2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އެކްސްޕޯޓް 5 ޕަސެންޓް ދަށްވެފައިވާއިރު، އިމްޕޯޓް 13 ޕަސެންޓް އިތުރުވެއްޖެއެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ފާހަގަ ކުރެވޭ ބަދަލުތައް ކަމަށް މޯލްޑިވްސް މަނިޓަރީި އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބުނެފައެވެ.
އެކްސްޕޯޓް ދަށްވުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ އުފެއްދުންތަކުގެ ތެރެއިން ފިނިކޮށްފައިވާ ކަޅުބިލަމަހާއި، ރީނދޫއުރަހަ ކަންނެލި އެކްސްޕޯޓް ދަށްވުމެވެ. އެއާއެކު ރޯމަހުގެ ބާވަތްތައް އެކްސްޕޯޓު ކޮށްގެން ލިބުނު އާމްދަނީ ވެސް ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް، ރީ-އެކްސްޕޯޓްގެ ގޮތުގައި ވިއްކާ ޖެޓް ފިއުލް އިތުރުވެފައި ވުމުގެ ސަބަބުން ރީ-އެކްސްޕޯޓް އިތުރުވެފައިވެއެވެ.
އިމްޕޯޓް އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ދަތުރުފަތުރުގެ ވަސީލަތްތަކާއި އޭގެ ބައިތައް، ކާބޯތަކެތި، ފަރުނީޗަރު، އިމާރާތްކުރުމާ ގުޅުންހުރި ތަކެއްޗާއި ތެލުގެ ބާވަތްތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް، މެޝިނަރީއާއި މެކޭނިކަލް އެޕްލަޔަންސަސް އަދި އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް މެޝިނަރީގެ އިމްޕޯޓް ދަށްވެފައިވެއެވެ.
2024 ވަނަ އަހަރު، 2023 ވަނަ އަހަރާ އަޅާބަލާއިރު ޖުމްލަ އެކްސްޕޯޓް 9 ޕަސެންޓް ދަށްވެފައިވާ ކަމަށް އެމްއެމްއޭ އިން މިހިނގާ މާޗް މަހު ނެރުނު އިކޮނޮމިކް އަޕްޑޭޓްގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ބުނާ ގޮތުން 2023 ވަނަ އަހަރާ އަޅާ ބަލާއިރު ހުސްވި އަހަރު ޖުމްލަ އިމްޕޯޓް 4 ޕަސެންޓް އިތުރުވެފައިވެއެވެ.