ތިންވަނަ ފަހަރަށް ފުލުހަށް ހާޒިރު ކުރީ ބިރު ދައްކަން ކަމަށާއި އޭނާ އަކީ ފުލުހަށް ހާޒިރުކޮށްގެން ފަހަތަށް ޖެއްސޭނެ މީހެއް ނޫން ކަމަށް ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަރިޔަމް ޒުބައިރު (މަންދީ) ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ މާރޗް 18 ވީ އަންގާރަ ދުވަހު ހެނދުނު 10:00 އަށް ފުލުހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.
މަންދީ ވިދާޅުވީ ބިރު ނުގަނެ ރައްޔިތުންގެ ހައްގުގައި މުޒާހަރާ އަށް ނުކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ލޯތްބާއި އެކު އެދިވަޑައިގަންނަވަނީ ހައްގުތައް ހޯދުމަށް އާއްމުން ނުކުމެ މަސައްކަތް ކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މަންދީގެ ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ ތަކުރާރުކޮށް މަންދީ ފުލުހަށް ހާޒިރު ކުރާ އިރު އޭނާ އާއި ކުރަމުން ދަނީ އެއް ސުވާލުތަކެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެ ތުހުމަތުތަކަށް އިންކާރުކޮށް، މަންދީ ވާނީ ފުރިހަމައަށް ޖަވާބުދާރީ ވެވަޑައިގަންނަވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ މުޒާހަރާތަކާއި ގުޅިގެން މަންދީ އެންމެ ފުރަތަމަ ފުލުހަށް ހާޒިރު ކޮށްފައި ވަނީ 2025 މާރޗް 16 ވީ އާދިއްތަ ދުވަހުގެ 1:30 ގައެވެ.
ދެވަނަ ފަހަރަށް މަންދީ ފުލުހަށް ހާޒިރުކޮށްފައިވަނީ، 2025 މާރޗް 17 ވީ ހޯމަ ދުވަހުގެ 1:30 ގައެވެ. އެއީ ޗިލްޑްރަންސް އޮންބަޑްސްޕަރސަން އޮފީހުން ހުށަހަޅާފައިވާ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށް ތުހުމަތު ކޮށް ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށެވެ.
މަންދީ ތިންވަނަ ފަހަރަށް ހާޒިރުކޮށްފައިވަނީ 2025 މާރޗް 18 ވީ އަންގާރަ ދުވަހުގެ 10:00 ގައެވެ. ފުލުހަށް ހާޒިރު ވުމަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، 2025 މާރިޗް 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ، އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށް ހުރަސް އަޅައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑް ހުރަސްކޮށް ފުލުހުންގެ ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކަމަށެވެ.