Advertisement
ކ. މާލެ
|
10 ނޮވެންބަރ 2025 | ހޯމަ 14:11
އެމްޑީޕީ އިން އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ 10.11.2025
އެމްޑީޕީ އިން އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ 10.11.2025
ރާއްޖެއެމްވީ
އެންޓި ކޮރަޕްޝަން ކޮމިޝަން
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
އެމްޑީޕީން އެދުނީ މައްސަލަ ތަހުގީގުކުރުމަށާއި އެޑްވާންސް ޕޭމެންޓްގެ ފައިސާ ދިނުން ހުއްޓުވުމަށް
ސަރުކާރުން ބަހާލި މަޝްރޫޢުތައް ހިންގަނީ ސަރުކާރުން ދޭ ޔަޤީންކަމާއެކު ބީއެމްއެލްއިން 9 ޕަސެންޓު އިންޓަރެސްޓު ރޭޓުގައި ލޯނު ދީގެން
ކަނޑައެޅިގެން ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް ޢަމަލުކުރުމުން އެ މައްސަލަތައް ބަލަމުން ނުދާކަން މައުރޫފް ފާހަގަކުރެއްވި

ސަރުކާރުން ނިމިދިޔަ ހަފްތާގެ ތެރޭގައި ބިޑަކާއި ނުލާ ގިނަ އަދަދަދެއްގެ މަޝްރޫޢޫތައް ބަހާލާފައި ވާތީ އެ މައްސަލަ އަވަސް، ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލާދިނުމަށް އެދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ )އިން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ އެއް ހުށަހަޅުއްވައިފި އެވެ.

އެ މައްސަލަ ހުށަހެޅީ ހޯމަ ދުވަހު މެންދުރު 11:00ގަ އެވެ.

އެ މައްސަލަ އާއި ގުޅޭގޮތުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ރާއްޖެ އެމްވީ އަށް ވިދާޅުވީ އެމްޑީޕީ އިން އުއްމީދު ކުރީ މި މައްސަލަ އިދާރާތަކުން އަމިއްލަ އިސް ނެގުމުގައި ވެސް ބަލާނެ ކަމަށެވެ. ނަމަވެސް އެކަން އެހެން ނުހިނގުމުން މާޔޫސްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން އެދިފައި ވަނީ މި މައްސަލަ ބަލާ ތަހުގީގުކުރުމަށާއި އެޑްވާންސް ޕޭމެންޓްގެ ފައިސާ ދިނުން ހުއްޓުވުމުގެ ފިޔަަވަޅެއް ހޯދުމަށެވެ. މިހާރު ކުރާ ގޮތަށް މި ޕްރޮޖެކްޓްގެ މަސައްކަތް ކޮށްފި ނަމަ ދިގު މުއްދަތުގައި ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"ޤާނޫނޫނު އޮތް ގޮތުން ކަމެއް ހުއްޓުވުމުގެ ބާރު ލިބެނީ އެ ކަމެއް ތަހުގީގު ކުރާ އިދާރާ އަށް. މި ހާލަތުގައި ކޮމިޝަނަށް. ސަރުކާރުގެ މައްޗަށް މުއާމަލާތްތައް ހުއްޓުވުމުގެ އަމުރަކަށް އެދުނީ. މާލިއްޔަތު ޤަވާއިދަށް ގެނައި ބަދަލަށް އެބަ ޗެލެންޖްކުރަން އަޅުގަނޑުމެން." މައުރޫފް ވިދާޅުވިއެވެ.

ކަނޑައެޅިގެން ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް ޢަމަލުކުރުމުން އެ މައްސަލަތައް ބަލަމުން ނުދާކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި އުސޫލާއި ޚިލާފަށް މި ސަރުކާރުން ކުރާ ކަންކަމުގެ މައްސަލަ ބަލާ އިރު، އޭގެ ކުރި އަށް މި މައްސަލަތައް ނުބަލާ ތިބި މީހުންގެ މައްސަލަ ބަލާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"އެ މައްސަލަތައް ނުބަލާ އޭގެ މަތީގައި އިށީނދެގެން ތިބި މީހުންގެ މައްސަލަ ބަލާނަން މައްސަލަތައް ބެލުމުގެ ކުރިއަށް. " މައުރޫފް ވިދާޅުވި އެވެ.

ބޭނުންގޮތަކަށް ސަރުކާރުން ބަހާލި މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ދޭ ޔަޤީންކަމާއި އެކު ބީއެމްއެލްއިން ކުންފުނިތަކަށް ލޯނު ދީގެންނެވެ. އެ ލޯނުތައް ދޫކުރަނީ 9 ޕަސެންޓު އިންޓަރެސްޓު ރޭޓުގަ އެވެ.

- ކޮމެންޓް