އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ކުރިއަށް ގެންދާ ނަމަ ރަހީނުން ހަވާލު ކުރަން ޖެހޭނީ ސަންދޯކުގައި ކަމަށް އިސްލާމިކް ޖިހާދު ހަރަކާތުގެ އަސްކަރީ ގޮފި ކަމުގައިވާ އަލް-ޤުދުސް ބްރިގޭޑްސް އިން ބުނެފިއެވެ.
އަލް-ޤުދުސް ބްރިގޭޑްސް އިން ރަހީނުންގެ އާއިލާތަކަށް ގޮވާލާފައިވަނީ "މިހާރު ހައްޔަރުކޮށްފައި ތިބި މީހުންގެ ކަންތައް އޮތީ ހަމައެކަނި އިސްރާއީލުގެ ސިފައިންގެ އަތްމަތީގައި" ކަމަށާއި، ވައިގެ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލު ސަރުކާރަށް ފިއްތުންތައް އިތުރު ކުރުމަށެވެ.
އިސްލާމިކް ޖިހާދުން އިންޒާރުދީފައި ވަނީ ޣައްޒާ އަށް ދެމުންދާ ހަމަލާތައް ކުރިއަށް ދާނަމަ އިސްރާއީލުގެ ހައްޔަރުކުރެވިފައިވާ މީހުން އެނބުރި އަންނާނީ ސަންދޯކުގައި ކަމަށެވެ.
ހުސްވި ހަފްތާގެ ބުދަ ދުވަހު އިއުލާނު ކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ އާދީއްތަ ދުވަހު ހެނދުނު 8:30 ގައެވެ.
ޤަތަރުގައިވި މި އެއްބަސްވުމުގެ ދަށުން، ފުރަތަމަ މަރުހަލާގައި 33 އިސްރާއީލީ ރަހީނުން ދޫކޮށްލުމަށް ހަމަޖެހިފައި ވާއިރު އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި 730 ށް ވުރެ ގިނަ ފަލަސްތީނު މީހުން ދޫކޮށްލެވޭނެ ކަމަށް ބެލެވެއެވެ.
42 ދުވަހަށް ދެމިގެންދާނެ ފުރަތަމަ މަރުހަލާ ނިމޭއިރު، 65 ރަހީނުން އަދިވެސް ޣައްޒާގައި ތިބޭނެއެވެ. އެމީހުން ދޫކޮށްލުމާ ބެހޭގޮތުން މަޝްވަރާ ކުރަން ފެށޭނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފަށާތާ 16 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވެފައި ވުން އެކަށީގެންވެއެވެ.
ހައްޔަރުކުރެވިފައިވާ މީހުންގެ އާއިލާތަކުގެ ކޮމިޓީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ ގާތްތިމާގެ މީހުން ދޫކޮށްލުމަށް ވަގުތުން އަމަލުކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަށް ގޮވާލާފައިވާ ކަމަށެވެ.
ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށުމަށް މަދު ގަޑިއިރުތަކަކަށް ވަގުތު ކުޑަތަންވި އިރުވެސް، އިސްރާއީލުގެ ސިފައިން "އަދިވެސް ހުއްޓުމެއްނެތި ޣައްޒާއަށް ބޮންއަޅަމުން" ގެންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެއްބަސްވުން އިއުލާނުކުރި ފަހުން އިސްރާއީލުގެ ސިފައިން މަދުވެގެން 122 މީހުން ޝަހީދުކޮށް އަދި 270 މީހުންން ޒަޚަމް ކޮށްލާފައިވެއެވެ.
އާދިއްތަ ދުވަހު ޣައްޒާގައި ތިބި ތިން އަންހެން ރަހީނުން ދޫކޮށްލެވޭނެ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކު ބުނެފައިވެއެވެ.