Advertisement
ކ. މާލެ
|
19 ޖުލައި 2025 | ހޮނިހިރު 22:40
 ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ރާއްޖެއެމްވީ
ޤާނޫނުލްޢުޤޫބާތު
މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ޤާނޫނުލްއުގޫބާތުގައި ހިމަނަން ހުށަހަޅައިފި
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިސްލާހު ގެނައުމަށް އެ ޤާނޫނުގެ 121 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުމަށް ބިލުގައި ހިމެނާފައިވޭ
އެ ބިލު ހުށަހެޅުއްވީ ހޮނިހިރު ދުވަހު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް

މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ޤާނޫނުލްއުގޫބާތުގައި ހިމަނަން ހުށަހަޅައިފިއެވެ.

އެ ބިލު ހުށަހެޅުއްވީ ހޮނިހިރު ދުވަހު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްއެވެ.

އެ ބިލް ހުށަހަޅުއްވަމުން ވިދާޅުވެފައި ވަނީ މި ބިލު ހުށަހެޅުމުގެ މަގުސަދަކީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 121 ވަނަ މާއްދާ މިހާރު އޮތް ގޮތުން، ފަރުވާލެއްނެތި ކުރާ ޢަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުމުގެ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތްނަމަވެސް، އެ މާއްދާގެ (ށ) އޮތް ގޮތުން، މީހަކު މަރުވެދާނެ ކަމުގެ ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމާމެދު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި، މަގުމަތީގެ ގަވާއިދުތަކާއި ހިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއްނެތް ގޮތަށް އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމާބެހޭ ހާލަތް ހިމަނާފައިނުވުމުގެ ސަބަބުން ދިމާވާ ކަންކަން ހައްލުކުރުމަށް ކަމަށެވެ.

އެގޮތުން ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ނުރައްކާތެރިކޮށް އިންޖީނުލީ އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި ޝާމިލުވާ ފަރާތްތަކާމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އެޅެން ނެތުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަކީ ބިލުގެ މަގްސަދެއް ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މަގުމަތީގެ ގަވާއިދުތަކާއި ހިލާފަށް އަދި ފަރުވާލެއްނެތް ގޮތަށް އުޅަނދުފަހަރު ދުއްވުމުން ކުރިމަތިވަ އެކްސިޑެންޓުތަކުގައި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފުލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުއަށް ގެންނަންޖެހޭ އިސްލާހު ގެނައުމަކީ ވެސް މި ބިލުގެ މަޤްސަދެއް ކަމަށް ބުނެފައިވެއެވެ.

ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިސްލާހު ގެނައުމަށް އެ ޤާނޫނުގެ 121 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުމަށް ބިލުގައި ހިމެނާފައިވެއެވެ.

އިތުރު ކުރަން ހުށަހަޅާފައިވާ މާއްދާގައި ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާމެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ.

ހަމައެހެންމެ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ ފަހަތަށް 121.1 މާއްދާ އިތުރުކޮށް ކުށް ކަނޑައެޅުމާއި ދަރަޖަކުރުން ވަނީ ހިމަނާފައެވެ.

- ކޮމެންޓް