އުރުދުންގެ ވެރިރަށް އަންމާނާއި އެ ޤައުމުގެ އެހެން ސިޓީތަކުގައި، ޣައްޒާގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމަށް ޓްރަމްޕް ރާވާފައިވާ ޕްލޭނާ ދެކޮޅަށް ވަނީ މުޒާހަރާ ކޮށްފައެވެ.
އުރުދުންގެ ގިނަ ސިޔާސީ ފަރާތްތަކުން މި ޕްލޭން ބަލައިނުގަނެ ފާޅުގައި ވަނީ ދެކޮޅުހަދާފައެވެ. އަދި ފަލަސްޠީނުގެ މީހުން އުރުދުން އަށް ބަދަލުކުރުން މަނާކުރާ ޤާނޫނެއްގެ ޑްރާފްޓެއް އެ ޤައުމުގެ ޕާލިމަންޓަށް ވަނީ ހުށަހަޅާފައެވެ.
އަދި މި މައްސަލައިގައި އިސްރާއީލާ ދެކޮޅަށް ކުރަން ޖެހިދާނެ ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން، ލާޒިމު އަސްކަރީ ޚިދުމަތް އަލުން ތަޢާރަފުކުރުމަށް އުރުދުންގެ ސިޔާސީ ފަރާތަކުން ވަނީ ގޮވާލާފައެވެ.
ޣައްޒާގެ އަސްލު ވަޒަންވެރިން ބަދަލުކުރުމުގެ ޕްލޭނާ ދެކޮޅަށް އިރާޤުގެ ވެރިރަށް ބަޣުދާދުގައިވެސް މުޒާހަރާތައް ބޭއްވިފައިވެއެވެ. މީގެ ކުރިން މިސްރުގައިވެސް މިފަދަ މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.
ބުރާސްފަތި ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ވޮޝިންގޓަންގައި ބޭއްވި ބައްދަލުވުމެއްގައި، ފަލަސްޠީނުގެ ސަރަޙައްދު ކަމުގައިވާ ޣައްޒާ ހިފައި، އެތަނުގެ އަސްލު ރައްޔިތުން އެމީހުންގެ ވަޠަނުން ނެރުމަށް ރާވާފައިވާ ޕްލޭން ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފައެވެ.
ޓްރަމްޕްގެ ޕްލޭނުގައި ހިމެނެނީ ޣައްޒާގެ ރައްޔިތުން މިސްރަށާއި އުރުދުން އަށް ގަދަކަމުން ބަދަލުކުރުމެވެ. ނަމަވެސް މި ދެ ޤައުމުންވެސް މި ޕްލޭން ބަލައިނުގަންނަ ކަމަށް ރަސްމީކޮށް ބުނެފައިވެއެވެ.
އިސްރާއީލުގެ އަސްކަރީ ކަންކަމާ ބެހޭ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ޣައްޒާގެ ރައްޔިތުން އަޔަލޭންޑަށާއި ސްޕެއިނަށް ބަދަލުކުރުމަށް ގޮވާލާފައެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ހިމެނޭގޮތަށް، ދުނިޔޭގެ ގިނަ ލީޑަރުން، މި ޕްލޭނާ ދެކޮޅަށް ފާޅުގައި ވަނީ ވާހަކަ ދައްކަވާފައެވެ.
އަދި ޓްރަމްޕް އަށް އިންތިޚާބުގައި ތާއީދުކުރި ގިނަ ފަރާތްތަކުންވެސް މި ޕްލޭނާ ދެކޮޅަށް ފާޑުކިޔާފައިވެއެވެ. އެފަރާތްތަކުން ދެކޭގޮތުގައި ޓްރަމްޕްގެ މި ޕްލޭނަކީ އެމެރިކާ އަށް ވުރެ ބޮޑަށް އިސްރާއީލަށް އިސްކަންދޭ ޕްލޭނެކެވެ. އަދި މިއީ އޭނާގެ "އެމެރިކާ ފަސްޓް" ސިޔާސަތާ ފުށުއަރާ ކަމެއް ކަމަށް އެފަރާތްތަކުން ދެކެއެވެ.