އާންމު ވޯޓުގެ ބިލު ހުށަހަޅާފައި ވަނީ "ކުޑަ ކާފު، ބޮޑު ކާފު" ޖެހުން އިއާދަ ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އާންމު ވޯޓުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
80ގެ އަހަރުތަކުގައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން އޮޅުވާލައިގެން, ކުޑަ ކާފަކީ ނޫނެކޭ ބުނުމުގެ ގޮތުން ޖަހާ ނިޝާނެއް ކަމަށް ބުނެ އޭރުގެ ވެރިން އައީ އާއްމުންނަށް އޮޅުވާލަމުންނެވެ. އަދި ބޮޑު ކާފަކީ ރަނގަޅު ފާހަގަ ކަމަށް އާންމުންކައިރީގައި އެ މީހުން އައީ ބުނަމުންނެވެ. އެކަމަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން، މީކާއިލް ވަނީ މިހާރު އާންމު ވޯޓުގެ ބިލު އޮތީ އެފަދަ ކަންކަން އިއާދަކުރުމަށް މަގުފަހިވާ ގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތަކަށް ފަހިކަމެއް ލިބޭނެ ސިފަ އެއް އެ ބިލުގައި ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
80ގެ އަހަރުތަކުގެ ތެރޭގައި ރަށްތަކަށް ކަތީބުން އަރަނީ 5 އަހަރުން އެއް ފަހަރު އެތެރެ ނުފެންނަ ވަކަރު ފޮށްޓެއް ހިފައިގެން. ކުޑަ ކާފު ބޮޑު ކާފު ޖެހުމުގެ ފުރުސަތު މި ލިބެނީ. އިއްޒަތްތެރި ރައީސް. މި ބިލުން އަޅުގަނޑުމެންނަށް މި ފެންނަނީ އެކަން އިއާދަކުރުމަށް މަސައްކަތްކުރާ ތަން.
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް![]()
ހަމައެހެންމެ ސަރުކާރުން ކުރާ ބޮޑެތި ހަރަދުތަކުގެ އިތުރުން ސަރުކާރު މެދުވެރިކޮށް ހިންގާ ބޮޑެތި ޖަރީމާތައް ހިންގަނީ ރައްޔިތުންގެ ބަހަކާއި ނުލާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ 2028ގެ އިންތިޚާބު ވަގަށް ނެގުމަށް ކުރާ ކަމެއް ކަމަށް މީކާއިލް ވަނީ ސިފަކުރައްވާފައެވެ. އަދި މިއީ ރައްޔިތަކަށް ކަމެއް ފަސޭހަ ކޮށްދޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލު އޮތީ ރައީސަށް ކަންކަން ފަސޭހަވާ ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބިލު އޮތްގޮތުން ރައްޔިތުންގެ ކައިރި އަށް ރައީސް ވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ބިލުގެ ބޭނުމަކީ ވެސް އެއީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ބުނި ގޮތުގައި މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ޤާނޫނުއަސާސީގައި ބުނާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގޭނެ ހާލަތުތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި އެ ނޫނަސް އެ ވޯޓު ނެގުމާއި ގުޅޭ އެންމެހާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުރުމެވެ.