ކުރީގެ އަންދާޒާ އާ އެއް ގޮތައް އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - އެމްއެމްއޭ އިން ބުނެފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވަނީ، އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަަޅާ ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ޖީޑީޕީ ކުރިއަރާފައި ވަނީ 2.5% އަށް ކަމަށެވެ.
2025 ވަނަ އަހަރުގެ މޭ މަހު ސަރުކާރުން ތައްޔާރު ކުރި ފޯކާސްޓް ތަކުގައި، 2025 ވަނަ އަހަރުގެ އަހަރީ ޖީޑީޕީ އަސާސީ ސިނާރިއޯގައި 4.5% އަށް ކުރިއަރާނެ ކަމަށާއި އަދި އޯލްޓަރނޭޓިވް ސިނާރިއޯ އެއް ގައި 5.6% އިން ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
އެހެން ނަމަވެސް އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓު ބުނާ ގޮތުން މި އަންދާޒާ ތަކާ އެއްގޮތައް އިގްތިސާދު ކުރިއަރަމުން ގޮސްފައެއް ނުވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ޝާއިއު ކުރި އިކޮނޮމިކް އަޕްޑޭޓް ގައި ބުނެފައިވަނީ މި ދެ ސިނާރިއޯ އާ އެއް ގޮތައް އިގްތިސާދު ކުރިއަރާނެ ކަމަށް ނުފެންނާތީ، 2025 ވަނަ އަހަރަށް އިގްތިސާދު ކުރި އަރާނެ ކަމަށް ލަފާ ކުރެވޭ މިންވަރު މިހާރު ވަނީ ދަށްކުރެވިފައި ކަމަށެވެ.
އިގްތިސާދު ކުރިއަރާނެ ކަމަށް އަންދާޒާ ކުރާ މިންވަރު މިއަހަރަށް ދަށް ކުރީ، ހުސްވި އަހަރު އަންދާޒާ ކުރި މިންވަރަށް ވުރެ ދަށް ކޮށް ކުރިއަރާފައިވާތީއެވެ. ހުސްވި އަހަރު ޖީޑީޕީ ކުރިއެރީ 3.3% އަށެވެ. އެއީ ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ ވުރެ 2.2 ޕަސެންޓޭޖް ޕޮއިންޓް ދަށް އަދަދެކެވެ.
2025 ވަނަ އަހަރުގެ ޖޫން މަހު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރެފައިވާ ޖީޑީޕީ ކުރިއަރާނެ މިންވަރުގެ އަންދާޒާތަކާ އެއްގޮތްވާ ގޮތުގެ މަތިން، 2023 ވަނަ އަހަރު 4.9% ގެ ކުރިއެރުމެއް ލިބިފައިވެއެވެ.
2024 ވަނަ އަހަރު، ޙަޤީޤީ ޖީޑީޕީގެ ކުރިއެރުން މައިގަނޑު ގޮތެއްގައި ޙާޞިލު ކުރެވިފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ފުޅާވުމާއެކު، ދަތުރުފަތުރާއި މުވާޞަލާތު، ހިންގުމުގެ ދާއިރާ އަދި ރިއަލް އެސްޓޭޓް ދާއިރާތަކުން ލިބުނު ކުރިއެރުންތަކާ އެކުގައެވެ.