ރައީސް މުހައްމަދު މުއިއްޒު ގެ ސަރުކާރުން ރާއްޖެ އިން ބޭރުގައި ބޭއްވި ބިޒްނަސް ފޯރަމް ތަކުން ވީ ސީދާ ފައިދާ އެއް ސަރުކާރަށް ބުނެއެއް ނުދެވުނު އެވެ.
ދިވެހި ސަރުކާރުން އިންތިޒާމު ކޮށްގެން ބޭރުގެ އެކި ގައުމުތަކުގައި ބޭއްވި ބިޒްނަސް ފޯރަމް ތަކުން ކިހާ އިންވެސްޓްމަންޓް ތަކެއް މިހާތަނަށް ލިބިއްޖެތޯ އާއި އަދި އެ އިންވެސްޓްމަންޓް ތަކަކީ ކޮބާތޯ އާއި އަދި އެއްވެސް އިންވެސްޓްމަންޓެއް އައިސްފައިވާ ވާނަމަ އޭގެ އަގަކީ ކޮބާތޯ އިކޮނޮމިކް މިނިސްޓްރީ ގައި މި ނޫހުން ސުވާލު ކުރުމުން އެއިން އެއްވެސް ސުވާލަކަށް ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ހަމަ އެކަނި ބުނީ "މިފަދަ ފޯރަމް ތަކުގެ ސަބަބުން ދިވެހި ރާއްޖެ އަށް ލިބޭ ފޮރިން އިންވެސްޓްމަންޓް ތައް އިތުރު ވެގެން ދާނެ،" ކަމަށެވެ. އެހެން ނަމަވެސް އިތުރުވި އެއްވެސް އިންވެސްޓްމަންޓެއް ސާފުކޮށް ބުނެދީފައެއް ނުވެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޚާއްސަ ކޮށް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވައިގެން ބިޒްނަސް ފޯރަމް ތަކުގެ ނަމުގައި ބައްދަލުވުންތައް ވަނީ ބާއްވަފައެވެ.
އެ ގޮތުން ޑުބާއީ، ސިންގަޕޫރު، އިންޑިއާ، އިނގިރޭސިވިލާތް ފަދަ ގައުމު ތަކުގައި ބައްދަލުވުން ތައް ވަނީ ބާއްވާފައެވެ.
އެންމެ ފަހުން ބޭއްވި ބިޒްނަސް ފޯރަމް އޮތީ ހުސްވި ޖުލައި މަހު އިނގިރޭސި ވިލާތުގެ ލަންޑަން ގައެވެ. އެއީ މިހާތަނަށް މި ސަރުކާރުން ބޭއްވި 8 ވަނަ ފޯރަމް ކަމަށް ބުނެފައިވެއެވެ.
އެ ފޯރަމް އަށް ފަހު ސަރުކާރުން ބުނެފައި ވަނީ މި ފޯރަމުން، ދެ ޤައުމުގެ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް ހަރުދަނާ ކުރުމަށް ދޭ އަހުމިއްޔަތުކަން ފެނިގެންދިޔަ ކަމަށެވެ.
ބޭރުގެ ގައުމު ތަކުގައި މިފަދަ ފޯރަމްތައް ބޭއްވުމަކީ އިންތިހާ އަށް ޚަރަދު ހިނގާނެ ކަމަކަށް ވެފައި އަދި އެފަދަ ފޯރަމެއްގެ ތެރެއިން ރާއްޖެ އަށް އައި އިންވެސްޓްމަންޓެއް ސަރުކާރަށް ދެއްކިފައި ނުވާ އިރު، އެންމެ ފަހުން މިނިސްޓްރީ އޮފް ފިނޭންސް އިން އާންމު ކުރި ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖުލައި ގެ ނިޔަލަށް ބޭރުގެ ހެޔޮއެދޭ ފަރާތްތަކުން ލިބޭ ހިލޭ އެހީ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ދަށްވެފައިވެއެވެ.
ސަރުކާރަށް ދެ އަހަރު ވާން ކައިރިވެފައިވާ އިރު، އިގްތިސާދު އަދިވެސް ބިނާ ވެފައި މިއޮތީ ކުރިން ވެސް އޮތް ގޮތަށް ކުރިން ވެސް ޓެކްސް ނެގި ދާއިރާ ތަކުގެ މައްޗަށެވެ. އެއްވެސް ހާލެއްގައި އާމްދަނީ ގެ އައު ވަސީލަތަކުން ދައުލަތުގެ ޚަޒާނާ އަށް އިތުރު އެއްޗެއް ވަންނަ މަންޒަރެއް ފިނޭންސް މިނިސްޓްރީގެ ރެކޯޑް ތަކަކުން ނުދައްކައެވެ.