ގައުމީ އެއަރލައިން މޯލްޑިވިއަންގައި އޮތް އެންމެ ބޮޑު ބޯޓު A330 ގެ ފުރަތަމަ ދަތުރު އައްޑޫ އަށް ކޮށްފައިވާއިރު މި ދަތުރު ކުރީ ޕީއެންސީ ޖަލްސާ އަށް މީހުން ގެނައުމަށް ކަން އެނގިއްޖެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އައްޑޫ އިން މާލެ އަށް އައީ ޕީއެންސީ ޖަލްސާ އަށް މީހުންގެ ގޮވައިގެންނެވެ. މި ނޫހަށް މިކަން ކަށަވަރު ކޮށްދީފައިވަނީ މޯލްޑިވިއަންގެ A330 ގައި އައްޑޫ އިން މާލެ އައި މީހުންނެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދިން ގޮތުގައި A330 ފްލައިޓަކީ ޗާޓަރ ފްލައިޓެކެވެ. ނަމަވެސް އެ ދަތުރަކީ ކޮންބަޔަކު ޗާޓަރ ކުރި ފްލައިޓެއް ކަމެއް ނުބުނެ އެވެ.
މި ވަގުތު ފެނަށް ޖެހިފައި އޮތް ފުވައްމުލަކު ސިޓީއަށް ބޯފެން ގެންދިޔުމަށް މޯލްޑިވިއަނުން އެ ރަށަށް ޗާޓަރުކޮށްގެން އަޅަމުންދާ ފްލައިޓުތަކުން، ވެރިކަންކުރާ ޕީއެންސީ އިން މާލޭގައި ބާއްވާ ޖަލްސާ އަށް މީހުން ގެންނަކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ.
އިތުބާރު ހުރިފަރާތަކުން މައުލޫމާތުދިން ގޮތުގައި މޯލްޑިވިއަންގެ ޗާޓަރ ފްލައިޓްތަކެއް ހޮނިހިރު ދުވަހު ވެސް އައްޑޫ އަށާއި ފުވައްމުލަކަށް ދަތުރު ކުރާނެ އެވެ. އެ ދަތުރު ތަކަކީ ޖަލްސާ އަށް ގެނައި މީހުން ގެންދިއުމަށް އަޅާ ދަތުރުތަކެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.