މީޑިއާތަކަށް އިންޒާރުދެއްވުމަށްފަހު މީޑިއާތަކުގެ ކުރިމައްޗަށް ވަޑައިގަންނަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ކެރިވަޑައިނުގަންނަވާނެ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވީޑިއޯ މެސެޖް ފޮނުވަމަށް އެދިވަޑައިގެންފައިވާ ކަމަށާއި، އެމަނިކުފާނަށް ކެރިވަޑައިގަންނަވާނަމަ ފިއްލަވައިގެން ނޫޅުއްވާ މީޑިއާ ކުރިމައްޗަށް ވަޑައިގަތުމަށް ރާއީ ވަނީ ގޮވާލައްވާފައެވެ. ރާއީ ވިދާޅުވީ މީޑިއާތަކަށް އިންޒާރުދެއްވުމަށްފަހު މީޑިއާ ކުރިމައްޗަށް އެމަނިކުފާނަށް ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އަދަދު ނޫހުގެ ނޫސްވެރިއާ ހުސައިން ފިޔާޒު އަށް ފޯނުން ގުޅުއްވާ އިންޒާރު ދެއްވާފައެވެ.
ރާއީ ވިދާޅުވީ އެމްޑީޕީން މަގުތަކަށް ނުކުމެ ކޮންމެ ރެއަކުވެސް ކުރަމުން ގެންދަވަނީ ހައްގަށް ވަކާލާތު ކަމަށާއި، މުޒާހަރާ ކުރިއަށްގެންދާނެ ކަމަށެވެ. ރާއީ ވިދާޅުވީ އެމްޑީޕިއަކީ ފުލުހުންނަށްވެސް ރަނގަޅު ގޮތް ހޯދައިދިން ޕާޓީ ކަމަށާއި، ފުލުހުންވެސް މުޒާހަރާއަށް އެއްބާރުލުންދޭންޖެހޭ ކަމަށެވެ.
5 އަހަރުގެ ޓާމެއް ގަދަބާރުން ނިންމާލެވޭނެކަމާއި މެދު ޝައްކު. ދިވެހިންގެ ރާއްޖެ ދިވެހިންނަން ވަރަށް ސާފުކޮށް ފެނިއްޖެ. އަޅުގަނޑުމެން މުޒާހަރާތައް އަޑުގަދަކުރަމުން ގެންދާނީ ރެއަކަށްވުރެ ރެއެއް، ފަހެއް ނުޖެހޭނެ. ޖަލަށް ލިޔަސް ފަހަށް ނުޖެހޭނެ.
މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ![]()
އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާއަށް 12 ރޭ ވެފައިވާ އިރު، މިހާތަނަށް 11 މީހަކު ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. މުޒާހަރާގައި އުޅޭ ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ޗިޓް ފޮނުވަމުންދާއިރު، އެމްޑީޕީން ބުނެފައިވަނީ ޗިޓް ފޮނުވިޔަސް އަދި ޖަލަށްލިޔަސް ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.