މާލެ ކައިރި އަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ސީރިއަސް އަނިޔާ ތަކެއް ލިބި ފަރުވާ ދެމުން އައި ދިވެހި މީހާ މަރުވެއްޖެ އެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ، އެ ހާދިސާގައި ބޮޑެތި އަނިޔާ ތަކެއް ލިބި ފަރުވާ ދެމުން އައި ދިވެހި މީހާ މަރުވެފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ، ގއ ގެމަނަފުށި، ދިލްބަހާރުގޭ، އުމުރުން 25 އަހަރުގެ އަލީ އަފްލާޙު ޢަބްދުﷲ އެވެ.
އެމްޕީއެލް ބަނދަރު ސަރަހައްދު ކައިރިން ކޮޅު ވެއްޓި ބަންޑުން ޖަހާލާފައި ވަނީ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގައި ހަ މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރު، ސީރިއަސް އަނިޔާ ތަކެއް ލިބުނު ބިދޭސީ އަކު ވެސް ވަނީ މަރުވެފަ އެވެ. އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މައްސޫދު ހޮސައިން އެވެ.
ކޮޅު ވެއްޓި ބަންޑުން ޖަހާލި ވަގުތު އޭގައި 14 މީހުން ތިބިއިރު، އެ އެންމެން ވެސް ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.