ރައީސް މުއިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު ބޯހިޔާވެހިކަމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް މިހާރު ކުރިޔަށްދާ ސްޕީޑުން، މި މަޝްރޫއު ނިންމަން މުއިއްޒަށް 30 އަހަރުގެ 2 ދައުރު ބޭނުންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ޒިޔާދު މިފަދައިން ވިދާޅުވީ ރަސްމާލެ މަޝްރޫއު ހިންގާ ސަރަހައްދުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައެެއް މެމްބަރުންނާއެކު ހުރެ ރާއްޖެޓީވީ އަށް ދެއްވި ބަސްދީގަތުމެއްގަ އެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރުން ރަސްމާލެ މަސައްކަތް ކުރިޔަށްދާ ސަރަހައްދަށް ޒިޔާރަތް ކުރެއްވީ، މި މަޝްރޫއުއާ ގުޅޭގޮތުން އެކަށީގެންވާ ސާފު މައުލޫމާތު ސަރުކާރުގެ ފަރާތުން ހޯދަން ކުރި މަސައްކަތްތަކަށް އަލި މަގެއް ނުފެނުނުމުން، އަމަލީ ގޮތުން މަސައްކަތް ހިނގާ ގޮތް ބައްލަވާ ލެއްވުމަ ށެވެ.
ރަސްމާލެ މަޝްރޫއު ނިމުމާއެކު ދިވެހިރާއްޖޭގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ވެގެންދާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވާކަން ފާހަގަ ކުރައްވަމުން ޒިޔާދު ވިދާޅުވީ، މިއީ ވަރަށް ގިނަ ބައެއްގެ އުއްމީދާއި ގުޅިފައިވާ މަޝްރޫއު އަކަށް ވުމުން މި މަޝްރޫއު އާ ގުޅޭ ސައްހަ މައުލޫމާތު ދެއްވާ މި މަޝްރޫއުގެ މަަސައްކަތް އަވަސް ކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރަކީ ވަރަށް ހާމަކަން ބޮޑު ސަރުކާރެއް ކަމަށް ވިދާޅުވަމުންދާ އިރު މިފަދަ ކަންކަމުގެ ތަފްސީލު އާއްމުންނާއި ހިއްސާ ނުކުރައްވާ ކަމަށެވެ. އަދި މިއީ އެންމެ ބޮޑު މަޝްރޫޢުގެ ގޮތުގައި އިންތިޚާބު ތެރޭގައި ވެސް ވިދާޅުވަމުން ދިޔައިރު މިކަމުގެ ތަފްސީލު އެނގެން ހުރިހާ ދިވެހިން ވެސް ބޭނުންވާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ކަންކަން އޮތް ހިސާބެއް، އެއްވެސް ތަފްސީލީ ޖަވާބެއް ސަރުކާރުން ދީފަ އެއް ނެތް. ޕީޖީ ގްރޫޕުން ކުރި މަސައްކަތުން އެކަން ނޭގުނީމަ މިއައީ މިކަން ހިނގާ ގޮތް އަމަލީ ގޮތުން ބަލަން. ދެ ބޭނުމެއް އެބަ އޮތް. އެއްކަމަކީ މިއަށްވުރެ ސްޕީޑް ބާރުވުން. މި ދަތުރަށް ފަހު ވަރަށް ބުރަކޮށް މަސައްކަތް ނުކޮށް 3 އަހަރު ތެރޭގައި މިތާ އުޅެވޭ ވަރެއް ނުވާނެ. މިދާ ސްޕީޑުގައި ގޮސްގެން ދެ ދައުރަކުން ނުވާނެ. 30 އަަހަރުގެ ދެ ދައުރު ބޭނުންވާނެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު![]()
ރަސްމާލެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބިން 8 މަސް ދުވަސްތެރޭ ހިއްކާ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް މިހާރު އޭގެ ފަހުން 20 މަސް ދުވަސް ފާއިތުވެފައި ވާއިރު ހިއްކިފައިވަނީ އެންމެ 129 ހެކްޓަރުގެ ބިމެވެ. މިއީ މި މަޝްރޫއުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ ބިމުގެ އެންމެ 11 އިންސައްތަ އެވެ.
މަޝްރޫއު ހިންގުމަށް ސަރުކާރުން އެންމެ ލޯ ލާރި އެއްވެސް ހަރަދު ނުކުރާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވީނަމަވެސް، ސަރުކާރު ހިއްސާވާ ބައެއް ކުންފުނި ތަކުގެ ނަމުގައި ލޯނު ނަގައިގެން މި މަޝްރޫ އަށް ފައިނޭންސް ކުރުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރު ވަމުން ކަމަށް ސަރުކާރުން ބުނެއެވެ.