މިސަރުކާރުގެ އެންމެ ބޮޑު މައްސަލައަކީ މިސްރާބު އޮޅި ކުރަންވީ ކަންކަން ނޭނގި ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކާއި މެދު އެއްވެސް ވިސްނުމެއް ނެތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަޙްމަދު ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިހާރު ދިމާވެފައިވާ ކަރަންޓްގެ މައްސަލައާއި ގުޅިގެން ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑީޑީ ވިދާޅުވީ މިސަރުކާރުގެ އެއްވެސް މިސްރާބެއް، ޕޮލިސީއެއް ޕިރިއޮރިޓީއެއް ނެތް ކަމަށެވެ. އެގޮތުން ސަރުކާރުން ރައްޔިތުންގެ ތަކްލީފްތައް ދަނެގަނެ ކުރިން ކުރަންވީ ކޮންކަމެއްތޯ ނޭނގޭ ކަމަށާއި އަބަދުވެސް ބުނަމުންދަނީ ކަންކަން ވާނެ ކަމަށެވެ.
އެހެންނަމަވެސް ސަރުކާރަށް ދޮޅު އަހަރުވާން ގާތްވެފައިވާއިރުވެސް މިއަދާއި ހަމައަށް އައި އިރުވެސް އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލު ނުލިބި އޮތް އޮތުމަކީ އެސިޓީގެ ރައްޔިތުން ނުހަނު ކަންބޮޑުވެ ސަރުކާރާއި މެދު ހިތްހަމަނުޖެހުން އޮތް ކަމެއް ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ.
ރޯދަމަސް ފެށެންވާއިރަށް އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވަނިކޮށް، އެކަންވެސް ފެއިލްވެ ސަރުކާރުގެ ބަސް ނުވިކޭ ހިސާބަށްގޮސް ރައްޔިތުން އިންތިހާއަށް ރުޅިގަދަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން އައްޑޫގެ ކަރަންޓްގެ މައްސަލައަށް ހައްލު ގެނައުމަށް އައު އިންޖީނުގޭގެ މަސައްކަތް ފައްޓައި ބޮޑު ބައެއް ނިމިފައިވާއިރު، މިސަރުކާރު އައި ފަހުން އެމަސައްކަތްވެސް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާކަން ފާހަގަކުރަމުން ޑީޑީ ވިދާޅުވީ އައްޑޫ ސިޓީގެ ބިޔަ ބޮޑެތި ގިނަ މަޝްރޫއުތަކެއް މިސަރުކާރު އައި ފަހުން ހުއްޓިފައިވާ ކަމަށެވެ.
އެހެންކަމުން ކަރަންޓްގެ މައްސަލަ ހައްލުކުރަން ބޭނުންވާ ނަމަ ނިމިދިޔަ ސަރުކާރުން އެކުލަވާލައިވާ ޕްލޭންގެ މަސައްކަތް ވީހާވެސް އަވަހަކަށް ފައްޓާ، އެޕްލޭންއާއި އެއްގޮތަށް މިސަރުކާރުން މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ޑީޑީ ވިދާޅުވިއެވެ.