މިސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުންނަން މަޖުބޫރުވެގެންދިޔައީ ރައްޔިތުންގެ މަޖިލިސް ވާ ކޮށްލި ހިސާބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ރާއްޖެޓީވީގައި ކުރިއަށް ގެންދިޔަ ފުދިއްޖެ-ފުނޑިއްޖެ ކަވަރޭޖްގައި ރާއީ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ގައުމު ހިންގުމަށް އެއް އަހަރު ދެވިފައިވާ ކަމަށާއި، ކަންކަން އިސްލާހުކޮށް ރަނގަޅު ކުރުމަށް މަގުމައްޗަށް ނުނިކުމެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފާއިތުވިގެން ދިޔަ އެއްއަހަރުގެ ތެރޭގައި ފެނިގެންދިޔައީ ޓެކްސީ ޑްރައިވަރުން، ރިސޯޓު މުވައްޒަފުން، މަސްވެރިން އަދި ކުރީ ސަރުކާރުގައި ދޫކޮށްފައިވާ ގޯއްޗާއި، ފްލެޓު މިސަރުކާރުން ނުދީގެން މުޒާހަރާއަށް ރައްޔިތުން ނުކުމެ އަޑު އުފުލާ މަންޒަރު ކަމަށް ރާއީ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރާއެކު ޑޮލަރު ރޭޓް މަތިވެ ރައްޔިތުން ބިކަވެ ނިކަމެތިވެގެންދިޔަ ކަމަށެވެ.
މީގެ އިތުރުން ރާއީ ވިދާޅުވީ އެމްޑީޕީން އިސްނަގައިގެން ރައްޔިތުންނާއެކު މަގުމައްޗަށް ނުކުތުމަށް ނިންމީ ރައްޔިތުންގެ މަޖިލިސް ބާރު ކަނޑުވާލައި، ވާކޮށްލި ހިސާބުން ކަމަށެވެ. އަދި އެހިސާބުން މިސަރުކާރުން ގައުމު ގެންދާ މިސްރާބު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ހާމަވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
މަގުމައްޗަށް ނުކުންނަ ހިސާބަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގައި މިދިޔަ އަހަރު ގާނޫނު އަސާސީއަށް މިގެނައި އިސްލާހު. ރައްޔިތުން މަޖިލީހުގެ ބާރު ކަނޑުވާލި ހިސާބުން ދެން އަޅުގަނޑުމެންނަށް އެނގިއްޖެ ކަށަވަރުވެއްޖެ ގޯސްވެއްޖެކަން. ދެން އޮތީ އަޅުގަނޑުމެންނަށް މަގުމައްޗަށް ނުކުތުންކަން. އެއީ ފުރަތަމަ ފަހަރަށް ރައްޔިތުން މަޖިލިސް ކައިރީއަށް އެއްވި ދުވަސް. އަޅުގަނޑުމެން އެދުވަހު ބުނަމުންދިޔައިން އެގޮތަށް ނުހަދާށޭ. މީގެ ނަތީޖާ ވަރަށް ގޯސްވާނޭ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ދަރުބާރެކޭ ރައްޔިތުން ހޮވާފައި ތިބި ރައްޔިތުންގެ މެންބަރުން ވަރަށް މިނިވަންކަމާއެކު ބަސްބުނާ ތަނެއް. އެކަމަކު އެހިސާބުން ފެށިގެން އެގާނޫނަށް އިސްލާހު ގެނާމަ ރާއްޖެއަށް މިދިމާވާނެ ހާލަތްތައް އަޅުގަނޑުމެންނަށް އެނގޭތީ އަޅުގަނޑުމެން އެވާހަކަ ދައްކަމުން މިދަނީ. އެހިސާބުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނޭ އެމަސައްކަތެއް ނުކުރެވޭނޭ. ރައްޔިތުން މަޖިލިސް ތެރެއިން އެކަން ކުރުމުގެ އެގުނަވަން ވާވެގެންދިޔައީ ރާއްޖޭގައި މިއޮތް ރައްޔިތުންގެ މަޖިލިސް.ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ
ރާއީ ވިދާޅުވީ ރައީސް މުއިއްޒުގެ ހައިބަތުބޮޑުވެ، ރައްޔިތުންގެ އަޑު ނީވޭ ހިސާބަށް ދިއުމުން މަގުމައްޗަށް ނުކުމެވެގެން ވެސް ރައްޔިތުންގެ އަޑު އިއްވާނެ ކަމަށެވެ.