ކ. މާލެ
|
23 ނޮވެންބަރ 2024 | ހޮނިހިރު 13:53
ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ވަރުބަލިވެފައިވާ އިޒްރޭލުގެ ސިފައިންގެ މީހަކު ހަނގުރާމައިގެ އުޅަނދެއްގެ ކުރިމަތީގައި ހުއްޓިގެން
ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ވަރުބަލިވެފައިވާ އިޒްރޭލުގެ ސިފައިންގެ މީހަކު ހަނގުރާމައިގެ އުޅަނދެއްގެ ކުރިމަތީގައި ހުއްޓިގެން
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެ އަމިއްލަ އަށް މަރުވާ އިޒްރޭލު ސިފައިން ގިނަވަނީ
ޣައްޒާ އާއި ލުބުނާނުގައި ހިނގަމުންދާ ދިގުލީ ހަނގުރާމައިގެ ސަބަބުން ނަފްސާނީ މައްސަލަތަކާ ކުރިމަތިވެގެން އެތައް ސިފައިންނެއް އަމިއްލަ އަށް މަރުވެފައިވާ ކަމަށް އިޒްރޭލުގެ ނޫހަކުން ވަނީ ރިޕޯޓު ކޮށްފައެވެ. 

ޣައްޒާ އާއި ލުބުނާނުގައި ހިނގަމުންދާ ދިގުލީ ހަނގުރާމައިގެ ސަބަބުން ނަފްސާނީ މައްސަލަތަކާ ކުރިމަތިވެގެން އިޒްރޭލުގެ އެތައް ސިފައިންނެއް އަމިއްލަ އަށް މަރުވެފައިވާ ކަމަށް އިޒްރޭލުގެ ނޫހަކުން ބުނެފިއެވެ. 

ހުކުރު ދުވަހު އިޒްރޭލުގެ ދުވަހު ނޫސް "އީޑިއޮތް އާރޮނޮތް" އިން ރިޕޯޓުކުރި ގޮތުގައި އަމިއްލައަށް މަރުވި މީހުންގެ އަދަދު ކަށަވަރު ނުކުރެވޭ ކަމަށާއި، އެ ނޫހަށް އެނގިފައިވާ ގޮތުގައި ދާދި ފަހުން 6 ސިފައިން މަރުވި ކަން އެނގިފައިވާ ކަމަށެވެ. އަދި އަމިއްލަ އަށް މަރުވި މީހުންގެ އަދަދު މިއަށް ވުރެ މަތިވާނެ ކަމަށް ބެލޭ ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ނަފްސާނީ މައްސަލަ ތަކުގައި މަރުވި މީހުންގެ އަދަދު ހާމަ ކުރާނެ ކަމަށް އިޒްރޭލު ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް އެ މައުލޫމާތު ހާމަ ކޮށްފައި ނުވާ ކަމަށް އެ ނޫހުގައިވާ ރިޕޯޓުގައި ވެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެތައް ހާސް ސިފައިން ނަފްސާނީ ފަރުވާދޭ ކްލިނިކް ތަކުން އެހީ ހޯދާފައިވެއެވެ. އަދި މީގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންގެ ކިބައިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ޓްރޯމާގެ އަލާމާތްތައް ފެނިފައިވެއެވެ.

މި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުން އަނިޔާވި މީހުންގެ އަދަދު، ޖިސްމާނީ ގޮތުން އަނިޔާވި މީހުންގެ އަދަދަށްވުރެ އިތުރުވެދާނެ ކަމަށެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށީ 7 އޮކްޓޯބަރު 2023 ގައެވެ.

އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުމަށްފަހު، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް އިތުރުކޮށްފައިވެއެވެ.

- ކޮމެންޓް