ސްޓޫޑެންޓް ލޯނުތައް ޝަރީއާ ކޮމްޕްލަޔަންޓް ލޯނުތަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުން ކިޔަވާ ދަރިވަރުންނަށް ދޫކުރާ ލޯންތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯނުތަކަށް ހެދުމަށް، ލޯނުގެ ގޮތުގައި ދޫކުރާ މިންވަރުގެ އިތުރަށް އެއްވެސް ފައިސާ އެއް ދަރިވަރުންގެ އަތުން ނުނެގުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ގެންނަން ނިންމާފައިވާ ބަދަލުތައް އެ މަނިކުފާނު ވަނީ އެކްސްގައި ހިއްސާކުރައްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ އިން ވެސް އެޑްމިނިސްޓްރޭޓިވް ފީ އުނިކުރުމަށް ފަހު އެ ދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އެކަމާއި ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް ޝަރީއާ ކޮމްޕްލަޔަންޓް ލޯނުތަކަށް ހެދުމަށް ރައީސް މުއިއްޒު ނިންމެވި ނިންވުމަށް މަރުޚަބާ ކިޔާފައެވެ. އަދި އެ ލޯނުތަކާ ގުޅިގެން ރައީސް ނިންމެވި ނިންމެވުން ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް މަސައްކަތް ކުރާ ކަަމށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ބަދަލުތައް ގެނައުމަށް ވާން ޖެހޭ އެންމެހައި ތައްޔާރީތައް މި ވަގުތުން ފެށިގެން ކުރިއަށްދާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެ މިނިސްޓްރީން އިތުރަށް ބުނީ އެ ނިންމެވުމަކީ ސައްތައިންސައްތަ އިސްލާމީ ރާއްޖޭގައި ފައިސާއާ ގުޅޭ ކަންތައްތައް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ބެހެއްޓުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.
ހަމައެހެންމެ ރައީސްގެ އެ ނިންވެމާއެކު ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަށް ބަދަލު ގެނެވޭނެ ކަމަށް އެ މިނިސްޓްރީގެ ބުނެފައިވެ އެވެ.