ވަކި ވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެ ބިލު ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ. އެ ބިލުގައި ބްރޯޑްކާސްޓަރުން އަދި ރާއްޖޭގައި ނޫސް މަޖައްލާތައް ހިންގުމުގައި އަމަލުކުރަން ޖެހޭ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވެފައި ވަނީ، އެ ބިލަކީ ރައީސް ޑޮކްޓަރުު މުޙައްމަދު މުޢިއްޒުގެ އަމުރަށް ސަރުކާރުން ރާވައި ހިންގައިވެން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އެހެންކަމުންް ތުޅާދޫ ދާއިރާގެ މެމްބަރު ލައްވައި ރައްޔިތުންގެ މަޖިލީހުގައި ހާވާ ހަޑި ކުށްވެރި ކުރާ ކަމަށް ވެސް މީކާއީލް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން އަންގާރަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި 52 ސަފްހާ ހިމެނޭއިރު، ތުޅާދޫ ދާއިރާގެ މެމްބަރު އެ ބިލު ރަނގަޅަށް ކިޔާފައި އޮތް ކަމެއް ވެސް ނޭނގޭ ކަމަަށް މީކާއީލް ފާހަގަ ކުރެއްވި އެވެ. އެގޮތުން އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ ސީދާ ބަންޑާރަ ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން ކަމަށް ވެސް މީކާއީލް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މީކާއީލް ވިދާޅުވީ 52 ސަފްހާގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ ބިލު ކިޔާލުމަށް މެމްބަރުންނަށް 24 ގަޑިއިރު ވެސް ނުލިބޭކަން ފާހަގަ ކުރައްވައި މީކާއީލް ވަނީ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޢަބްދުއް ރަހީމް ޢަބްދުﷲ އަށް ފާޑު ވިދާޅުވެފަ އެވެ.
ސަރުކާރުން ރާވައި ހިންގައިގެން، ރައީސް ޑޮކްޓަރު މުޢިއްޒުގެ އަމުރަށް ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ލައްވައި މި ތަނުގައި ހާވާ ހަޑި ހަރުކަށި އިބާރާތުން އަޅުގަނޑުމެން ކުށްވެރި ކުރަން. ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ނޭނގޭ ފަންސާސް ދެ ޕޭޖުގެ މި ސަފްހާ ކިޔާލި ކަމެއް ވެސް. މިއީ ސީދާ ބަންޑާރު ނައިބުގެ އޮފީހުގެ ތެރެއިން ފަރުމާ ކުރެވިގެން މި ތަނަށް ފޮނުވާފައިވާ ބިލެއް. މި ރައްޔިތުންގެ މަޖިލީހަށް ބިލުތައް ހުށަހަޅާއިރު، ފަންސާސް ދެ ސަފްހާގެ ބިލު މި ތަނަށް ހުށަހަޅާއިރު އަޅުގަނޑުމެންނަށް މި ކިޔާލަށް ސައުވީސް ގަޑިއިރު ނުދެއްވައޭ މަނިކުފާނު.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް![]()
މީގެ އިތުރުން މީކާއީލް ވިދާޅުވެފައި ވަނީ މިއަދު ކަންކަން ހިނގަމުން އަންނަ ގޮތް ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށް މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވާ ކަމަށެވެ.
ތުޅާދޫ ދާއިރާގެ މެމްބަރަކީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ނަމަވެސް، އެ މެމްބަރު ހުށަހަޅުއްވާ ބިލުތަކުގެ ދިފާއުގައި ޕީއެންސީގެ މަޖިލިސް މެމްބަރުން "ބަދަހިކޮށް" ތިއްބެވުމަކީ ވަރަށް ސާފުކޮށް ފެންނަ ކަމެއް ކަމަށް ވެސް މީކާއީލް ވަނީ ވިދާޅުވެފަ އެވެ.
މީކާއީލް ވިދާޅުވީ އެ ބިލުގެ މަގުސަދަކީ ދިވެހި ރާއްޖޭގެ މީޑިއާގައި ތަޅު އަޅުވާން ފޮނުވާފައިވާ ބިލެއް ކަމަށެވެ. އަދި މީޑިއާތައް ފަހަތަށް ޖައްސާލައި، ނޫސްވެރިންގެ އަނގައިގައި ތަޅު އަޅުވަން ފޮނުވާފައިވާ ބިލެއް ކަމަށް ފާހަގަ ކުރައްވައި މީކާއީލް ވިދާޅުވީ، މިއަދަކީ ދިވެހި ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައި ފަހަތަަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
މީގެ ކުރިން ވެސް ތުޅާދޫ ދާއިރާގެ މެމްބަރު ވަނީ މީޑިއާ ތަކާ ގުޅުން ހުރި ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް މީޑިއާ ތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ދިވެހި ރައްޔިތުންގެ ޕްރެޝަރާ އެކު އެންމެ ފަހުން ވަނީ އެ ބިލު އަނބުރައި ގެންގޮސްފަ އެވެ.