Advertisement
ކ. މާލެ
|
17 އޯގަސްޓް 2025 | އާދީއްތަ 18:01
 ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު،  ރަސްމާލެ ހިއްކުމުގެ މަސައްކަތް ބަލާލުމަށް އާދިއްތަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕުން ރަސްމާލެ އަށް ކުރި ޒިޔާރަތުގެ ތެރެއިން ރާއްޖެ ޓީވީ އަށް އިންޓަރވިއު އެއް ދެއްވަނީ - 17.108.2025
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، ރަސްމާލެ ހިއްކުމުގެ މަސައްކަތް ބަލާލުމަށް އާދިއްތަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕުން ރަސްމާލެ އަށް ކުރި ޒިޔާރަތުގެ ތެރެއިން ރާއްޖެ ޓީވީ އަށް އިންޓަރވިއު އެއް ދެއްވަނީ - 17.108.2025
ސްކްރީން އިމޭޖް
އެމްޑީޕީ
"ރަސްމާލެ ހިއްކުމުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް ރަނގަޅަށް ދެމުން ނުދޭ."
މިހާތަނަށް ހިއްކުނީ 129 ހެކްޓަރު ކަމަށް ވާއިރު އެއީ ހިއްކަން ކަނޑައެޅި ޖުމްލަ ބިމުގެ އެންމެ 11 ޕަސެންޓް
8 މަސް ތެރޭ ފުށިދިއްގަރު ފަޅުން 1150 ހެކްޓަރުގެ ބިން ހިއްކައި 65,000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި
އެމްޑީޕީ ޕީޖީ ގްރޫޕުން ރަސްމާލެ ހިއްކާ ސަރަހައްދަށް އާދިއްތަ ދުވަހު ވަނީ ޒިޔާރަތް ކޮށްފައި

ރަސްމާލެ ހިއްކުމުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް ރަނގަޅަށް ދެމުން ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވެފައި ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ބަލާލުމަށް އާދިއްތަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕުން ރަސްމާލެ އަށް ކުރި ޒިޔާރަތުގެ ތެރެއިން ރާއްޖެ ޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައެވެ.

ރަސްމާލެ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ރަސްމާލެ އަށް، ފުށިދިއްގަރު ފަޅުން 1150 ހެކްޓަރުގެ ބިން އެ ސަރަހައްދުން ހިއްކާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވަމުންދާކަން މައުރޫފް ވަނީ ފާހަގަ ކުރައްވާފައެވެ. ހަމައެހެންމެ، 65،000 ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އަދި މޮޑަރން ސިޓީ އެއް ރަސްމާލޭގައި ޤާއިމް ކޮށްދެއްވާނެ ކަަމަށް ރައީސް މުއިއްޒު ފާހަގަ ކުރައްވަމުންދާ ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ދެ އަހަރެއްހާ ދުވަސް ވެގެންދާއިރު މި މަޝްރޫއު އާއި މެދު މައުލޫމާތު ހޯދުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ކުރާ މަސައްކަތް ކާމިޔާބު ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އާދިއްތަ ދުވަހު ރަސްމާލެ އަށް އެމްޑީޕީގެ މެމްބަރުން ދާން ޖެހުނު ސަބަބަކީ ވެސް އެއީ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މުސާރަ އާއި އިނާޔަތްތައް މި ތަނުގައި މަސައްކަތް ކުރާ މީހުންނަށް ނުލިބޭ ކަމާއި އަދި ފައިސާ ނުދީގެން މިތަނުގައި މަސައްކަތް ކުރާ އެއް ޑްރެޖަރ ވެސް ގޮސްފައިވާ ކަމާއި އަދި މިތާ ކައިރިން ގުޅިން ވެސް މިކަމުގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަަށް ލިބެން ޖެހޭ ކުއްޔާއި މިފަދަ ކަންކަން ވެސް ނުލިބޭކަން. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް.

މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މި މަޝްރޫޢޫ އަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށިތާ 600 ދުވަސް ވީއިރު، ހިއްކަން ކަނޑައެޅި ބިމުން ހިއްކުނީ އެންމެ 129 ހެކްޓަރުކަން ވަނީ ހާމަވެފައެވެ.

މި މަސައްކަތަކީ 8 މަސް ދުވަހުގެ ތެރޭގައި ހިއްކާނެ ކަމަށް ބުނެ ޑިސެމްބަރު 18، 2023 ގަ ފުރަތަމަ ފެށި މަޝްރޫއުއެކެއެވެ. އެހެން ނަމަވެސް މިހާތަނަށް ހިއްކުނީ 129 ހެކްޓަރު ކަމަށް ވާއިރު އެއީ ހިއްކަން ކަނޑައެޅި ޖުމްލަ ބިމުގެ އެންމެ 11 ޕަސެންޓެވެ.

- ކޮމެންޓް