ކުރީގެ ބަންޑާރު ނައިބު އަލްއުސްތާޛް އިބްރާހީމް ރިފްއަތު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކޮށްފި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބަންޑާރަ ނައިބުގެ މަޤާމު އަދާ ކުރެއްވި ރިފްއަތު އޭސީސީ އަށް ޙާޒިރު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގައެވެ. ރިފްއަތު އޭސީސީ އަށް ހާޒިރުވި ވަގުތު، އެ ސަރަހައްދުގައި އެމްޑީޕީގެ މެމްބަރުން ވަނީ އެއްވެ، އަޑު އުފުލައިފަ އެވެ.
އެމްޑީޕީ ސަރުކާރުގެ އިސްވެރިން އޭސީސީ އަށް ޙާޒިރު ކުރަން ފަށާފައިވާއިރު، މިދިޔަ އާދީއްތަ ދުވަހު ވަނީ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އޭސީސީ އަށް ހާޒިރު ކޮށްފަ އެވެ. އޭގެ ފަހުން ހޯމަ ދުވަހު ވަނީ އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވެސް އޭސީސީ އަށް ހާޒިރު ކޮށްފަ އެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ބުދަ ދުވަހު އޭސީސީ އަށް ހާޒިރު ކޮށްފައިވާއިރު، ބުރާސްފަތި ދުވަހު ރިފްއަތު ހާޒިރު ކުރުމާ އެކު، ކުރީ ސަރުކާރުގެ ހަތަރު ބޭފުޅަކު މި ވަނީ މި ހަފުތާގެ ތެރޭގައި އޭސީސީއަށް ހާޒިރު ކޮށްފަ އެވެ.
އިދިކޮޅު ޕާޓީގެ ދައުރަށް ހުރަސް އަޅަން ސަރުކާރުން ރާވައިގެން އެމްޑީޕީގެ އިސްވެރިން އަދި އެމްޑީޕީ ސަރުކާރުގެ ވަޒީރުން އޭސީސީއަށް ހާޒިރު ކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ޚާއްސަކޮށް މިއީ ސަރުކާރާ ދެކޮޅަށް އެމްޑީޕީ އިން ކުރިއަށް ގެންދާ ހަރަކާތްތައް ފަހަތަށް ޖައްސައި، އެމްޑީޕީގެ އިސްވެރިން އަދި މެމްބަރުންނަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އޭސީސީއަށް ހާޒިރު ކުރަމުންދާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން ރައީސް ސާލިހު ވިދާޅުވެފައި ވަނީ އެމްޑީޕީގެ އިސްވެރިން އެންޓި އޭސީސީ އަށް ހާޒިރު ކުރަނީ، މިނިވަން މުއައްސަސާ ތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން، އެމްޑީޕީގެ މެންބަރުންނަށް ބިރު ދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ގޮތުގައި ކަމަށެވެ.
މީގެ އިތުރުން ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މި ޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށް ރައީސް ސާލިޙް ވިދާޅުވެފައިވެ އެވެ.