ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 12:09
2017 މެއި 23 - ނަތަންޔާހޫ އާޢި ޓްރަމްޕް ޖެރޫސަލަމް ގައި ބައްދަލު ކުރައްވަނީ (ފައިލް)
2017 މެއި 23 - ނަތަންޔާހޫ އާޢި ޓްރަމްޕް ޖެރޫސަލަމް ގައި ބައްދަލު ކުރައްވަނީ (ފައިލް)
ރޮއިޓާސް
ޣައްޒާ
ޓްރަމްޕްގެ ނުރައްކާތެރި އިންޒާރެއް – ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އެތަނުން ފަލަސްތީން ރައްޔިތުން ބޭރު ކުރާނަން
ދުނިޔެއަށް ކުއްލި ސިހުމެއް ލިބުނު މި ޕްލޭން ހާމަކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި

ފަލަސްތީނުގެ ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އެތަނުން ފަލަސްތީން ރައްޔިތުން ބޭރު ކުރާނެ ކަމުގެ ނުރައްކާތެރި އިންޒާރު ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އޭނާގެ މި ޕްލޭން އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ފަލަސްތީނުގެ ރައްޔިތުން އަވައްޓެރި ޤައުމުތަކަށް ބަދަލުކުރުމަށްފަހު، ހަނގުރާމައިން ވީރާނާވެފައިވާ ޣައްޒާ ސަރަޙައްދު އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، "ދުނިޔޭގެ މީހުން" އެތަނުގައި ދިރިއުޅޭ ގޮތަށް އެ ސަރަޙައްދު ތަރައްޤީކުރަން ބޭނުންފުޅުވާ ކަމަށެވެ.

ދުނިޔެއަށް ކުއްލި ސިހުމެއް ލިބުނު މި ޕްލޭން ހާމަކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނަތަންޔާހޫ ވަނީ އަންގާރަ ދުވަހު ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމުގެ ބައްދަލުވުމަކަށް ވައިޓް ހައުސްއަށް ޒިޔާރަތްކުރައްވާފައެވެ.

ޓްރަމްޕް ވަނީ ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުން "އެތަން ދޫކޮށް ދާން ބޭނުންވާނެ" ކަމަށް ވިދާޅުވެ އޮޅުން އަރާ ގޮތައް ވާހަކަފުޅު ދައްކަވާ، ނަސްލު ނައްތާލުމުގެ ކެމްޕޭނަކަށް އޭނާ ތާއީދުކުރައްވާފާނެކަމުގެ ބިރުވެރިކަން އުފައްދަވާފައެވެ.

ޓްރަމްޕްގެ ވާހަކަފުޅުތަކަށް ރައްދު ދެމުން ޙަމާސްއިން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ޕްލޭންތަކަކީ "ސަރަޙައްދުގައި ހަމަނުޖެހުމާއި ގޮންޖެހުންތައް އުފެއްދުމުގެ ރެސިޕީއެއް" ކަމަށާއި "ޣައްޒާ ގައި ތިބި ފަލަސްތީނު ރައްޔިތުން މި ޕްލޭންތައް ތަންފީޒުވިއަކު ނުދޭނެ" ކަމަށެވެ.

ނެތަންޔާހޫގެ ވައިޓްހައުސް އަށް ކުރެއްވި ޒިޔާރާތާ ދެކޮޅަށް މުޒާހަރާކުރުމަށް ވޮޝިންގްޓަން ޑީސީގައި މީހުން އެއްވެ، "ހަނގުރާމައިގެ ކުށްވެރިއެއް" ވައިޓް ހައުސްއަށް ގެނައުމަށް ޓްރަމްޕް ދަޢުވަތު ދެއްވި ކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ރިވައިޒްކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގެ މަތިން، އިސްރާއީލުން ޣައްޒާގައި ހިންގި ހަނގުރާމައިގައި 61,700 އަށްވުރެ ގިނަ މީހުން ޝަހީދު ވެފައިވާ ކަމަށާއި، ގެއްލިފައިވާ އެތައް ހާސް އިތުރު މީހުން މިހާރު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

- ކޮމެންޓް