ކައުންސިލްތަކަށް ކުރިން ދީފައިވާ ގިނަ ބާރުތަކެއް ހަނިވާ ގޮތަށް, ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު ބުރާސްފަތި ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު, ތަސްދީގުކުރައްވައިފައި ވާތީ އެ ގާނޫނަށް އަމަލު ކުރަން, ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް މިއަދު އަންގައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅު ތަކުން 100 ށް ވުރެ ގިނަ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤު ކުރައްވާފައި ވަނީ އޮގަސްޓު މަހުގެ 14 ވީ ބުރާސްފަތި ދުވަގަ އެވެ.
މި ބިލަކީ، 6 އޮގަސްޓު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ރައީސް މުއިއްޒު ގެ ފުރިހަމަ ކޮންޓްރޯލު އޮތް ރައްޔިތުންގެ މަޖިލިހުން މި ބިލު ފާސްކުރި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުން ބިލަށް ތާއީދުކުރެއްވިއެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
އެލްޖީއޭގެ ސީއީއޯ, މުޙައްމަދު ނިމާލް ސޮއިކޮށް ހޯމަ ދުވަހު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ފޮނުވި ސިޓީއެއްގައި އަންގާފައި ވަނީ, އެ ގާނޫނަށް އަމަލު ކުރުމަށެވެ. އަދި އެ ގާނޫނާ ގުޅިގެން ހަދަން ޖެހޭ އުސޫލުތައް ހެދުމުގެ މަސައްކަތް އެ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރުން ބުނާ ގޮތުގައި ލާމަރުކަޒީ ގާނޫނަށް ގެނައި މި އިސްލާހު ތަކުގެ މައިގަނޑު ބޭނުމަކީ ލާމަރުކަޒީ ޤާނޫނު ގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާ ކުރުމަށާއި، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން ކަމުގަ އެވެ.
މި ބިލުގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ޤާނޫނާ ތަޢާރުޟުވާނަމަ، މި އިސްލާޙަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ޙަރަކާތްތައް ހުއްޓާލަންވާނެ ކަމުގައިވެސް ބަޔާންކޮށްފައި ވެއެވެ.
ހަމަމިއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެ ކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.
އަދި ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައި ވެއެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނީ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގައިވާ އިސްލާހުތަކަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާ، މިއީ އެ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށްޓަކައި ގެނައި އިސްލާހު ތަކެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ރާއްޖޭގެ 100 ށް ވުރެ ގިނަ ކައުންސިލުން ވަނީ މި ބިލު ތަސްދީގު ނުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
ކައުންސިލްތަކުގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އާއި އެތައް މަދަނީ ޖަމްއިއްޔާ އަކުން މި ބިލާ ދެކޮޅު ހަދާ މި ބިލު ތަސްދީގު ނުކުރުމަށް ރައީސް އަށް ވަނީ ގޮވާލާފައެވެ.
ކައުންސިލްތަކުން ބުނެފައިވަނީ މި ބިލު ގާނޫނަކަށް ވުމާއެކު ކައުންސިލްތަކުން ރަށްރަށުގައި ކުރަމުން އަންނަ ގިނަ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށާއި، ކައުންސިލު ތަކަށް ލިބޭ އާމްދާނީ އަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ.
ގާނޫނަށް މި ގެނައި ބަދަލާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.
އޭގެ އިތުރުން ސަރުކާރުން ދޭ ބަޖެޓް ދޫކުރުމުގައި، އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާ އާއި، އާންމު ޚިދުމަތަކަށް ކައުންސިލް ތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރާނެ އެވެ.