ކ. މާލެ
|
26 ނޮވެންބަރ 2024 | އަންގާރަ 15:16
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
މީޑިއާ ކޮންޓްރޯލް ބިލް
ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް އޮތް، މީޑިއާ ކޮންޓްރޯލް ބިލް އަނބުރާ ގެންގޮސްފި
ބިލް އަނބުރާ ގެންދިޔަކަން ހާމަކުރެއްވީ އަންގާރަ ދުވަހު
ބިލް އަނބުރާ ގެންގޮސްފައި މި ވަނީ މީޑިއާތައް ކޮންޓްރޯލް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް

މީޑިއާ ކޮންޓްރޯލް ބިލް އަނބުރާ ގެންގޮސްފިއެވެ.

މި ބިލް އަނބުރާ ގެންގޮސްފައި މި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރާނެ ކަމަށާއި، މީޑިއާތައް ކޮންޓްރޯލް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ 13 ނޮވެންބަރު 2024 ގައި ބޭއްވި ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު އެވެ. ބިލު ގާނޫނަކަށް ވުމުން، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވޭނެއެވެ. ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއި ފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅައި، ބްރޯޑްކާސްޓިން ދާއިރާވެސް ހިމެނޭހެން މީޑިއާގެ ކަންކަން ތަންފީޒުކުރުމަށް ވަކި މުއައްސަސާ އެއް އުފެއްދުމަކީ މިގާނޫގެ މަގްސަދު ކަމަށް ބުނެފައިވާއިރު، މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނުން އެކުލަވާލާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ނޫސް މަޖައްލާ ޖޫރިމަނާ ކުރެވޭ އިރު، އަދި ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުން ޖޫރިމަނާ ކުރެވޭނެއެވެ.

ބިލް އަނބުރާ ގެންދިޔަކަން ހާމަކުރެއްވީ އަންގާރަ ދުވަހުއެވެ. މި ބިލާއި ގުޅޭ ގޮތުން މަޖިލިސް މެމްބަރުން ވަނީ އެކި ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، މި ބިލް ހުށަހެޅުމުގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ފާހަގަކޮށް، ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލު ނުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސަރުކާރުން ހާމަކުރަމުންދަނީ އެބޭފުޅުން ބޭނުންވާ ވަކި މައުލޫމާތުތަކެއް ހަމަ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މީގެ އިތުރުން މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ވަނީ ސިއްރުކޮށްފައެވެ. ތަކުރާރުކޮށް އެސުވާލު ކުރި ނަމަވެސް އެއަދަދު މިހާތަނަށް ހާމަކޮށްފައިނުވެއެވެ. އަދި މިޑީއާ ބިލަށް ތާއީދު ނުކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، އެބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު އަމިއްލަފުޅު ގޮތުން ހުށަހެޅުއްވި ބިލެއް ކަމަށް ވިޔަސް ރައްޔިތުން މަޖިލީހުގެ މެންބަރުން ތުހުމަތު ކުރައްވަނީ އެއީ ސަރުކާރުން ހުށައެޅުއްވި ބިލެއް ކަމުގައެވެ.

- ކޮމެންޓް