ޣައްޒާ އާއި އިސްރާއީލުގައި ބަންދު ކޮށްފައި ތިބި މީހުން މިނިވަން ކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށް ހަމާސް އިން ގޮވާލައިފިއެވެ.
ހަމާސް އިން އާދިއްތަ ދުވަހު މިކަމަށް ގޮވާލާފައި ވާއިރު ދެ އަހަރާ ގާތްކުރާ ޣައްޒާ ގެ ހަނގުރާމަ ނިންމުމަށްޓަކައި މިޞްރުގައި މުހިންމު މަޝްވަރާތަކެއް ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.
މިޞްރު ހިމެނޭގޮތަށް ސަރަހައްދުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވިދާޅުވެފައި ވަނީ މި މަޝްވަރާތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓުވުން ހާސިލު ކުރުމަށް ލިބޭ "ޙަޤީޤީ ފުރުސަތެއް" ކަމަށެވެ.
"ހަނގުރާމަ ނިންމުމަކަށް ގެނެސް އަދި ދެފަރާތުގައި ބަންދު ކޮށްފައި ތިބި މީހުން ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް އެއްބަސްވުމަކަށް ވާސިލުވުމަށް ހަމާސް އިން ވަރަށް ބޮޑަށް ބޭނުންވާ،" ކަމަށް ހަމާސްގެ އިސް އޮފިޝަލެއް ނަން ހާމަ ނުކުރުމުގެ ޝަރުތުގެ މަތިން އޭއެފްޕީ އަށް ބުނެފައިވެއެވެ.
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އާދިއްތަ ދުވަހު އިސްރާއީލަށް ގޮވާލައްވާފައި ވަނީ މިޞްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ކުރިން ޣައްޒާ އަށް ބޮން އެޅުން ހުއްޓާލުމަށެވެ.
"ހަމަލާތައް ހިނގަމުންދާއިރު ހިފެހެއްޓިފައިވާ މީހުން ދޫކޮށްނުލެވޭނެ، އެހެންވީމާ ހަމަލާތައް ހުއްޓަން ޖެހޭނެ،" ރޫބިއޯ ސީބީއެސް ނިއުސްގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ހަނގުރާމައިގެ މެދުތެރޭގައި މީހުން ބަދަލު ކުރުމުގެ ކަންކަން ނުހިންގޭނެ ކަމުގައެވެ.
މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިޞްރުގެ ޝަރަމް އަލް-ޝެއިޚް ރިސޯޓް ގައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އުންމީދު ކުރާ ގޮތުގައި ދެތިން ދުވަހުގެ ތެރޭގައި ގައިދީން މިނިވަން ކުރެވިދާނެ އެވެ.
އިސްރާއީލު ސަރުކާރުގެ ތަރުޖަމާނެއް ބުނި ގޮތުގައި މަޝްވަރާތަކުގައި ބައިވެރިވާ އެ ގައުމުގެ ވަފުދު ފުރާނީ އާދިއްތަ ދުވަހުގެ ރޭގައެވެ. މަޝްވަރާތައް ފެށުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު އެވެ. އެއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފެށުނު ހަނގުރާމައިގެ ދެވަނަ އަހަރީ ދުވަހުގެ ކުރީ ދުވަހެވެ.
ގާހިރާ އިން ޔަގީން ކޮށްދީފައިވާ ގޮތުގައި މި ބައްދަލުވުމުގައި "އިސްރާއީލުގެ ބަންދުގައި ތިބި އެންމެންނާއިޣައްޒާ ގައި ބަންދު ކޮށްފައިވާ އެންމެން ބަދަލު ކުރުމުގެ ޝަރުތުތަކާއި ތަފްސީލުތަކާ" ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށެވެ.
ވައިޓް ހައުސް އިން ބުނެފައި ވަނީ ޓްރަމްޕް ވެސް މިޞްރަށް ދެ މަންދޫބުން ފޮނުވާފައިވާ ކަމަށެވެ - އެއީ އޭނާގެ ދަނބިދަރި ޖެރެޑް ކުޝްނަރ އަދި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއެވެ.
މެދުވެރިންނާ އެކު ކުރެވުނު މުޢާމަލާތްތަކުގައި ހަމާސް އިން ބާރުއަޅާފައި ވަނީ އިސްރާއީލުން ޣައްޒާ ސްޓްރިޕްގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ސިފައިންގެ ހަރަކާތްތައް ހުއްޓާލުމާއި، ވައިގެ، އަދި ޖާސޫސީ އަދި ޑްރޯން ގެ ހުރިހާ ހަރަކާތްތައް ހުއްޓާލުމާއި، ޣައްޒާ ސިޓީ ގައި ތިބި އަސްކަރީ ބާރުތައް އަނބުރާ ގެންދިއުމަކީ މުހިންމު ކަމެއްގެ ކަމުގައެވެ. އަދި ހަމާސް އިން ބުނެފައި ވަނީ އެ ގްރޫޕުން ވެސް އެ ގޮތުގެ މަތީން އެމީހުންގެ އަސްކަރީ ހަރަކާތްތަައް ހުއްޓާލާނެ ކަމަށެވެ.
އޮކްޓޯބަރު 7 ގެ ހަމަލާގައި ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލުގެ 251 މީހުން ބަންދު ކޮށްފައިވެއެވެ. އޭގެ ތެރެއިން 47 މީހުން އަދިވެސް ޣައްޒާ ގައި ތިބިކަމަށް ބެލެވެއެވެ. އިސްރާއީލުގެ ސިފައިންގެ ބުނާ ގޮތުގައި އޭގެ ތެރެއިން 25 މީހުން މަރުވެފައިވެއެވެ.
ޓްރަމްޕްގެ ޕްލޭނުގައިވާ ގޮތުން، ޣައްޒާ ގައި ހިފެހެއްޓިފައިވާ މީހުން ދޫކޮށްލުމުގެ ބަދަލުގައި، އިސްރާއީލުން 250 ފަލަސްތީނު މީހުން ދޫކޮށްލަން ޖެހޭނެއެވެ. އެއީ އުމުރަށް ޖަލަށްލާފައިވާ މީހުންނެވެ. އަދި ހަނގުރާމަ ފެށުމަށްފަހު ޣައްޒާ ސްޓްރިޕުން ހައްޔަރު ކުރެވުނު 1,700 އަށްވުރެ ގިނަ މީހުން ދޫކޮށްލަން ޖެހޭނެއެވެ.
ނަމަވެސް ޓްރަމްޕް އިންޒާރުދީފައި ވަނީ ހަމާސް އިން އިތުރު "ލަސްކުރުމެއް ބަލައިނުގަންނާނެ" ކަމަށެވެ. އަދި އެއާ އެކު އެ ޖަމާއަތަށް ޓްރަމްޕް ގޮވާލައްވާފައި ވަނީ އަވަހަށް އެއްބަސްވުމަކަށް އައުމަށެވެ. "އެހެންނޫނީ ހުރިހާ ވާހަކަ އެއް ނިމުނީ" ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ އިން ޣައްޒާ އަށް ބޮން އެޅުން ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އިސްރާއީލުން ޣައްޒާ އަށް ހަމަލާ ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.
އޭއެފްޕީޓީވީ ގެ ފުޓޭޖުން ދައްކާ ގޮތުގައި އާދިއްތަ ދުވަހު ވެސް ޣައްޒާގެ އައްސޭރިފަށުގެ ސަރަހައްދުގެ އުދަރެހުގައި ބޯ ދުން އަރަމުން ގޮސްފައިވެއެވެ.
ޣައްޒާ ގެ ސިވިލް ޑިފެންސް އޭޖެންސީ އިން ބުނެފައި ވަނީ އާދިއްތަ ދުވަހު އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 16 މީހުން މަރުވެފައިވާ ކަމަށެވެ.