ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ތަފްސީލުތަކާ ބެހޭގޮތުން މަޝްވަރާކުރަން ތައްޔާރަށް ތިބި ކަމަށް ފަލަސްޠީނު ހަމާސް ޖަމާޢަތުގެ ދެ އޮފިޝަލަކު ހޯމަ ދުވަހު އޭއެފްޕީއަށް މަޢުލޫމާތު ދީފިއެވެ.
"ހަމާސް އިން ވަނީ މެދުވެރިންނަށް، ވޭތުވެދިޔަ ހަފްތާގައި ގާހިރާގައި ބޭއްވުނު ބައްދަލުވުންތަކުގަ އާއި ކުރެވެމުންދާ މުޢާމަލާތްތަކުގައި، ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ތައްޔާރަށް ތިބިކަން އަންގާފައި،" މަޝްވަރާތަކުގެ ނާޒުކުކަމުގެ ސަބަބުން ނަން ހާމަނުކުރަން ޝަރުޠު ކޮށް ހަމާސްގެ އޮފިޝަލަކު ބުންޏެވެ.
"އަހަރެމެން މެދުވެރިންގެ ކިބައިން އެދެނީ އިސްތިއުމާރީ ބާރުން [އިސްރާއީލް] އެއްބަސްވުމަށް ތަބާވެ، އެއްބަސްވުން ތަންފީޒު ކުރުން ލަސްނުކުރާކަން ޔަޤީން ކޮށްދިނުމަށް،" އެ އޮފިޝަލު އިތުރަށް ބުނެފައިވެއެވެ.
ދެވަނަ އޮފިޝަލަކު ބުނީ އެ ޖަމާޢަތުން "ދެން އޮތް ބުރު ފެށުމަށް މެދުވެރިން އިސްނަގާނެ ކަމަށް އިންތިޒާރު ކުރަމުންދާ" ކަމަށެވެ.
ހަމާސްއާއި އިސްރާއީލާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުޠުތަކުގެ ދަށުން - ފުރަތަމަ ފިޔަވައްސަށް ޢަމަލުކުރަން ފެށުނީ ޖެނުއަރީ 19 ގައެވެ. ދެވަނަ ފިޔަވަހީގެ ތަފްސީލުތައް އެކުލަވާލުމަށް ނުރަސްމީކޮށް ކުރެވޭ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.
42 ދުވަހުގެ ފުރަތަމަ ފިޔަވަހި ބިނާވެފައިވަނީ އިސްރާއީލުގެ 33 ރަހީނުން ދޫކޮށްލުމާއި އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގާތްގަނޑަކަށް 1,900 ގައިދީން ދޫކޮށްލުމެވެ.
ދެވަނަ ފިޔަވަހީގައި ބާކީ ތިބި ރަހީނުން ދޫކޮށްލުމާއި، ހަނގުރާމަ އެއްކޮށް ނިމުމަކަށް ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެކަމަށް ބެލެވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ބުނެފައިވަނީ އޭނާ ދެވަނަ ފިޔަވައްސާ ބެހޭގޮތުން މަޝްވަރާކުރަން ފަށާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
ނަތަންޔާހޫ މިހާރު އުޅުއްވަނީ ޓްރަމްޕް އާ ބައްދަލު ކުރައްވަން ވޮޝިންގަޓަން އަށް ކުރައްވާ ދަތުރުފުޅެއްގައެވެ.