ކ. މާލެ
|
15 ޖުލައި 2025 | އަންގާރަ 09:39
އޭސީ މިލާނަށް ބަދަލުވި ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް
އޭސީ މިލާނަށް ބަދަލުވި ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް
ރޮއިޓަރސް
އޭސީ މިލާން
އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން މޮޑްރިޗް މިލާނަށް ބަދަލުވެއްޖެ
މިލާނަށް ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަމުން މޮޑްރިޗް ބުނެފައި ވަނީ އޭނާގެ ކެރިއަރުގެ އައު ޗެޕްޓަރެއް ފަށަން ހުރީ ތައްޔާރަށް އަދި އުފަލުން ކަމަށެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށްލުމަށް ފަހު، ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

ޓޮޓެންހަމް ދޫކޮށްލުމަށް ފަހު މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެންމެ ފަހުން އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އެއާއެކު މޮޑްރިޗް ވަނީ އެއްބަސްވުން އައު ނުކޮށް، ރެއާލް ދޫކޮށްލަން ނިންމައިފަ އެވެ.

މޮޑްރިޗް ވަނީ އޭސީ މިލާނުން ލިބުނު ހުށަހެޅުން ޤަބޫލުކޮށް އެ ކުލަބަށް ބަދަލުވެފަ އެވެ. އޭސީ މިލާނާ އެކު މޮޑްރިޗް ސޮއި ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު 2026 ވަނަ އަހަރު ހަމަވާއިރު، އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

އޭސީ މިލާން އަކީ މޮޑްރިޗްގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭނެ ހަ ވަނަ ކުލަބެވެ. ޑިއިނަމޯ ޒަގްރެެބް އިން ސީނިއާ ކެރިއަރު ފެށި މޮޑްރިޗް ވަނީ، ޒްރިންސްކީ މޮސްޓާ، އިންޓަރ ޒަބްރެސިޗް، ޓޮޓެންހަމް އަދި ރެއާލަށް ވެސް ކުޅެފަ އެވެ. އޭސީ މިލާންގައި މޮޑްރިޗް ބޭނުން ކުރާނީ 14 ނަންބަރު ޖާޒީ އެވެ.

މިލާނަށް ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަމުން މޮޑްރިޗް ބުނެފައި ވަނީ އޭނާގެ ކެރިއަރުގެ އައު ޗެޕްޓަރެއް ފަށަން ހުރީ ތައްޔާރަށް އަދި އުފަލުން ކަމަށެވެ. މީގެ އިތުރުން މިލާން އިން ލިބުނީ ދޫކޮށް ނުލެވޭނެ ވަރުގެ ފުރުސަތެއް ކަމަށާއި، މިލާން އަކީ ކޮން ފެންވަރެއްގެ ކުލަބެއްކަން އިނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މޮޑްރިޗް ވަނީ އޭނާ ރެއާލަށް ކުޅެދިން 597 މެޗުގައި 43 ލަނޑު ޖަހައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ރެއާލާ އެކު 28 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގެ އިތުރުން، ކޮޕާ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް، ފީފާ ކުލަބު ވޯލްޑް ކަޕް އަދި ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

- ކޮމެންޓް