ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފި އެވެ.
ބުދަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޙުސްނީ މުބާރިކް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފަ އެވެ.
ޙުސްނީ މުބާރިކަށް މެންބަރުކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޙުސްނީ މުބާރިކާއި ޙަވާލުކޮށްދެއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ޢައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.