މި ސަރުކާރު އައިސް މި ވީ ދުވަސްތަކުގައި ގިނަ ކުންފުނިތަކަށް އެއްވެސް ގޮތަކަށް 'ޕޭ' ނުކުރާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު ވިދާޅުވީ "ގިނަ ކުންފުނިތައް މިހާރު ހުރީ ބަނގުރޫޓުވާ ހާލާތުގައި؛" ކަމަށެވެ.
ސަރުކާރުން ކުންފުނިތަކަށް ދައްކަން ހުރި 500 މިލިއަނަށް ވުރެ ގިނަ ފައިސާ މި ހަފްތާ ތެރޭގައި ދޫކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯނޑެއްދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.
މުއިއްޒުގެ ވާހަކަފުޅުގައި ސަރުކާރުން އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން އައި ކަމުގައި ވަނީ ވިދާޅުވެފައެވެ. އެ ގޮތުން މި ހިނގާ ހަފްތާ ތެރޭގައި ވެސް ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް 500 ށް ވުރެ ގިނަ މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ދިވެހި އެކިއެކި ކުންފުނިތަކަށް ދޫކުރާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒުގެ ސަރުކާރުން ދޫކުރާ ގިނަ ފައިސާ އަކީ ކުރީ ސަރުކާރުގައި ނުދެވި ހުރި ފައިސާ ކަމަށް އިޝާރާތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެފައިސާ ނުދެވި ހުރީ "ކުންފުނިތައް ހިންގަން ނޭގުމުގެ ސަބަބުން ކަމަށްވެސް ވެދާނެ؛" ކަމަށެވެ.
ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ ރައީސް މުއިއްޒުގެ މި ވާހަކަފުޅަށް ރައްދު ދެއްވާ ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ވެސް ދިމާނުވާ ފަދަ ދަތި އުނދަގޫ، ކޮވިޑް-19 ގެ ހާލަތުގައި އަދި ޔޫކްރެއިން ހަނގުރާމަ ފެށިގެން އައި ދުވަސްވަރު ވެސް ކުރީ ސަރުކާރުން އައީ ބިލްތަކަށް ފައިސާ ދައްކަމުން ކަމަށެވެ.
ކުންފުނިތަކަށް ނުދީ ހުރި ފައިސާ ދެއްވާނެ ކަމަށް މުއިއްޒު އެތައް ފަހަރަކު ވަނީ ވިދާޅުވެފައެވެ. އެގޮތުން ހުސްވި އަހަރުގެ އޮގަސްޓު މަހު ނިމެމުން ދަނިކޮށް ސަންގު ޓީވީ އަށް ދެއްވި ބަސްދީގަތުމެއް ގައިވެސް ކުންފުނިތަކަށް ނުދީ ހުރި ފައިސާ ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ މަސައްކަތްތެރިންނަށް، ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ދޭން ހުރި ފައިސާ، އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި ދެ މަސްތެރޭގައި ހަމަ ދެމުން ދެމުން އަޅުގަނޑުމެން ދާނީ،" ރައީސް ވިދާޅުވިއެވެ.
ސަންގުޓީވީ ގައި ރައީސް މުއިއްޒު ދެއްކެވި މި ވާހަކަފުޅަށް އިޝާރާތް ކުރައްވާ އަމީރު ފާހަގަ ކުރެއްވީ ކުންފުނިތަކަށް ދައްކަން ހުރި ފައިސާ މި ދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ދައްކާނެ ކަމަށް ވިދާޅުވެ އިއުލާނު ކުރެއްވި ކަމަށާއި، "އޭގެ ފަހުންވެސް 3 މަސް" ވެގެން ދިޔައިރު އެކަން އެގޮތައް ކުރައްވާފައި ނުވާ ކަމަށެވެ.
"އިއްޒަތްތެރި ރައީސް މުއިއްޒު، އެއް ދޮގެއް މާ ގިނައިން ތަކުރާރު ކުރީމަ މީހުންނަށް އޮޅުވާލެވޭނެ ކަމަށް ހީކުރިޔަސް ހަގީގަތް އޮޅުވާ ނުލެވޭނެ." އަމީރު އެކްސް ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.