ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 14:12
ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު
ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު
ފްލެޓު ލިސްޓް
ފްލެޓު ލިސްޓް ބާތިލެއް ނުކުރަން: މިނިސްޓަރު ހައިދަރު
ފްލެޓު ލިސްޓު ގަޑުބަޑު ކުރުމަށް މަސައްކަތް ކުރާ ކަމަށް ބައެއް މީހުން ތުހުމަތުކުރޭ
މި މަސް ތެރޭގައި ފައިނަލް ލިސްޓް އާއްމު ކުރުމަށް ދަނީ މަސައްކަތް ކުރަމުން
ފްލެޓު ލިސްޓާއި ގުޅޭގޮތުން ދައްކަމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓު ލިސްޓް ބާތިލު ނުކުރާ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ފްލެޓު ލިސްޓު އާންމުކުރުން ލަސްވެފައިވާ ކަމަށް ބުނެ، ގިނަ އަދަދެއްގެ އާންމުންގެ ބަޔަކު ވަނީ ހައުސިން މިނިސްޓްރީއަށް ގޮސްފައެވެ. އަދި އެމީހުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ހުށަހަޅާފައިވާ ސިޓީތަކަށް ޖަވާބު ނުލިބޭ ކަމަށް އެމީހުން ބުނެއެވެ. މިމަސް ތެރޭގައި ފްލެޓުގެ ފައިނަލް ލިސްޓް އާއްމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވި ނަމަވެސް މިނިސްޓަރަށް އިތުބާރު ނުކުރާ ކަމަށާއި، ފްލެޓު ލިސްޓު ގަޑުބަޑު ކުރުމަށް މަސައްކަތް ކުރާ ކަމަށް އެމީހުން ތުހުމަތުކޮށްފައިވެއެވެ.

މިކަންބޮޑުވުންތަކާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މިނިސްޓަރު ހައިދަރު ވިދާޅުވީ ފްލެޓު ލިސްޓް ބާތިލް ނުކުރާ ކަމަށާއި، ފްލެޓު ލިސްޓާއި ގުޅޭގޮތުން ދައްކަމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ކުރީ ސަރުކާރުން ދޫކޮށްފައިވާ ލިސްޓް އަލުން ރިވިޔު ކުރާއިރު، އިންސާފުވެރިކޮށް ލިސްޓަށް ފްލެޓުތައް ދޫކުރާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަސް ތެރޭގައި ފައިނަލް ލިސްޓް އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ މިނިސްޓްރީއަށް އާންމު ރައްޔިތުން ހުށަހަޅާ ސިޓީތަކަށް އުސޫލުގެ ތެރެއިން ޖަވާބު ދެމުން ގެންދާނެ ކަމަށެވެ.

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4,000 ފްލެޓް ލިބޭ ފަރާތްތައް ގެޒެޓްކޮށް، އޭގެ ތެރެއިން 3,778 ފަރާތާއެކު އެގްރީމެންޓް ވެސް ވަނީ ހަދާފައެވެ.

ފްލެޓް ދޫކުރުމުގެ މައްސަލައާ ގުޅޭގޮތުން އަދިވެސް ވާނުވާ ނޭނގޭ ކަމަށް ފްލެޓް ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާއިރު، ސަރުކާރުން ދައްކާ ވާހަކަތަކުގެ ރާގު އެކި ފަހަރު ބަދަލުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތިން ފާޅުކޮށް، ސިލްސިލާކޮށް މުޒާހަރާވެސް ދަނީ ކުރަމުންނެވެ.


Advertisement
- ކޮމެންޓް