އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލްގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޭސީ މިލާނުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ރޯމާއާ ދެކޮޅަށް ކުޅުނު މެޗު އޭސީ މިލާނުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އޭސީ މިލާނުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ތިން ވަނަ ލަނޑު އެ ޓީމުން ފަހު ހާފުގައި ޖެހިއިރު، މި ހާފުގައި ރޯމާ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އޭސީ މިލާނަށް ކުރި ހޯދައިދިނީ ޓަމީ އަބްރަހަމް އެވެ. އެއީ ތިއޯ ހެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، އަބްރަހަމް ވަނީ ދެ ވަނަ ލަނޑެއް ޖަހައި އޭސީ މިލާންގެ ލީޑު ފުޅާ ކޮށްފަ އެވެ. މި ލަނޑު ވެސް އޭނާ ޖެހީ ހެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ރޯމާ އިން ވަނީ ލަނޑެއް ޖަހައި އުންމީދު ހޯދައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އާޓެމް ޑޮވްބީކް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި އޭސީ މިލާންގެ ތިން ވަނަ ލަނޑު ޖެހީ ޔާއޯ ފެލިކްސް އެވެ. އެއީ ސަންތިއާގޯ ހިމިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފެލިކްސްް ޖެހި ލަނޑެކެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު އޭސީ މިލާނުން ހޯދާފައިވާއިރު، އެ ޓީމުން ވަނީ މިހާތަނަށް ފަސް ފަހަރެއްގެ މަތިން އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.