ހުސްވެފައިވާ ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ހަމަޖައްސަންޖެހޭ ބޭފުޅާ ސަރުކާރުން މިހާރު އޮންނާނީ ނިންމައިފައި ކަމަށާ، އަދި ސަރުކާރުން ބޭނުންވާ ބޭފުޅާ ނޫން އިތުރު ބޭފުޅުން ކުރިމަތިލެއްވުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މީކާއިލް ވިދާޅުވީ ސްޕްރީމްކޯޓަށް ފަނޑިޔާރެއް ހޯދުމަށް ޢިއުލާންކޮށް ބުދަ ދުވަހާ ހަމަޔަށް މުއްދަތު ހަމަވިއިރު އެންމެ ބޭފުޅެއް ކުރިމަތިލެއްވުމުން ފުރަތަމަ ހީކުރެއްވީ ސަރުކާރުން ބޭނުންވާ ކެނޑިޑޭޓް ކުރިމަތިލައްވައި ނިމުނީ ކަމަށެވެ. އެހެން ނަމަވެސް މުއްދަތު އިތުރުކުރެއްވުމުން އިތުރަށް ވިސްނުންތަކެއް އުޅޭކަމަށް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ ސްޕްރީމްކޯޓަށް ވެސް މިހާރު އައްޔަނުކުރެވިގެންދާނީ ސަރުކާރުން ބޭނުންވާނެ ބޭފުޅާކަމަށް ވުމުން އެނޫން ގިނަ ބޭފުޅުން ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ވެސް އޮތް ކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ކުރިމަތިލައްވަން ހިޔާލުކުރެއްވި ބޭފުޅުންނަށް ވެސް އެވަރު އެނގިލައްވާނެ ކަމަށެވެ.
އެންމެ ފަހުން ސަސްޕެންޑް ކުރެވުނު ސްޕްރީމްކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރެވިގެންދިޔަ ގޮތަށް އިޝާރާތްކުރައްވައި މީކާއީލް ވިދާޅުވީ ސްޕްރީމްކޯޓު 3 ފަނޑިޔާރުން ސަސްޕެންޑްކުރީ ކުރިޔާލައި ރޭވިގެން ކަމަށް އޭނާ ޤަބޫލުކުރައްވާ ކަމަށެވެ. އަދި ސްޕްރީމްކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދަށް ބަދަލުގެނައުމަށް ބިލެއް މަޖިލީހަށް ހުށަހެޅީ ވެސް އެމަޤުޞަދުގައި ކަމަށް މީކާއީލް ވިދާޅުވިއެވެ.
ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސްނުއް ސުއޫދު ފަނޑިޔާރުކަމުން އިސްތިޢުފާ ދެއްވުމުން އެކޯޓަށް ފަނޑިޔާރެއް ހޯދުމަށް އިއުލާން ކުރުމުން ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. މިހާރުވަނީ އެންމެ ބޭފުޅަކު ކުރިމަތިލެއްވުމުން މުއްދަތު އިތުރުކޮށްފައެވެ.