ރާއްޖެ މިހާރު މި އޮތް ހާލަތަށް އައުމުގެ އެންމެ ބޮޑު އަސްލަކީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުންކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.
ޝިފާޒް މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީން ގެނެެސްދިން "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރަޓްސްގެ ނައިބު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ 11 ޖެނުއަރީ 2025 ގައެވެ. އަދި ޝިފާޒް މިހާރު ވަނީ އެމްޑީޕީގެ މެމްބަރޝިފް ފޯމް ޕާޓީގެ އޮފީހަށް ހުށަހަޅުއްވައިފައެވެ.
ޝިފާޒް ޑިމޮކްރަޓްސް ދޫކޮށް އެމްޑީޕީއަށް އެނބުރި ވަޑައިގަތުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ކުރިން އުޅުއްވި ޕާޓީ ދޫކޮށް އަލުން އެމްޑީޕީއަށް ވަޑައިގަތީ މާބޮޑު ތަފާތެއް އޮވެގެން ނޫންކަމަށާއި އެއީ ފުޅާދާއިރާއެއްގައި ސިޔާސީ މަސައްކަތް ކުރެއްވުމަށް ކަމަށެވެ. ޝިފާޒް ވިދާޅުވީ އެމްޑީޕީއަށް އެނބުރި އައުން އެއީ މާ ޚާއްސަކަމެއްގެ ގޮތުގައި ސިފަ ނުކުރެއްވޭ ކަމަށާއި ސަބަބަކީ އޭރުވެސް އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދެވީ އެއް ފިކުރެއްގެ ދަށުން ނުވަތަ އެއް އައިޑިއޮލޮގީއެއްގެ ދަށުން ކަމުގައި ވުންކަމަށެވެ.
ޝިފާޒް ވިދާޅުވީ ރާއްޖެ މިއަދު މިއޮތީ ތަފާތު ދެ ފިކުރެއްގައި ކަމަށާއި ހަމަ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ވޯޓުވެސް ބެހިގެން އަންނަނީ ހަމަ މި ފިކުރުގެ މައްޗަށް ކަމަށެވެ. ނަމަވެސް އިސްލާހީ މަސައްކަތުގައި މަސައްކަތް ކުރަމުން އައީ އެއް އައިޑިއޮލޮޖީއަށް ކަމަށް ވުމުން އަލުން އެނބުރި އެމްޑީޕީއަށް ވަޑައިގަތުމުގައި މާ ބޮޑު ތަފާތެއް ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.
އަލުން އެނބުރި އެމްޑީޕީއަށް އައުމަކުން ވަކި ތަފާތެއް ނުފެނޭ. ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަޅުގަނޑުމެން އެންމެންވެސް ނަޒަރު ހިންގާލީމަ އެނގޭނެ، އެއީ މުޅިން ތަފާތު ދެ އައިޑިއޮލޮޖީއެއް. ދެން ސިޔާސީ ޕާޓީތައް ގިނެވެދާނެ، އެކަމް މިއޮތީ ދެ ފިކުރެއްގެ މަތީގަ ރާއްޖެ މިއޮތީ. ވޯޓުވެސް ބެހިގެން މިދަނީ ހަމަ އެހެން. އެހެން ކަމުން މާބޮޑުތަފާތެއް ނުހުރެދާނެ ތި ވިދާޅުވި ގޮތަށް. އެއް އައިޑިއޮލޮޖީއެއްގެ މަތީގައި މަސައްކަތް ކުރަމުން އައީ، އެ އައިޑިއޮލޮޖީއަށް މާބޮޑު ބަދަލެއް ނާންނަންޏާމު ތަފާތެއް ނުފެނިދާނެ.އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު
މިހާރު މިއޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރަށް ގިނަ ބަޔަކު ފާޑު ވިދާޅުވެ، ގިނަބައެއްގެ ނުރުހުން އަމާޒުވަމުން އަންނަ އިރު، ރާއްޖެ މިހާރު މިއޮތް ހާލަތަށް ވެއްޓެން ދިމާވީ އޭރު އެ ބޭފުޅުން ނެންގެވި ޑިސިސަންގެ ސަބަބުންތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވާ ޝިފާޒް ވިދާޅުވީ ރާއްޖެ މިހާރު މި އޮތް ހާލަތަށް ވެއްޓެން ދިމާވި މައިގަނޑު ސަބަބަކީ ރާއްޖޭގެ މާލީ ހާލަތު ކަމަށާއި އެއީ އޭރު އެބޭފުޅުން ނެންގެވި ޑިޒިޝަންގެ ސަބަބުން ދިމާވި ކަމެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޝިފާޒް ވިދާޅުވީ ރާއްޖޭގެ މާލީހާލަތު ގޯސްވެ، ގައުމު މިހާ ހިސާބަށް ދިޔައީ މިއަދަކު ނޫން ކަމަށާއި އެއީ ރައީސް މުއިއްޒުގެ ސަރުކާރު އައުމުގެ ކުރިން ވެސް ދިމާވެފައި އޮތް މައްސަލައެއް ކަމަށެވެ. ޝިފާޒް ވިދާޅުވީ އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެނީ ރާއްޖޭގެ މާލީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އައުން ކަމަށާއި އެގޮތުން މިހާ ހިސާބަށް އައި އިރު، މިއޮތީ އެކަން މާބޮޑަށް ގޯދްވެފައިކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މީގެ އިތުރުން ޝިފާޒު ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރިކަން، ކުރީ ބައިގައި އެނގިވަޑައިގެންނެވި ނަމަ، އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަަށެވެ. ވެރިކަން ބަދަލު ކުރުމުގެ ޒިންމާ އާއި ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެކަން ކުރެވޭނީ މަޖިލީހަށް ކަމަށް ޝިފާޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ޝިފާޒުގެ އިތުރުން ކުރިން އެމްޑީޕީގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އެގޮތުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލްއުސްތާޛް ޙަސަން ލަޠީފް (ޙަސަންކޮ) އާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ އިތުރުން، ޙުސެއިން އަމްރު ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. މި ބޭފުންނަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމުގެ ތެރޭގައި، ދަ ޑިކޮމްރަޓްސް އުފައްދަވައި، އެ ޕާޓީގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އެގޮތުން އަމްރު އަކީ 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު އެވެ. ޑިމޮކްރަޓްސް އިން ވަކިވުމާ ހަމައަށް ޙަސަން ލަޠީފް ހުންނެވީ އެ ޕާޓީގެ ރައީސްކަމުގަ އެވެ. ޝިފާޒު ހުންނެވީ އެ ޕާޓީގެ ނައިބު ރައީސްކަމުގަ އެވެ.
އެމްޑީޕީގައި ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވުމުން، އެ ޕާޓީގެ އިސްވެރިން އަދި އާންމު މެމްބަރުން ވެސް އަންނަނީ އެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވަމުންނެވެ.