ރާއްޖޭގެ ޚަރަދު ތައް ބޮޑުވުމާއެކު އެތެރޭގެ ދަރަނި ކުޑަ ނުވެ އެގޮތުގައި ދެމެހެއްޓެމުން އައުމާއި، ބޭރު ފައިސާގެ ރިޒާވަށް ފިއްތުންތައް ހުރުމާއެކު، އަވަސް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފް އިން މިހެން ބުނެފައިވަނީ އެ ފަންޑުގެ މިޝަން އެއް ރާއްޖެ އަށް ޒިޔާރަތް ކުރުމަށްފަހު އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައެވެ.
މިޝަން ޒިޔާރަތް ކުރީ 2025 ވަނަ އަހަރުގެ ފެބްރުއަރީ 3 އިން 16 އަށެވެ. މި ވަފުދުން ކުރި ޒިޔާރަތުގެ މަގްސަދަކީ މިހާރުގެ ގައުމުގެ އިޤްތިޞާދީ ހާލަތާއި، އިގްތިސާދު ކުރިއެރުވުމަށް ރޭވިފައިވާ ކަންކަމާއި، ރާއްޖެ އިން މާލީ ގޮތުންނާއި އިގްސާދު ރަނގަޅު ކުރުމަށް އިސްކަންދޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާ ރަނގަޅަށް ކުރިއަށް ދިއުމާއެކު، 2025 ވަނަ އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދު 5 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުގައި ބުނަމުން، އެހެން ނަމަވެސް، އިގްތިސާދީ މައްސަލަތައް ބޮޑުވަމުން ދިއުމާއެކު، އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ މިންވަރު އަންދާޒާ ކޮށްފައިވާ މިންވަރަށް ވުރެ ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.
ދައުލަތުގެ މާލީ ކަންކަމާއި ދަރަނި އަދާކުރުން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ރަނގަޅު ސިޔާސަތުތައް މިވަގުތުން ވަގުތަށް ބޭނުންވާ ކަމަށް ރިޕޯޓުގައި ވެއެވެ. މިވަގުތު އެންމެ އިސްކަންދޭންޖެހޭ ކަންކަމުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މާލީ ސިޔާސަތުތައް އިސްލާހު ކުރުމާއި ޖުމްލަ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި އަދާކުރުމުގެ ސްޓްރެޓެޖީއެއް އެކުލަވާލުން ވަރަށް އަވަހަށް ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ވިޔަފާރީގެ މާޙައުލު ރަނގަޅު ކުރުމަށާއި، ހިންގުން ހަރުދަނާކުރުމަށާއި، ހުނަރު ތަރައްޤީކުރުން އިތުރުކުރުމަކީ އިގްތިސާދީ ގޮންޖެހުންތަކަށް ކުރިމަތިލުމުގައި މުހިންމު ކަންތައްތައް ކަމަށާއި، އިގްތިސާދު ކުރިއެރުމަށް އެކަންކަމުގެ ސަބަބުން މަގު ފަހިކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.
2025 ވަނަ އަހަރު އިންފްލޭޝަން 2.3 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ. މިއީ މުދަލަށް ނަގާ އިމްޕޯޓް ޑިއުޓީ ބޮޑު ކުރުމުގެ ސަބަބުން ކަމަށް ވެސް ބުނެފައިވެއެވެ. އިގްތިސާދުގައި ކުރި ޔަގީންކަން ކުޑަ ކަންތައްތަކުގެ ސަބަބުން އަންދާޒާ ކުރެވިފައިވާ މިންވަރަށް ވުރެ ކަންކަން ދަށަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މެދުރާސްތާގައި، އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކަށް ދިވެހިރާއްޖެ ވަރަށް ބޮޑަށް ހުށަހެޅިފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ދިވެހި ސަރުކާރުން އަމިއްލައަށް މާލީ އިޞްލާޙީ އެޖެންޑާއެއް އެކުލާފައި އޮތުމާއެކު. 2025 ވަނަ އަހަރުގެ ބަޖެޓުގައި ބަޔާންކޮށްފައިވާ ޚަރަދު ކުޑަކުރުމުގެ އިސްލާހީ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުމަށް ރިޕޯޓުގައި ގޮވާލާފައިވެއެވެ.
އިސްރާފު ބޮޑު ޚަރަދުތައް ކޮންޓްރޯލު ކޮށް، ޚަރަދުކުރުމުގެ ހަރުދަނާކަން އިތުރުކުރުމަށާއި އިޖްތިމާއީ ރައްކައުތެރި ކަމަށް ކުރަމުންދާ ޚަރަދުތައް ހަރުދަނާ ކުރުމަށް ރިޕޯޓުގައި ވެއެވެ.
ބަޖެޓުގައި ރޭވިފައިވާ ގޮތަށް، ހުޅުވާލެވިފައިވާ ސަބްސިޑީގެ އުސޫލުތައް ބަދަލުކޮށް، ނިކަމެތި ޢާއިލާތަކަށް އެކަނި ދެވޭ އެއްޗަކަށް ސަބްސިޑީ ހެދުމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ. މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އިސްކަންދޭ ތަރުތީބެއް ކަނޑައަޅައި ހަރުދަނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ. އޭގެ އިތުރުން، ދައުލަތުގެ ކުންފުނިތަކުގެ (އެސް.އޯ.އީ) އިޞްލާޙުތަކާއި އާސަންދަ-ޞިއްޙީ ފަރުވާގެ އިޞްލާޙުތައް ކުރިއަށް ގެންދަންވާނެ ކަމަށް ބުނެފައިވެއެވެ. މާލީ ސިޔާސަތުގެ އިތުބާރާއި ހަރުދަނާކަން އިތުރުކުރުމަށް ދައުލަތުގެ މާލީ އޮނިގަނޑު ވަރުގަދަކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، ޖުމްލަ ދަރަނި މެނޭޖްކުރުން ރަނގަޅުކުރުމަށް ވަނީ ރިޕޯޓުގައި ގޮވާލާފައެވެ.