.