ކ. މާލެ
|
9 ފެބްރުއަރީ 2025 | އާދީއްތަ 09:36
ބެއިރޫތުގެ ރިޔާސީ ގަނޑުވަރުގައި 2025 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު އައު ސަރުކާރު އެކުލަވާލުމަށްފަހު ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ނޫސްވެރިންނާ ވާހަކަދައްކަވަނީ
ބެއިރޫތުގެ ރިޔާސީ ގަނޑުވަރުގައި 2025 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު އައު ސަރުކާރު އެކުލަވާލުމަށްފަހު ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ނޫސްވެރިންނާ ވާހަކަދައްކަވަނީ
ރޮއިޓާސް
ލުބުނާނު
ދެ އަހަރުގެ ވަގުތީ ކެބިނެޓަކަށްފަހު ލުބުނާނު އިން އައު ސަރުކާރެއް އެކުލަވާލައިފި
ކުރީގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މިކާތީގެ އިސްތިއުފާ ބަލައިގަނެ، ސަލާމް އާއެކު 24 ވަޒީރުންގެ އައު ކެބިނެޓެއް އެކުލަވާލުމުގެ ޤަރާރެއްގައި ސޮއިކުރައްވާފައިވާ ކަމަށް ރިޔާސީ ގަނޑުވަރުން ހޮނިހިރު ދުވަހު ވަނީ ބުނެފައި

ދެ އަހަރަށްވުރެ ގިނަ ދުވަހު ވަގުތީ ކެބިނެޓެއް އޮތުމަށްފަހު، ބޮޑުވަޒީރު ނަވާފް ސަލާމްގެ ވެރިކަމުގެ ދަށުން އައު ސަރުކާރެއް އެކުލަވާލައިފިކަން ލުބުނާނުގެ ރައީސް ޖޯސެފް އައުން އިޢުލާނު ކުރައްވައިފިއެވެ.

ކުރީގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މިކާތީގެ އިސްތިއުފާ ބަލައިގަނެ، ސަލާމް އާއެކު 24 ވަޒީރުންގެ އައު ކެބިނެޓެއް އެކުލަވާލުމުގެ ޤަރާރެއްގައި ސޮއިކުރައްވާފައިވާ ކަމަށް ރިޔާސީ ގަނޑުވަރުން ހޮނިހިރު ދުވަހު ބުނެފިއެވެ. 

ރިޔާސީ ގަނޑުވަރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ސަލާމް ވިދާޅުވީ އައު ސަރުކާރަކީ އިޞްލާޙަށް އަމާޒުކުރެވިފައިވާ ސަރުކާރެއް ކަމަށާއި، އެއީ ލުބުނާނު ސަލާމަތް ކުރުމުގެ ހަމައެކަނި މަގު ކަމުގައެވެ.

ލުބުނާނުގެ އަހުލީ ހަނގުރާމަ ނިމުމަކަށް ގެނައި 1989 ގެ ތާއިފް އެއްބަސްވުން ތަންފީޒުކޮށް، މާލީ އަދި އިޤްތިޞާދީ އިޞްލާޙުތައް ގެނެސް، މިނިވަން ޝަރުޢީ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

"ސަރުކާރުން (އ.ދ.ގެ) ޤަރާރު 1701 ތަންފީޒުކޮށް، އިސްރާއީލު ސިފައިން ފޭބުމުގެ މަސައްކަތް ބަލަހައްޓައި، އަދި އެއާއެކު އަލުން ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ތެރެއިން ރައްކާތެރިކަމާއި ސުލްޙަވެރިކަން ކަށަވަރުކުރަންވާނެއެވެ....މިއީ އަޅުގަނޑުމެން ވެފައިވާ ވައުދެކެވެ،" ސަލާމް ފާހަގަކުރެއްވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ ލުބުނާން އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ދެމެދު އިތުބާރު އަލުން ބިނާކުރުމަށާއި، ސަރުކާރާއި ޒުވާނުންނާ ދެމެދު އޮތް އިތުބާރު އަލުން ބިނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. 

ލުބުނާނުގެ ކުރީގެ އަސްކަރީ އިސްވެރިޔާ އައުން، ޖެނުއަރީ 9 ވަނަ ދުވަހު ލުބުނާނުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމާ އެކު، ޤައުމުގެ ރައީސް ކަމުގެ މަގާމުގައި ބޭފުޅަކު ނެތި އޮތް ހުސްކަން ނިމުމަކަށް އައެވެ. 

އޭނާ އިންތިޚާބުވެވަޑައިގަތުމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި، ދަ ހޭގްގައި ހުންނަ ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ ކޯޓު (އައި.ސީ.ޖޭ) ގެ ރައީސް ސަލާމް، ލުބުނާނުގެ އައު ބޮޑުވަޒީރު ކަމަށް އިސްކުރައްވާ، އައު ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވުނެވެ.

- ކޮމެންޓް