ރަސްމީ ގަޑީގައި މާސްޓާސް ޕްރޮގްރާމެއް ހެދުމަށް ކޯޓުގެ ކޮމްޕިއުޓަރާއި އިންޓަނެޓް ބޭނުން ކުރާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ 12 މާރިޗް 2025 ގައެވެ.
ޖޭއެސްސީއަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.5 ގައި ފަނޑިޔާރު ޟަރޫރީ ބޭނުމަކަށް މެނުވީ ރަސްމީގަޑީގައި އެއްވެސް އަމިއްލަ ކަމެއް ކޯޓުގައި ވެސް، އަދި ކޯޓުން ބޭރުގައިވެސް ކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. މި ފަދައިން ބަޔާންކޮށްފައި އޮތްއިރު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރަސްމީގަޑީގައި މާކެޓިންގ ކޯސްތަކާއި، މާސްޓާސް ޕްރޮގްރާމެއް ހެދުމަށްޓަކައި ކޯޓުގެ ކޮމްޕިއުޓަރާއި އިންޓަނެޓް ބޭނުން ކުރާ ކަމަށް ޝަކުވާގައި ބުނެފައިވެއެވެ.
ޝަކުވާގައި ވަނީ މިކަން ސުޕްރީމް ކޯޓުގައި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، އެ ކޯޓުގައި މަސައްކަތް ކުރާ ހުރިހާ ފަނޑިޔާރުންނަށް އެނގޭ ކަމަށެވެ. އަދި މި މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާ ހެކިންނަކީ އެއީ ކަމަށް ވެސް ބުނެފައިވެއެވެ.
ރަސްމީ ގަޑީގައި މާސްޓާސް ޕްރޮގްރާމެއް ހެދުމަށް ކޯޓުގެ ކޮމްޕިއުޓަރާއި އިންޓަނެޓް ބޭނުން ކުރާ ކަމަށް ބުނެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިނުގެން ރަސްމީ ގަޑީގައި "ޓެކްސީ ކުރައްވަން" އުޅުއްވި ކަމަށް ބުނެ ވެސް ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ ސުލޫކީ މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވެއެވެ.
އަމިއްލަ މީހަކު ހުށަހަޅި މިމައްސަލާގައި ތުހުމަތުކޮށްފައިވަނީ އަޑުއެހުން ތާވަލުކޮށްފައިވަނިކޮށް "ޓެކްސީ ޑްރައިވަރަކަށް ވެގެން" ރަސްމީ މަސައްކަތް ދޫކޮށް އެއާޕޯޓަށް މީހުން އުފުލަން އެ ދުވަހުގެ އަޑުއެހުން ގަސްދުގައި ލަސްކުރަން ކޯޓުން ބޭރުގައި އުޅުއްވި ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް އެކޮމިޝަނުން ދަނީ ބަލަމުންނެވެ.
މީގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކޮށްފައިވާއިރު، ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން ކޯޓު ރޫމްގައި ތިއްބަވަނިކޮށް ވަގުތު ވަރަށް ކުޑަތަން ވެފައިވަނިކޮށް 26 ފެބްރުއަރީ 2025 ވީ ބުދަ ދުވަހު އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭސީސީން ހާމައެއް ނުކުރެއެވެ.