މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމުނުކޮށް އިސްރާއީލާއެކު ގުޅުން ޢާއްމުނުކުރާނެ ކަމަށް ސަޢޫދީ ޢަރަބިއްޔާއިން އަނެއްކާ ވެސް ބުނެފިއެވެ.
މިކަން ތަކުރާރު ކޮށް ފާހަގަކުރަމުން ސަޢޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ މިއީ އެ ޤައުމުގެ ބަދަލެއް ނުވާނެ ސިޔާސަތެއް ކަމުގައެވެ.
މި ބަޔާން ނެރުނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސައުދީ އަރަބިއްޔާ އާ އެކު ގުޅުން ރަނގަޅު ކަމަށާއި އަދި ސުލްހައިގެ އެއްބަސްވުމަކާ ހަމަ އަށް ދިއުމަށް ގާތްވެފައިވާ ކަމުގެ ވާހަކަތަކެއް ދައްކާފައިވަނިކޮށްނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވީ އޭނާ "ދެކޭގޮތުގައި އިސްރާއީލާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސުލްޙަވެރިކަން ޤާއިމުކުރުމަކީ ހަމައެކަނި ވެދާނެ ކަމެއް ނޫނެވެ....އެކަން ހިނގާނެއެވެ،" އަދި އިތުރަށް ވިދާޅުވީ އޭނާއާއި ޓްރަމްޕް ވެސް މިކަން ޙާޞިލުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރަމްޕް ވަނީ ޣައްޒާގައި ތިބި ފަލަސްޠީނުގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމުގެ ހުށަހެޅުމެއް މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންނަށް ހުށަހަޅުއްވާ މަޝްވަރާކުރެވުނު ކަން ހާމަކުރައްވާފައެވެ. އަދި އެ ބޭފުޅުން އެ ޚިޔާލަށް ތާއީދުކުރާ ކަމަށް ވިދާޅުވިއެވެ.
"އެހެން ވެރިން މި ޚިޔާލަށް ވަރަށް ތާއީދުކުރޭ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އޭގެ ކުރީ ދުވަހު، ޢަރަބި ފަސް ޤައުމެއްގެ ޚާރިޖީ ވަޒީރުންނާއި ފަލަސްޠީނުގެ އިސް އޮފިޝަލަކު ސޮއި ކުރައްވާ އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އަށް ފޮނުއްވި ސިޓީއެއް ގައި ޣައްޒާގެ ފަލަސްޠީނުގެ މީހުން ބަދަލުކުރުމުގެ އެއްވެސް ޕްލޭނަކަށް ތާއީދު ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި އެކަމަށް އިންކާރުކުރާ ކަމަށް ވަނީ ބުނެފައެވެ.
މި ސިޓީގައި، އުރުދުން، މިޞްރު، ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި ޔޫއޭއީގެ ޚާރިޖީ ވަޒީރުންނާއި ފަލަސްޠީނުގެ ރައީސްގެ މުޝީރު ޙުސައިން އައް-ޝައިޚް ސޮއި ކުރައްވާފައިވެއެވެ.