އިދިކޮޅު މައި ސިޔާސީ ޕާޓީ އެމްޑީޕީން ހޮނިހިރު ދުވަހުގެރޭ ބޭއްވި ކުއްލި އެއްވުމުގައި ފުލުހުން، މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރިތޯ ފުލުހުންގެ އިދާރާއިން ސާފުކޮށްފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މުޒާހަރާގައި ބައިވެރިވި ބައެއް އަންހެނުންނަށް އަނިޔާވެފައިވެއެވެ.
ފުލުހުން ވަނީ އިހުތިޖާޖު ކުރިޔަ ނުދިނުމަށް އެމްޑީޕީ ހަރުގެ ސަރަހައްދު ދެ ފަރާތުން ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ. އަދި އާއްމުން ފަހަތަށް ކޮއްޕާ، އާއްމުންގެ ސަފުތައް ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި އިރު ހަރުކަށިކަން އިސްކުރުމުގެ ސަބަބުން ބައެއް އަންހެނުންނަށް ވަނީ އަނިޔާވެފައެވެ.
އެގޮތުން މުޒާހަަރާގެ ބައިވެރިން މަޖީދީ މަގަށް ދިއުމަަށް ހިނގައިގަތުމުން ފުލުހުން ވަނީ ކުއްލި ގޮތަކަށް ބާރުގެ ބޭނުންކޮަށް ޕެޕަރ ސްޕްރޭ ޖަހާފައެވެ. ޕެޕަރސްޕްރޭ ޖެހުމުގެ ކުރިން އާއްމުން ހުއްޓިލައިގެން ސުލްހަވެރިކަމާއި އެކު އަޑު އުފުލަމުން ދިޔަ އިރު، ކުރީ ސަފުގައި ގިނަ އަންހެނުން ތިއްބެވެ.
އެހެންކަމުން ކުއްލިއަކަށް ޕެޕަރ ސްޕްރޭ ޖެހުމުން އޭގެ އަސަރު އެންމެ ބޮޑަށް ކުރީ އަންހެނުންނަށެވެ. އެގޮތުން އެތަނުގައި ތިބި ހަރު އުމުރު ފުރާގެ ދެ އަންހެނަކަށް ޕެޕަރ ސްޕްރޭގެ އަސަރުކޮށް ނޭވާލާން ވަރަށް ބޮަޑަށް އުނދަނގޫވިކަން ފާހަގަކޮށްލެވެއެވެ. އަދި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބައެއް މީހުން ބިން މައްޗަަށް ވެއްޓި ހާނިއްކަ ވި މަންޒަރު އެތަނުގައި ތިބި ރާއްޖެޓީވީގެ ނޫސްވެރިންނަަށް ވަނީ ފެނިފައެވެ.
މީގެ އިތުރުން، ބާރުގެ ބޭނުންކޮށް ކޮައްޕުމުގެ ސަބަބުން މުޒާހަރާގަ ބައެއް އަންހެން ބައިވެރިންނަަަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ. އަދި މުޒާހަރާގަ ބައިވެރިވި ރާއްޖެޓީވީގެ އަންހެން ނޫސްވެރިޔާ އަށް ވެސް ޕެޕަރ ސްޕްރޭގެ އަސަރުކޮށްފައިވެއެވެ. އަދި ފިރިހެން ފުލުހުން މެދުވެރިކޮަށް މީޑިއާ ފަހަތަަށް ޖެއްސުމުގެ ތެރޭގައި އޭނާގެ ކަނާއަތު ތަނބިކަށްޓަށް އަނިޔާވެފައިވެއެވެ.
ހަމައެހެންމެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް އަންހެން ފުލުހުން ތިބި ނަމަވެސް ފިރިހެން ފުލުހުން މެދުވެރިކޮށް އަންހެނުން ފަހަތަށް ޖައްސަން މަސައްކަތް ކުރުމުން އެކަމާއި މެދު އާއްމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން އެޗްއާރުސީއެމް އިން ބުނެފައިވަނީ 8 މާޗުގެ ރޭގަނޑު ކުރިއަށްދިޔަ މުޒާހަރާ ހިނގައިދިޔަގޮތް އެޗްއާރްސީއެމްއިން މޮނިޓަރކުރަމުންދިޔަ ކަމަށެވެ. އެގޮތުން މުޒާހަރާތައް ކުރިއަށް ދާއިރު އެޗްއާރްސީއެމުން މޮނިޓަރ ކުރާނެ ކަމަށާއި، އަދި މުޒާހަރާ ތަކުން ފާހަގަވާ ކަން ހިނގައިދިޔަގޮތް ކަމާގުޅުންހުރި އިދާރާތަކުން ސާފުކޮށް، އަމަލުކޮށްފައިވާ ގޮތުގެ ކަންބޮޑުވާ ކަންކަން ހުރިނަމަ އެކަމާ ގުޅިގެން ކޮމިޝަނުން ލަފާ ދޭނެ ކަމަށެވެ.
އެޗްއާރުސީއެމް އިން އެ މުޒާހަރާ މޮނިޓަރ ކުރަން އެތަނުގައި ތިބިތޯއާއި، މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކުރިކަމާއި، އަދި އެކަް ހިނގައިދިޔަގޮތް ސާފުކުރީ ކިހިނެއްތޯ ސުވާލުކުރުމުން އެއިން އެއްވެސް ސުވާލަކަށް ޖަވާބުދީފައިނުވެއެވެ.