ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރަމުންދާ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ.
އަޒްމިރަލްދާގެ މައްޗަށް ކުރަމުންދާ ތުހުމަތަކީ އޭނާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެވެ.
އެގޮތުން 2024 ވަނަ އަހަރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.
މި މައްސަލަ އާއި ގުޅިގެން އޭނާ ޖޭއެސްސީ އަށް ހާޒިރުކޮށްފައި ވަނީ އަންގާރަ ދުވަހު ހެނދުނު 10:00 އަށެވެ. މި މައްސަލައިގައި ޖަވާބުދާރީ ވަމުން ޑރ.އަޒްމިރަލްދާ ވަނީ އެ ތުހުމަތުތަކުގައި އަސްލެއް ނެތް ކަމަށް ފާހަގަކުރައްވާފައެވެ. ޑރ.އަޒްމިރަލްދާ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ މައްސަލައިގައި ބާއްވާ އަޑު އެހުން އާއްމުންނަށް ފެންނާނެހެން ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. ނަމަވެސް އެ ފުރުސަތު ފަހިކޮށްދީފަ އެއް ނުވެއެވެ.
މި މައްސަލަ އާއި ގުޅިގެން އޭނާގެ ވަކީލުންގެ ފަރާތުން ކުރިން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު، އަޒްމިރާލްދާ ސަސްޕެންޑުކޮށް، ހަމަ އެ ދުވަހުގެ ވަގުތެއްގައި އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންގާފައިވާއިރު، އެ މައްސަލަތަކަކީ އަސްލެއް އަދި އަސާސެއް ނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.